ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެ މަނިކުފާނުގެ އުފަން ރަށް ކަމުގައިވާ ޅ. ހިންނަވަރަށް ވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނު މިއަދު ރ. އަތޮޅަށާއި ނ. އަތޮޅަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހިންނަވަރަށް ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައި އެވެ. ރައީސް އޮފީހުން ވިދާޅުވެފައި ވަނީ، އެމަނިކުފާނު ހިންނަވަރަށް ކުރެއްވި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމުގައެވެ.
މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ރައީސް ޞާލިހް ރ.ދުވާފަރަށް ވަޑައިގެން 'އެއްބައިވަންތަކަމުގެ' ދުވަހުގެ ރަސްމިއްޔާތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ބައިވެރިވަޑައިގެން ވާހަކަފުޅު ދައްކަވާފައި ވެއެވެ. އަދި މި ދަތުރުފުޅުގައި އެ އަތޮޅުގައި އަލަށް ހުޅުވުނު، 'ކުޑަދޫ' އައިލެންޑް ރިޒޯޓް ހުޅުއްވައި ދެއްވުންވެސް އޮތެވެ އެވެ. މީގެ އިތުރުން ނ. ހެނބަދޫއަށް ވަޑައިގެން އެރަށުގައި ނަރުދަމާގެ ނިޒާމު ފައްޓަވައިދެއްވުމަށްމަށް ހަމަޖެހިފައި ވާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
މި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް މާލެވަޑައިގަންނަވަނީ މާދަމާގެ ވަގުތެއްގަ އެވެ.