ކުރީގެ ރައީސް އަބްދުﷲ ޔާމީނު، ޤާނޫނާއި ހިލާފު މާލީ މުއާމަލާތް ތަކެއް ހިންގެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ގަބޫލު ކުރެވޭނަމަ އެކަމުގައި ފުލުހުން ފަސްނުޖެހޭނެކަމަށް އެކްޓިން ކޮމިޝަނަރ އޮފ ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ، ޤާނޫނާއި ހިލާފު މާލީ މުއާމަލާތްތަކެއް ހިންގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މިމައްސަލައިގައި ރައީސް ޔާމީނު ވަނީ ފުލުހަށް ހާޒިރު ކުރެވި ސުވާލުވެސް ކުރެވިފައެވެ. އަދި މި މައްސަލައާއި ގުޅިގެން އެމަނިކުފާނުގެ އެކައުންޓުގައިވާ 100 މިލިއަން ރުފިޔާވެސް ވަނީ ފްރީޒް ކުރެވިފައެވެ.

ހަމީދު ވިދާޅުވި ގޮތުގައި ޔާމީނަށް ތުހުމަތުކުރެވޭ މައްސަލަތައް ފުލުހުންނާ ހަމައަށް އައީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުންނެވެ. އެއީ ޔާމީންގެ ވެރިކަން ބަދަލުވުމުން، އެ މުއައްސަސާ ތަކުން އިސްވެ ތަހުގީގުކުރަން ފެށި މައްސަލަތަކެއް ނޫން ކަމަށާއި އެމަނިކުފާން ވެރިކަމުގައި ހުންނަވަނިކޮށް ވެސް ފިޔަވަޅު އަޅައިދޭން އެދިފައިވާ ކަންކަން ކަމުގައި ކޮމިޝަނަރު ވިދާޅުވި ކަމަށް، 'މިހާރު' ނޫހުގައި ބުނެފައި ވެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ވާތީ، އެކަން ބަލައިދޭން ފުލުސް އޮފީހަށް ހުށަހެޅީ، އެމްއެމްއޭގައި އުފައްދާފައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. ރައީސް ޔާމީންގެ އެކައުންޓަށް ސެޕްޓެމްބަރު 5 ގައި 10 މިލިއަން ރުފިޔާ އަދި ސެޕްޓެމްބަރު 10 ގައި 12.5 މިލިއަން ރުފިޔާ ޖަމާކުރުމުން، އެކަން ބަލައިދިނުމަށް އެފްއައިޓީން ފުލުހުންނަށް ހުށަހެޅީ އިންތިހާބުގެ ކުރިންނެވެ.

އެފްއައިޔޫ ފަދަ ދައުލަތުގެ މުއައްސަސާތަކުން ހުށަހެޅި ކަންކަމަކީ ޔާމީން ވެރިކަމުގައި ހުންނެވިއިރު ވެސް ފުލުހުން ބަލަން ޖެހޭނެ މައްސަލަތަކެއް ކަމަށް ވިދާޅުވި އެވެ. އެކަމަކު، އޭރު އެ މައްސަލަތައް ހުރީ ނުބަލައި "ދޫކޮށްލާފައިވާ" ކަމަށް ހަމީދު ވިދާޅުވި ކަމަށްވެސް އެ ނޫހުގައި ބުނެފައި ވެއެވެ.

ރައީސް ޔާމީންގެ މަނީލޯންޑަރިންގެ މައްސަލަ އެފްއައިޔޫ އިން ހުށަހެޅުމުން، ތަހުގީގު ކުރުމުގެ ބަދަލުގައި ފުލުހުން އެކަން އެންގީ އެމަނިކުފާނަށް ކަމުގައިވެސް އެކްޓިން ސީޕީ ވިދާޅުވެފައި ވެއެވެ.

"ބައެއް ބޭފުޅުން އަމަލުކޮށްފައި ހުރި ގޮތުން ގާނޫނީ ގޮތުން ހިފޭނެ ކަންތައްތަކެއް އެބަ ފާހަގަކުރެވޭ. އެއީ، ޚާއްސަކޮށް ޝައްކު އުފެދޭ ޓްރާންސެކްޝަނެއްގެ މައްސަލައިގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ފުލުހުންނަށް ހުށަހެޅީމަ، އެކަން ހުށަހެޅުނުކަން ފުރަތަމަ އެކަމުގެ ތުހުމަތު ކުރެވޭ ފަރާތަކަށް ނުވެސް ދެންނެވޭނެ،" ހަމީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް (ދައުލަތުގެ އިދާރާތަކުން) ހުށަހެޅިފައި ހުރި މައްސަލަތަކުގެ ތެރެއިން ކަންކަން ބަލަމުން މި އަންނަނީ. އޭގައި އަޅުގަނޑުމެންނަށް ލިބެން ޖެހޭ މައުލޫމާތާއި ހޯދަން ޖެހޭ ހެކިތަކާއި ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރެވި ކުރިއަށް އެބަދޭ."

"އެ ތަހުގީގު ތެރެއިން ހައްޔަރުކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ފުލުހުން އެކަން ކުރާނެ. އެއީ، ރައީސް ޔާމީން ކަމުގައި ވިއަސް އަދި އެހެން ބޭފުޅަކު ވިއަސް،" ހަމީދު ވިދާޅުވި އެވެ.

ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭކަން އަމިއްލަ އަށް އިއުތިރާފްވެ ވަޑައިގެންފައިވާ، ރައީސް ޔާމީނު ސަރުކާރުގެ ބޭބޭފުޅުންނާ މެދު ފިޔަވަޅު ނޭޅި ލަސްވަނީ ކީއްވެތޯ ދެންނެވުމުން ހަމީދު ވިދާޅުވީ، އެ ތަހުގީގުތައް ވެސް ކުރިއަށްދާ ކަމަށާއި، އަދި އެ ބޭފުޅަކު ދެއްވާ ޓީވީ އިންޓަވިއުއަކުން ނުވަތަ ސޯޝަލްމީޑިއާގައި އާއްމުވާ ލިއުމަކީ، ހެކިތޯ ފުލުހުންގެ ތަހުގީގުގައި ބަލާނޭ ކަމުގައެވެ.

"އެކަމަކު ޕަބްލިކް ޑޮމެއިންގައި ހުންނަ ހުރިހާ އެއްޗަކީ މީހަކު ހިފައި ހައްޔަރު ކުރެވޭނެ ފަދަ އެއްޗެއް ކަމަށް ބައެއް ބޭފުޅުންނަށް ގަބޫލުކުރެވުނަސް އެއީ އުސޫލެއް ނޫން،" ހަމީދު ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ މައްސަލަ ތަކުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭ ފަދަ އެއްވެސް ސަބަބެއް އެއިން ކަމެއްގައި ނޯންނާނެ ކަމުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *