އަވަށްޓެރި އިންޑިޔާ ސަރުކާރުން ހިންގާ ހޮސްޕިޓަލެއްގެ އިހުމާލުން މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ވައިރަސް އަށް ޕޮޒިޓިވް ވެފައިހުރި ލޭ އެޅިއްޖެއެވެ.
އިންޑިޔާގެ ނޫހެއް ކަމަށްވާ "ދަ މިނެޓްސް" އިން ބުނެފައިވާ ގޮތުގައި ހާދިސާ ހިނގާފައިވަނީ އެޤައުމުގެ ސިވަކާސީ ހޮސްޕިޓަލުގައެވެ.
އުމުރުން 23 އަހަރުގެ މާބަނޑު މީހެއްގެ ގަޔަށް އެޅިފައިވަނީ އެޗްއައިވީ ވައިރަސް އަށް ޕޮސިޓިވް ވެފައި ހުރި ލޭކަން ޔަގީންވެފައިވަނީ އަންހެން މީހާގެ ގަޔަށް ލޭ އެޅިތާ އެތައް ދުވަހެއް ފަހުން ލޭ ހަދިޔާކުރި އުމުރުން 21 އަހަރުގެ މީހާ، އެހެން ގައުމަކަށް ދިޔުމަށް ބޭނުންވާ ވިސާ ހޯދުމަށް ކޮންމެހެން ހަދަން ޖެހޭ މެޑިކަލް ޓެސްޓުތަކެއް ހެދުމުންނެވެ.
އެކަން އެނގުނު ވަގުތު ލޭ ހަދިޔާކުރި މީހާވަނީ ވަގުތުން އެކަން ސިވަކާސީ ހޮސްޕިޓަލަށް އަންގާފައެވެ. ނަމަވެސް އެއިރު އަންހެން މީހާގެ ހާލު ވަނީ ސީރިއަސްވެފައި ކަމަށް ހޮސްޕިޓަލުގެ ބައެއް ފަރާތްތަކާއި ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ބުނެއެވެ.
މި މައްސަލައިގައި ސިވަކާސީ ހޮސްޕިޓަލުގެ ލެބް ޓެކްނީޝަނެއް ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްް ކަމުގައި ބަލާ އެ ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އެ ސަހަރައްދުގެ ހެލްތް ޑިޕާޓްމެންޓްއިން ދަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން އެ ސަހަރައްދުގެ 14 ހޮސްޕިޓަލެއްގައި ހުރި ލޭތައް އަލުން ސްކްރީން ކުރުމަށް އެ ޑިޕާޓުމެންޓުން ދަނީ ބޮޑު އޮޕަރޭޝަންއެއް ހިންގަމުންނެވެ.