އިންސާނާ ދުނިޔެއަށް ފޮނުއްވެވީ، އިންސާނާ ހެއްދެވި ރަސްކަލާނގެ، އުޑާއި، ބިމާއި، އެންމެހާ ތަކެތި އުފެއްދެވި އަދި ހުރިހާ ދިރުމެއް ދުނިޔެއަށް ލެއްވެވި ރަސްކަލާނގެ، އަޅުކަން ކުރުން ހަމައެކަނި ހައްގުވެގެންވާ ފަރާތް، ﷲ ސުބްހާނަހޫ ވަތައާލާއަށް އަޅުކަން ކުރުމަށްޓަކައެވެ. ދުނިޔެވީ ހަޔާތުގައި ﷲ ސުބްހާނަހޫ ވަތައާލާ އެންގެވި ގޮތަށް އުޅުނު މީހުން ކާމިޔާބު ވާނޭ ކަން ކީރިތި ޤުރްއާނުގައި އެތަށް ފަހަރެއްގެ މަތިން ވަހީ ކުރައްވާފައިވެއެވެ. އަދި އެކަލާނގެ އާޔަތްތަށް ދޮގުކޮށް ޝައްކު ކުރި މީހުންނަށް ގަދަފަދަ ވެގެންވާ އަޒާބު ދެއްވާނެކަންވެސް އަންގަވާފައިވެއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ، އައްސަވާ އަދި ބައްލަވާ ވޮޑިގެން ވަނީވެސް ހަމަކަށަވަރުން ﷲ ސުބްހާނަހޫ ވަތައާލާއެވެ. 

ދެރަ، އަދި އެހާމެ ބިރުވެރި ކަމަކީ މިފަދަ ވާހަކަތަށް މިއަދު މަދުން ނަމަވެސް ބައެއް ދިވެހިންނަށް އަހާލަން އެހާ ފަސޭހަ ނުވާތީއެވެ. މޫމިނަކު ރަނގަޅު ނަސޭހަތެއް ދީފިނަމަ، އެ ނަސޭހަތުގެ ދަލީލު ކީރިތި ގުރްއާނުގައި ހުރިތޯ ސުވާލު އުފައްދައެވެ. އަދި ކީރިތި ގުރްއާނުގައި އެ ވާހަކަ ސީދާ ކޮށް އައިސްފައި ނެތްނަމަ އެ ނަސޭހަތަކަށް ދެކޮޅު ހަދައެވެ. އިހު ޒަމާނުގައި މައްކާގެ މުޝްރިކުންވެސް ކަންތައް ކުރީ ހަމަ މިފަދައިންނެވެ. ﷲ ސުބްހާނަހޫ ވަތައާލާ ބާވައިލެއްވެވި އާޔަތްތައް ދޮގު ކުރިއެވެ. އަދި ﷲ ސުބްހާނަހޫ ވަތައާލާ ވޮޑިގެންވާ ކަމުގެ ސީދާ ހެކި ދެއްކުމަށް ބުންޏެވެ. ނުވަތަ ﷲ ސުބްހާނަހޫ ވަތައާލާގެ ހަސްރަތުން ފާޅުވެގެންވާ މުއުޖިޒާތެއް ގެނެސް ދިނުމަށް އެދުނެވެ. 

  • ކީރިތި ގުރުއާނުގައި ﷲ ސުބްހާނަހޫ ވަތައާލާ ވަހީ ކޮށްފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ.

"ހައްގަކާއި ނުލައި ބިމުގައި ބޮޑާވެގެން އުޅޭމީހުން، ތިމަންރަސްކަލާނގެ ބާވައިލެއްވި އާޔަތްތަކުން އެއްކިބާކުރައްވާހުށީމެވެ. އެއުރެނަށް ކޮންމެ އާޔަތެއް ފެނުނަސް، އެއަކަށް އެއުރެންނެއް އީމާނެއް ނުވެތެވެ. ރަނގަޅު ގޮތުގެ މަގު އެއުރެންނަށް ފެނުނަސް، އެއީ މަގެއްކަމުގައި އެއުރެން ނުހިފަތެވެ. އަދި ފުރެދުމުގެ މަގު އެބައިމީހުންނަށް ފެނިއްޖެނަމަ، އެއީ މަގެއްކަމުގައި އެއުރެން ހިފަތެވެ. އެއީ އެއުރެން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް، އަދި އެ އާޔަތްތަކާއި މެދު ޤާފިލް ވެގެންވާ ބަޔަކު ކަމުގައި އެއުރެން ވީކަމަށްޓަކައެވެ". (ސޫރަތް- އަލް އައުރާފްގެ 146 ވަނަ އާޔަށް)

މިއާޔަތުގެ މާނައަށް ބަލައިލި ކަމުގައި ވީ ނަމަވެސް ވިސްނާ ފިކުރު ކުރިމީހަކަށް، އުރެދިގެން ވާ މީހުންގެ ކަންކަން ހުއްނާނޭ ގޮތް ސާފު ވާނެއެވެ. އުރެދުނު މީހުން ގުރުއާނުގެ އާޔަތްތައް ދޮގު ކުރާނެއެވެ. ނުވަތަ އެއާޔަތްތަކަށް ޝައްކުވެސް ކުރާނެއެވެ. އަދި އެފަދަ މީހުން މަގު ފުރެދިގެން ދަނީ ﷲ ސުބްހާނަހޫ ވަތައާލާ ބާވައިލެއްވި އާޔަތްތައް ދޮގު ކުރާތީއެވެ. ނުވަތަ ޝައްކު އުފައްދާތީއެވެ.

ދިވެހިންގެ ތެރޭގައިވެސް މިފަދަ ކަންކަން އާންމުވާން ފަށައިފިއެވެ. ޒަމާން ބަދަލުވެ، އިންޓަރނެޓްގެ ހިދުމަތުން ގައުމު ތަރައްގީވެގެން ގޮސްފައިވާއިރު ޓްވީޓާ ނުވަތަ ފޭސްބުކް ފަދަ ވަސީލަތްތަށް ބޭނުންކޮށްގެން ދީނަށް ފުރައްސާރަ ކުރުން މިވަނީ އިތުރުވެފައެވެ. އަޅަމެން ހެއްދެވި ރަސްކަލާނގެއަށް ފުރައްސާރަ ކޮށް،  ﷲ ސުބްހާނަހޫ ވަތައާލާ މި އުންމަތަށް ފޮނުއްވެވި އެންމެ ފަހުގެ ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް ހަޖޫޖަހާ ފުރައްސާރަކޮށް ފޭސްބުކްގައި ފޮޓޯ ފަދަ ތެކެތި ކުރަހާ، ނުވަތަ އިބާރާތް ބޭނުން ކޮށްގެން މިކަން ކުރުން މިވަނީ އާންމުވެފައެވެ. ދީނުގެ އިލްމުވެރިންނަށްވެސް މިވަނީ މި ފުރައްސާރަ އަމާޒުވެފައެވެ. އެއްޗެކޭ ބުނާއިރަށް ގުރުއާނުން ދަލީލު ދެއްކުމަށް އެދޭއިރު، އެ ކީރިތި ގުރުއާން މާނައާއިއެކު ކިޔާލީ ކިތައް މީހުންތޯއެވެ؟

މިދުވަސް ވަރަކީ ކާފިރުން " ކްރިސްމަސް ދުވަސް" ފާހަގަ ކުރަމުންދާ ދުވަސް ވަރެވެ. ކްރިސްމަސް އަކީ މާތް ﷲ ތައާލާއަށް ޝިރުކު ކުރާ ބައެއް، ނުތަވަ އެކަލާނގެއަށް ބައިވެރިއަކު ލައިގެން އުޅޭ ބަޔަކު ފާހަގަ ކުރާ ޝިރުކުގެ އަމަލެކެވެ. މުސްލިމެއްގެ ގޮތުގައި ހުރެ، ތިމަންނާމީ މުސްލިމެކޭ ބުނެފައި މިފަދަ ދުވަހެއް ފާހަގަ ކުރުމަކީ އިސްލާމް ދީންނަށް ފުރައްސާރަ ކުރުމެވެ. ބައެއް މީހުން މިވާހަކަވެސް މިއަދު ގަބޫލެއް ނުކުރާނެއެވެ. އެހެނީ އެމީހުންގެ ވިސްނުން އެވަނީ ކޮށިވެ މަގު ފުރެދިފައެވެ. ކާފިރުން ﷲ ސުބްހާނަހޫ ވަތައާލާއަށް ޝަރީކު ކުރުމައް ފާހަގަ ކުރާ ދުވަސްތަށް ( މިސާލު: ހިންދޫން ފާހަގަ ކުރާ ދިވާލީ، ކްރިސްޓިއަނުން ފާހަގަ ކުރާ ކުރިސްމަސްޑޭ...) މުސްލިމުން ފާހަގަ ކުރުމަކީ ނޭނގިނަމަވެސް ޝިރުކުގެ އަމަލެއްގައި ބައިވެރި ވުމެވެ. އެފަދަ ދުވަހެއް ފާހަގަ ކުރުމާއި، ފާހަގަ ކުރުމުގައި ބައިވެރިވުމާއި، އެފަދަ ދުވަހެއްގެ މުނާސަބަތުގައި ދުލުން ބުނެލާ ބަހަކާއި ވަރަށް ތަފާތެވެ. މިފަދަ ސަބަބުތަކަށްޓަކައި ކްރިސްޓިއަނުންނަށް ވިޝް (wish) ކުރުމަކީ ގޯސް ކަމެއްނޫނޭ ބުނާ އިލްމުވެރިންވެސް އުޅެއެވެ. އަދި ވިޝް ކުރުމަކީ ބޮޑުވެގެންވާ ފާފައެއްކަމަށް ބުނާ އިލްމުވެރިންވެސް އުޅެއެވެ. މިކަމުގެ ތަފްސީލަށް ކުޑަކޮށް ޖެހިލަމާ ހިނގާށެވެ.

  • ﷲ ސުބްހާނަހޫ ވަތައާލާ މިއުންމަތަށް ފޮނުއްވެވި ނަބިއްޔާ، މުހައްމަދު صلى الله عليه وسلم ހަދީޘް ކުރައްވައިފައިވެއެވެ. 

" ކާފިރުން އުޅޭހެން އުޅެފި މީހަކު ނުވަތަ ކާފިރުންގެ އަމަލުތަކުގައި ހިފައިފި މީހަކު ހަމަކަށަވަރުންވެސް ވެގެން ވަނީ އެމީހުންގެ ތެރެއިންނެވެ." (އަބޫ ދާވޫދު:4031)

މި ހަދީޘް ގައި މިވަނީ، ކާފިރުން އުޅޭގޮތަށް އުޅުމާއި، އެމީހުންގެ އަމަލުތަކާއި، އަދި އެމީހުންގެ ޝިރުކުގެ އަމަލުތަކަށް ސަނާ ކިޔައި މަރުހަބާ ކިޔައި އެއްބައިވެއްޖެ ބަޔަކީ ހަމަ އެމީހުން (ކާފިރުން) ފަދަ ބައެކެވެ. ވަރަށް ސާފު ދެއްތޯއެވެ. ދޮގުކުރާނީ ކޮން ގޮތަކުން ތޯއެވެ؟ ދުލާއި އަމަލުތައް ރައްކައުތެރި ކުރުމަށް އިސްލާމްދީނުގައި ބާރު އަޅުއްވައިފައި ވަނީ ވަރަށް ބޮޑެތި ސަބަބުތަކަކަށްޓަކެއެވެ. އެހެނީ ދުލުން ބުނެލާ އެއްޗަކީ ތިމާއަށް ކުރެވޭ ޝިރުކަކަށް ވެދާނެއެވެ. އަދި ތިމާ ކުރާ އަމަލަކީ ޝިރުކުގެ އަމަލަކަށްވެސް ވެދާނެއެވެ. 

  • ކީރިތި ގުރުއާނުގައި ﷲ ސުބްހާނަހޫ ވަތައާލާ ވަހީ ކޮށްފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ.

"...އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤްވާ ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި އަދާވާތް ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ތަގްވާ ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ އުޤޫބާތް ގަދަފަދަ ވެގެންވާ ރަސްކަލާނގެއެވެ". (ސޫރަތް- އަލް މާއިދާގެ 2 ވަނަ އާޔަށް)

ކޮންމެ ގޮތެއްވިޔަސް ކިރިސްމަސް ފާހަގަކޮށް އެމުނާސަބަތަށް ހިތްވަރު ދިނުމަކީ ގޯސް ކަމެކެވެ. އެއީ ޝިރުކުގެ އަމަލަކަށް ހިތްވަރުދިނުމެވެ. މިކަން ވަރަށް ރަނގަޅަށް ރަސޫލާ صلى الله عليه وسلم ގެ ހަދީޘުން ސާބިތުވެއެވެ.

އާނއެކެވެ، ބުނެވިދާނެއެވެ. ޤުރުއާނުގައި ސިދާ ކްރިސްމަސްގައި މަރްހަބާ ކިއުން މަނާ ކޮށްފައެއް ނުވެއެވެ. އެކަމަކު ހަމަ އެޤުރުއާނުގައި ރަސޫލާ صلى الله عليه وسلمގެ ސުންނަތަށް އަދި ހަދީޘްތަކަށް އީމާންވާން އަމުރުކުރައްވާފައި ވެއެވެ. އެހެންކަމުން ރަސޫލާ صلى الله عليه وسلم މަނާ ކުރައްވާފައިވާނީ ހަމަކަށަވަރުންވެސް އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަންކަމެވެ. 

އެހެންކަމުން އެފަދަ އަމަލުތަކާއި ދުރުވާށެވެ. އެހެން ދީންތަކުގެ މީހުންނަށްވެސް ހެޔޮކޮށް ހިތާށެވެ. ނަމަވެސް ކާފިރުން ކުރާ ޝިރުކުގެ އަމަލުތަކުގައި، ދުލުންވެސް އަމަލުންވެސް ބައިވެރި ނުވާށެވެ. އިސްލާމްދީން ހިޔާރު ކުރުމުގައި އެންމެ ހެޔޮގޮތް ހިޔާރުކުރާށެވެ. ތިބާއަށް ވާނޭ ގޮތް ތިބާއަށްވެސް ހަމަ ނޭނގޭނެއެވެ. ނަސޭހަތެއް ދޭ މީހަކަށް ބަދު ބަހެއް ނުބުނާށެވެ. އަދި އުރެދިގެންވާ މީހުންގެ ތެރެއިން މީހަކަށް ނުވާށެވެ. އިންސާނާއަކީ އެއްވެސް އާރެއް ބާރެއް ނެތް މީހެއް، ހުރިހާ ބާރެއް ލިބިގެން ވަނީ އަޅަމެން ހެއްދެވި ރަސްކަލާނގެއަށެވެ. "ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް، އަދި ނުބައިކަމަކުން ސަލާމަތްތެރިކަމެއްވެސް ﷲ ސުބްހާނަހޫ ވަތައާލާގެ ހަސްރަތުން މެނުވީ ނުވެއެވެ". އެހެންކަމުން މޫމިނަކަށް ވުމަށް އެދޭ ނަމަ ދީނުގެ އެންމެ ރަނގަޅުގޮތްތަށް ހިޔާރު ކުރާށެވެ. ރައްކައުތެރިވާށެވެ. ހެޔޮކަމަށް ގޮވާލެވޭ ހިނދު، އެ ހެޔޮ ނަސޭހަތް ގަބޫލު ނުކޮށް ދަލީލަކަށް މަޑު ކޮށްލައިގެން ހުއްޓާ ތިބާގެ މަރު އައިސް ތިބާއާ ބައްދަލު ކޮށްލަފާނެއެވެ. މިއީ އިންސާނާގެ އެއްވެސް ބާރެއްނެތް ކަމުގެ މިސާލެކެވެ. މިހިސާބުން އަޅުގަނޑުގެ ވާހަކަ ނިންމާލާނަމެވެ. " ހައްދަވާ ބޮޑުކުރައްވާ އަޅަމެންގެ ވެރި ރަސްކަލާކޮ، އަޅަމެން އެންމެނަށް ހެޔޮ ރަޙްމަތް ދެއްވާ، ހިދާޔަތް ދެއްވާފާންދޭވެ. އާމީން " 

އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ﷲ ސުބްޙާނަހޫ ވަތައާލާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.