ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަދި މިހާތަނަށް އައިރުގައިވެސް އާ މަޝްރޫއެއް ފައްޓައިފައި ނުވާ ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ އަދި މިހާރުގެ އިދިކޮޅު ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ "ސަން.އެމްވީ" އިން ބޭއްވި "ފަންސާސް މިނެޓް" ނަމަކަށް ކިޔާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ، ހަގީގަތުގައި މި ސަރުކާރުގައި އާ މަޝްރޫއެއް ހިންގަން ފަށައިފައި ނުވާކަމަށާއި މި ސަރުކާރުން މުޅިންވެސް ކޮށްފައިވާ ކަމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ހިންގައިފައިވާ މަޝްރޫތައް އަގު ވައްޓާލުމަށް މަސައްކަތް ކުރުން ކަމަށެވެ.
"އެ ބޭފުޅުން (މި ސަރުކާރުގެ މީހުން)، އަދި މިހާތަނަށް އައިރު ހަގީގަތުގައި އާ މަޝްރޫއެއް ނުފައްޓަވައި. މުޅިންވެސް އަޅުގަނޑު ކުރެއްވި މަސައްކަތްތައް ޑިސްކްރެޑިޓް ކުރެވޭތޯ ބަލާފައި ހުރީ" މުއިއްޒު ވިދާޅުވިއެވެ.
ޕީޕީއެމް ނައިބު ރައީސް، މުއިއްޒު ވަނީ މި ސަރުކާރުން ކުރާ ހުރިހާ ކަންކަމުގައި އެމީހުން ޖަވާބުދާރީ ކުރުވާނެ ކަމަށް ވިދާޅުވެފައިކަން ފާހަގަކުރެވެއެވެ.