މީގެ ތިން އަހަރު ކުރިން ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި އާދަޔާ ހިލާފު ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ(ޓީވީ މުއާ) ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މުއާޒު މިރޭ ވިދާޅުވީ، ކުރީގެ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވުމަށް ފަހު، އެ ދަތުރުފުޅާ ގުޅޭ މައުމޫލާތު ހިއްސާކުރެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް އެދިވަޑައިގެންނެވި ކަމަށާއި، އެއީ ސައުދީ ރަސްގެފާނު ހިއްސާ ކުރެއްވި ވާހަކަފުޅު ތަކެއް ކަމުގައި ވިދާޅުވި ކަމުގައެވެ. ނަމަވެސް އެހެން ފަހަރު ތަކާއި ހިލާފަށް އެމަނިކުފާނު ބޭނުންފުޅުވީ މާލެ ވަޑައިގެން ރަސްމީ ފާލަންމަތީގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.

"ސައުދީގައި ހުންނަވާފައި ރައީސް ޔާމީން ގުޅުއްވާފައި ވިދާޅުވި ރައްޔިތުންނާ ހިއްސާކުރަން ބޭނުންވާ މުހިންމު މައުލޫމާތު ހުރިކަމަށް ވިދާޅުވި. އެއީ ސައުދީ ރަސްގެފާނު ހިއްސާކުރެއްވި ވާހަކަފުޅުތައް. ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް އެދުނު. ރަސްމީ ފާލަމަށް ހުރިހާ ނޫސްވެރިން އެތަނަށް އެއްކޮށް ދިނުމަށް ދެންނެވީ،" މުއާ ވިދާޅުވިއެވެ.

މުއާޒު އިތުރަށް ވިދާޅުވީ "އަޅުގަނޑު އޭރު ރައީސް ޔާމީން ރިސީވްކުރަން ދާން އޮތީވެސް އޭރުގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަރިހުގައި. އެހެންނަމަވެސް ކުއްލިއަކަށް އަޅުގަނޑަށް ލިބުނީ ނައިބު ރައީސް އާލާސްކަންފުޅެއްގައި އުޅުއްވާ ކަމަށް. އާންމުކޮށް ރައީސް ފްލައިޓުން ފައިބާ ވަޑައިގަންނަވާފައި ވީވީއައިޕީ ލޯންޖު ތެރޭގައި މަޑުކޮށްލަވާނެ. އެހެންނަމަވެސް އެ ދުވަހު ރައީސް މަޑުކުރައްވާފައިވާ ކަމުގެ މައުލޫމާތެއް އަޅުގަނޑަކަށް ނުލިބޭ. ރައީސް ވަޑައިގެންނެވީ ލޯންޗުކޮޅުގައި،" 

މުއާޒް ވިދާޅުވީ ރައީސް ޔާމީން ލޯންޗުކޮޅަށް އަރައިވަޑައިގެންނެވުމަށް ފަހު އެމަނިކުފާނު އާންމުކޮށް އިށީނދެވަޑައިގަންނަވާ ސީޓުކޮޅު ނޫން އެހެން ސީޓުކޮޅެއްގައި އިށީނދެވަޑައިގެންނެވިކަން ފާހަގަކުރެވުނު ކަމަށާއި ރައީސް ޔާމީން އާންމުކޮށް އިށީނދެވަޑައިގަންނަވާ ސީޓުކޮޅުގައި އެދުވަހު އިށީނދެވަޑައިގެންނެވީ ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ކަމަށެވެ.

"ގޮވުމަށްފަހު އަޅުގަނޑަށް ފެނުނީ ފަސްޓް ލޭޑީ އަޅުގަނޑުގެ ފައި ބުޑަށް ވެއްޓިވަޑައިގެން އޮންނެވި މަންޒަރު. އެކަމަނާގެ ބުރަކަށީގައި ވަރަށް ބޮޑު ރިހުމެއް ހުރީމަ އެކަމަނާ އެދިވަޑައިގެންނެވީ އެކަމަނާ ނުއުފުއްލެވުމަށް. އެހެންވީމަ ދަމާފަ ކަހަލަ ގޮތަކަށް އަޅުގަނޑުމެން އެކަމަނާ ބޭރަށް ނެރެން ޖެހުނީ. އޭރު އަޅުގަނޑަށް ރައީސް ޔާމީން ފެނިވަޑައެއްނުގަންނަވާ. ގިނަ ބައެއްގެ ރުއިމުގެ އަޑުވެސް އިވުނު. އިސްތަށިފުޅަށް ބުރައިގެން ގޮސްފައި ހުރި ކުނޑިކޮޅު ފޮޅުއްވާލައްވަމުން ރައީސް ނުކުމެވަޑައިގެންނެވީ،" މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ފުލުސް އޮފޯހަށް ހާޒިރުކުރުމުން ބަޔާން ދީފައިވާނެ ކަމަށާއި، އަދި ލޯންޗުކޮޅުގައި އެ ހާދިސާ ހިނގިއިރު އަލިފާނުގެ އެއްވެސް އަސަރެއް ހުރިތޯ ފުލުހުން އޭނާ އާއި ސުވާލުކުރެއްވި ކަމަށާއި، އެތަނުން 
އަލިފާނުގެ އެއްވެސް ކުލައެއް، އަސަރެއް ފެނިފައިނުވާނެ ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށާއި، ނަމަވެސް ފަހުން ރައީސް އޮފީހަށް ހާޒިރުކޮށް އޭރުގެ ހޯމް މިނިސްޓަރު އަދި އެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޝަންގައި އިސްކޮށް ހަރަކާތްތެރިވި އުމަރު ނަސީރު ވީޑިއޯއެއް ދެއްކެވި ކަމަށް މުއާޒް ވިދާޅުވިއެވެ.

"އަޅުގަނޑު ގޭގައި ހުއްޓައި އުމަރު ނަސީރު ވިދާޅުވަނީ ވަރަށް އަވަހަށް ރައީސް އޮފީހަށް އައުމަށް. ދިޔައިރު އާންމުކޮށް ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ތަނުގައި ޕްރޮޖެކްޓަރެއް އެޅުވުމަށް ތައްޔާރުކޮށްފައި ހުރީ. ސީޑީއެއް ނޫސްވެރިންނަށް ދައްކުވައިދިނުމަށް އުމަރު އެދުނު. އުމަރު ދެންނެވީ ވީޑިއޯ ދައްކާފައި ނޫސްވެރިންގެ ބައްދަލުވުން ނިންމާލުމަށް. އަލިފާނުގެ ކުލައެއް ފެނުނީ ކޮމިޝަންގެ އިސް ބޭފުޅެއްގެ ހައިސިއްޔަތުން އުމަރު ނަސީރު ދެއްކެވި ވީޑިއޯއިން،" އޭނާ ވިދާޅުވިއެވެ.

މުއާޒް އިތުރަށް ވިދާޅުވީ އެ ވީޑިއޯއަކީ ރައީސް އޮފީހުގެ ކެމެރާއިން ނަގާފައިވާ ވީޑިއޯއެއް ކަމަށް ދެންނެވި ކަމަށާއި އެކަމަކު މާލޭގެ ފަޅަށް ވަންނަތަނުން ފެށިގެން ވީޑިއޯ ކުރުމަށް ކެމެރާމަނަށް އަންގާފައިނުވާނެ ކަމަށެވެ. އަދި ކެމެރާމަނަށް އަންގާފައިވާނީ ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *