ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު އިރުގެ ރަން ދޯދިން ދުނިޔެއަށް އަލިވިލުނީ ބޮޑު ބިރުވެރިކަމެއް ކުރިމަތިވާން އުޅޭ ކަމުގެ ރަނގަބީލާއިއެކުގައެވެ. އާދެ، މުޅި ދުނިޔެ ސިއްސުވާލި ބިރުވެރި ސުނާމީ ކާރިސާގެ ފެހި ސިގްނަލާއި އެކުގައެވެ.

ސުނާމީ ކާރިސާއަކީ އިންޑޮނޭޝިއާގެ ސްމަޓްރާގެ ކަނޑު އަޑިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ބިޔަރާޅެއް ނުވަތަ ރާޅުތަކެއްގެ ސަބަބުން ކުރިމަތި ކާރިސާއެކެވެ. ރެކްޓަރމިންގަނޑުން 9.1 އާއި 9.3 މެގްނެޓިއުޑް ބާރުމިނުގައި އަދި އެ ބިންހެލުމުގެ އަސަރު އަޅުގަނޑުމެންގެ ރާއްޖެއަށްވެސް ކުރިއެވެ. އެއީ ރާއްޖޭގެ ގަޑިން އެދުވަހުގެ ފަތިހު 5:58 ހާއިރުއެވެ. ނަމަވެސް ރާއްޖެއަށް ސުނާމީގެ އަސަރުކޮށްފައިވަނީ އެދުވަހުގެ 9:20 ހާއިރުގައެވެ.

ސުނާމީ ކާރިސާއަކީ ރާއްޖޭގެ ތާރީހުގައިވެސް ކުރިމަތިވި އެންމެ ހިތްދަތި، އަދި އެންމެ ބިރުވެރި ކާރިސާއެވެ. ރެކޯރޑް ކުރެވިފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ނުވަ ރަށެއް ފިޔަވައި ހުރިހާ ރަށަކަށް ސުނާމީގެ އަސަރުކުރިއެވެ. އަދި ރާއްޖޭގެ 20 އަތޮޅުން ގެއްލުނު މީހުންނާ މަރުވި މީހުންގެ އަދަދު 108 އަކަށް އަރައެވެ.

ސުނާމީ ކާރިސާގެ އަސަރު ރާއްޖޭގެ އެއްލައްކައެއްހާ މީހުންނަށް ކުރިއެވެ. އެއީ ރާއްޖޭގެ އާބާދީގެ ތިންބައިކުޅައެއްބައެވެ. 15،000 މީހުންގެ ގެދޮރު ގެއްލި 8،500 މީހުން ވަގުތީ ހިޔާތަކުގައި އުޅެންޖެހުނެވެ. ރާއްޖޭގެ އެތައްރަށަކުން ކަރަންޓްގެ ޚިދުމަތާއި މުއާސަލާތީ ޚިދުމަތް މެދެކެނޑިގެން ދިޔައެވެ.

ސުނާމީ ކާރިސާއާއި ގުޅިގެން ރާއްޖޭގެ ބައެއް ރަށްތައް މުޅިން ހަލާކުވެ ފަޅުވެދިޔައެވެ. ބައެެއް ރަށްރަށުން ވަގުތީ ގޮތުން މީހުން ބާލަން ޖެހުނެވެ. އެތައް ބަޔަކު ކާބޯތަކެއްޗާއި ފެނަށް ޖެހުނެވެ. އުނުއަންނާނެ އެއްޗެއް ނުލިބި މުޅި އުމުރުގައި ކުރި ބުރަ މަސައްކަތް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަނޑުގެ ރާޅާއިއެކު ގެންގޮސް މާދުރަށް ގެއްލިގެން ދިޔައެވެ.

މިހުރިހާ ހިތާމަތަކާއި ބިރުވެރިވެރިކަމާއި އެކުގައިވެސް ސުނާމީގެ ދުވަހު ދިވެހީންގެ ފަރާތުން ފެނިގެން ދިޔައީ އަހުވަންތަ ކަމުގެ ލޯތްބެވެ. ދިވެހީން ދެއްކީ ލާމަސީލު މިސާލެކެވެ. ފެނުނީ އަމިއްލަ ސަލާމަތާއި ރައްކާތެރިކާއި އެއްވަރަށް ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށް އެންމެން ހަރަކާތްތެރި މަންޒަރެވެ. ކުޑައެއް ބޮޑެއް ނެތެވެ. ހަރު މީހެއް މުސްކުޅިއެއް ނެތެވެ. އެމީހަކަށް ވެވުން ވަރަކުން އެހީއަށް ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ދިޔައީ ފޯރުކޮށްދެމުންނެވެ. ވިޔަފާރިވެރިން  އެމީހުންގެ ފިހާރަށްތައް ހުސްކޮށްލީ ރައްޔިތުންގެ ހައްގުގައެވެ. ތަނަވަސް މީހުން އެމީހުންގެ ފައިސާއިން ހަރަދު ކުރީ އިންސާނިއްޔަތައްޓަކައެވެ. ޖުމްލަކޮށް ބުނާނަމަ ސުނާމީީ ކާރިސާގެ ބިރުވެރި ދުވަހު ދިވެހީންގެ ތެރެއިން ފެނިގެން ދިޔައީ އެއްބަނޑުއެއްބަފާ ވަންތަ ކަމާއި އެއްހަށިގަނޑެއްގެ މިސާލެވެ. އެ ދުވަހު ދިވެހީން ދެއްކި އެއްބައިވަންތަ ކަމުގެ ސަބަބުން 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަސް ދިވެހީން އައީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންނެވެ. 

މީގެ 14 އަހަރު ކުރިން ދިވެހީންގެ ފަރާތުން އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ ލާމަސީލު މިސާލެއް ފެނިގެން ދިޔައިރު، އަދުގެ ހާލަތު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިއަދުގެ މުޖުތަމައުގެ ތެރޭގައި  މިވަނީ ބައިބައިވުން އުފެދިފައެވެ. އެކަކު އަނެއްކަކަށް ނަފުރަތުކުރުމާއި، މާލާމަތްކުރުން މިވަނީ އިންތިހާ ދަރަޖައަށް މައްޗަށް ގޮސްފައެވެ. ސިޔާސީ ވާދަވެރިކަމުގައި އާއިލީ ގުޅުންތަކާއި އެކުވެރި ބަދަހި ގުޅުންތައް މިވަނީ ދުރުވެގެން ގޮސްފައެވެ. ހަމަނުޖެހުމާއި ތަޅާފޮޅުމާއި މީހުންނަށް ގެއްލުން ދިނުން މިވަނީ އާންމުވެ އިތުރުވެފައެވެ. އެހެންކަމުން  މިފަދަ ދުވަހަކު އަޅުގަނޑުމެން ކުރަން އަޒުމު ކަނޑައަޅަން ޖެހޭ އެންމެ މުހިންމު އެއްކަމަކީ އެއްބައިވަންތަ އެކުވެރި މުޖުތަމައެއް ބިނާކުރުމަށެވެ. ދިވެހިންނަކީ ނަމޫނާ ބައެއްކަން އަނެއްކާވެސް ދުނިޔެއަށް ސާބިތުކޮށްދިނުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *