ޒަމާނުންސުރެ ދިވެހިންނަކީ އަވަށްޓެރި ހިންދީ ފިލްމުތައް ބެލުމަށް ފޯރި ހުންނަ ބައެކެވެ. އެންމެ ފަހުގެ ފިލްމުތައް އަބަދުވެސް ބަލާ ބައެކެވެ. އެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަންނާނުންގެ ވަނަވަރަށް ދަންދެން ފަރިތަ ބައެކެވެ. އެގޮތުން މި ބަލައިލަނީ މިއަހަރު ބޮލީވުޑުން ފާހަގަ ކޮށްލެވުނު 5 ފިލްމަށެވެ. އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބިގެންދިޔަ ފިލްމު ތަކަށެވެ.

1. ޕަދްމާވަތު

ރަންވީރު ސިންހާއި، ޝާހިދު ކަޕޫރާއެކު ދީޕިކާ ޕަޑްކޯން ލީޑު ރޯލުން ފެނިގެންދާ ސަންޖޭ ލީލާ ބަންސާލީގެ މި ފިލްމު ވެގެން ގޮސްފައިވަނީ ފިލްމް އިޢުލާން ކުރި ދުވަހުން ފެށިގެން ނޫސްތަކުގެ ފަލަ ސުރުހީއިން ޖާގަ ހޯދި ފިލްމަކަށެވެ. ފިލްމަށް ފާޑު ކިޔާ މީހުންނާއި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު މި ފިލްމުގައި ރަންވީރު ކުޅެފައިވަނީ އަލާއުއްދީން ޚިލިޖީ ރޯލެވެ. ރާނީ ޕަދުމާވަތީގެ ރޯލުން ދީޕިކާ ފެނިގެން ދިޔައިރު ޝާހިދު ކަޕޫރު ކުޅެފައިވަނީ ރާޖާ ރަވާލް ރަޓަން ސިންހްގެ ރޯލެވެ. މި ފިލްމަށް 300 ކުރޯޑް ރުޕީސް ގެ ފައިދާ ލިބުނުކަމަށް ރިޕޯޓު ކުރެވިފައިވެއެވެ.

2. ރާޒީ

ހަޤީޤީ ހާދިސާއަކަށް ބިނާކޮށް ހަދާފައިވާ މި ފިލްމުގައި ފެނިގެންދަނީ ޕާކިސްތާނުގެ އޮފިސަރަކާއި ކައިވެނިކޮށްގެން އުޅޭ އިންޑިޔާގެ ޖާސޫސެއްކަމުގައިވާ ސެހްމަތު ( އާލިއާ ބަޓް) އާއި ދެމެދު ހިނގާ ކަންތައްތަކެއްގެ މައްޗަށެވެ. މުޅި ފިލްމުގައި ސެހްމަތުގެ ވަތަނަށް ކުރާ ލޯތްބާއި ގައުމީ ޒިންމާ ދައްކުވައިދޭއިރު، ފޮރުވިފައިވާ އިޝްގީ ގުޅުން ގެނެސްދީފައިވާ ގޮތާއި ފިލްމުގައި އާލިއާ ބަޓްގެ ހުނަރުން ބެލުންތެރިންގެ ހިތްތައްވަނީ އަތުލައިގެންފައެވެ. އާލިއާ ގެ އިތުރުން މިފިލްމުގައި އިސްކޮށް ފެނިގެން ގޮސްފައިވަނީ ވިކީ ކައުޝަލްއެވެ. މި ފިލްމަކީވެސް ނިމިގެން މިދާ އަހަރުގެ އެންމެ ހިނގި އެއް ފިލްމެވެ.

3. ސަންޖޫ

މަޝްހޫރު ފިލްމީތަރި ސަންޖޭދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އިންޑަސްޓްރީގައި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު ރާޖް ކުމާރް ހިރާނީ ތައްޔާރު ކުރި މި ފިލްމަކީ މިއަހަރު އެންމެ ތަފާތު އަދި ކާމިޔާބު އެއް ފިލްމެވެ. "ދަތު" ނުވަތަ ސަންޖޭދަތުގެ ހަޔާތުގައި ދިމާވި އެކި ހާދިސާތައް ގެނެސްދީފައިވާ މި ފިލްމުގައި ސަންޖޭދަތުގެ ބައި ކުޅެފައިވަނީ ރަންވީރު ސިންހްއެވެ. ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔައިރު، ފިލްމުގައި ހަމަ އެކަނި ރަނގަޅު ފަރާތް ދައްކާފައިވުމުން ގިނަ ބައެއްގެ ފާޑު ކިޔުންވެސްވަނީ އަމާޒު ވެފައެވެ. މި ފިލްމުގައި ރަންވީރުގެ އިތުރުން ޕަރޭޝް ރަވަލް، މަނީޝާ ކޮއިރާލާ، ވިކީ ކައުޝަލް، އަނުޝްކާ ޝަރުމާ، ޖިއާ ޝާބް އަދި ޑިއާ މިރުޒާވެސް ފެނިގެންދެއެވެ.

4. ބަދާއި ހޯ

"ވިކީ ޑޯނަރ" އާއި "ޝުބް މަންގަލް ސާވްދާން" އަށްފަހު އަޔުޝްމަން ޚުރާނާގެ މި ފިލްމުން ބެލުންތެރިންގެ ފޫހި ފިލުވާލަދިނެވެ. މަޖާ އަދި އާއިލީ މި ފިލްމުން ފެނިގެންދަނީ މާމަ ދަރިއަކަށް ބަލިވެ އިނުމުން ދިމާވާ އެކިއެކި ކަންކަމެވެ. ދޮށީ އުމުރުގައި ބަލިވެ އިނުމުން އެކަން މުޖުތަމައު ބަލައިގަންނަ ގޮތާއި އެކަމުގެ ސަބަބުން ދިރިއުޅުމަށް އަންނަ ބޮޑު ބަދަލު މަޖާ ގޮތަކަށް މި ފިލްމުގައި ދައްކުވައިދެއެވެ. މި ފިލްމުން ސަންޔާ މަލްހޯތުރާ، ނީނާ ގުޕްތާގެ އިތުރުން ގަޖްރާޖް ރަކްވެސް ފެނިގެންދެއެވެ.

5. ސްޓްރީ

ބިރުވެރި ނަމަވެސް މަޖާ މި ފިލްމަކީ މިއަހަރު ފެނިގެންދިޔަ ތަފާތު އަދި ބެލުންތެރިންގެ ތަރުހީބު ލިބިގެންދިޔަ ފިލްމެކެވެ. ޑިނެޝް ވިޖަންގެ މި ފިލްމުގައި ހިމެނެނީ ޝްރައްދާ ކަޕޫރު، ރާޖް ކުމާރު ރާއޯ، ޕަންކަޖް ޓްރިޕަތީ އަދި އަޕްރަކްޝަތީ ޚުރާނާއެވެ. ރޫޚާނީ ކަންތައްގަނޑެއް ދައްކުވައިދޭ މިފިލްމުގެ ދެވަނަ ބައެއް މިހާރުވަނީ ދާދި ނިމުމަކާ ކައިރީގައި ކަމަށް ފިލްމުގެ ޑައިރެކްޓަރ ވަނީ ހާމަކޮށްފައެވެ.

މި ފިލްމުތައް ނޫނަސް ސޯނޫ ކެ ޓިޓު ކި ސްވީޓީ ، ގޯލްޑް، ވީރޭ ޑި ވެޑިންގ އަދި ޒީރޯ އަކީވެސް ފާހަގަކޮށްލެވޭ ފިލްމުތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.