މަނީ ލޯންޑަރިންގް ގެ ތުހުމަތު ތަކަކާއި ގުޅިގެން، ކުރީގެ ރައީސް ޔާމީނާއި ދެކޮޅަށް ހުށަހެޅި ހެކީންގެ ގޮތުގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، ޔާމީންގެ ވެރިކަމުގައި، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ގެ ނަން ދީފިއެވެ.
މަނީ ލޯންޑަރިންގްގެ މައްސަލައާއި ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި، ރައީސް ޔާމީންއާ ދެކޮޅަށް ހުށަހެޅި ހެކީންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އޭސީސީގެ ރައީސް ހަސަން ލުތުފީ އަދި އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ހިމެނިވަޑައިގަންނަވައެވެ.
މިއަދުގެ އަޑުއެހުމުގައި ވާހަކަފުޅުދައްކަވަމުން ވެސް ޔާމީން ވަނީ އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާ ނޫން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. އަދި އެއީ އެސްއޯއެފްގެ އެކައުންޓަކުން ފޮނުވި ފައިސާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އަޑުއެހުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާއަކީ ކޮން ކުށެއް ކޮށްގެން ކުރާ ދައުވާއެއް ސާފުނުވާ ކަމަށެވެ.
ޔާމީން އެހެން ކޮންމެ އަޑު އެހުމެއްގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، އޭސީސީގެ ރައީސް އާއި ނައިބު ރައީސް އަދި ދައުލަތުން ވަނީ ރައީސް ޔާމީންއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ. މީގެއިތުރުން ޔާމީން ފުލުހަށް ހާޒިރުކުރެއްވުމުން ދެއްވާފައިވާ ބަޔާނެއް ވެސް ވަނީ ހެއްކެއްގެ ގޮތުގައި ދައުލަތުން ވަނީ ހުށައަޅާފައެވެ.