2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިންގެ ފަރާތުން ފެނުނު އެކުވެރިކަމާއި، އެއްބައިވަންތަކަން އަބަދުވެސް އޮންނަންޖެހޭ ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ސުނާމީ ކާރިސާއަށް 14 އަހަރު ފުރުން ފާހަގަކުރަމުން ދާއިރު، މިއަދު ނައިބު ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ސުނާމީގައި ވަކިވެދިއަ އެންމެހާ ފަރާތްތަކުގެ ހަނދާން އާކޮށް، އެފަރާތް ތަކަށް ހެޔޮ ރަހުމަތް ލެއްވުން އެދި ﷲ(ސ.ވ.ތ)ގެ ހަޒުރަތަށް ދުޢާ ދަންނަވާ ކަމުގައެވެ.
ރާއްޖެއަށް 2004 ވަނައަހަރު ކުރިމަތހިވި ސުނާމީ ކާރިސާގައި 82 މީހުން މަރުވެ 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. 2005 ވަނަ އަހަރުން ފެށިގެން މިދުވަސް ފާހަގަ ކުރެވެމުން ދަނީ، ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައެވެ.