ތުއްތުކުދިންނަކީ އެބައެއްގެ ހަރަކާތްތަކަށް މައިންބަފައިން ބަލަބަލާ ތިބޭ ބައެކެވެ. މިޒާޖުގައި އެއްކުއްޖަކު އަނެއްކުއްޖަކާ ތަފާތުތަކެއް ހުރިނަމަވެސް އެ މައުސޫމު ކުދިންގެ ކޮންމެ ރަނގަޅު ކަމަކުން މައިންބަފައިން ހިނިތުން ކޮށްލުވައެވެ. މަޖާ ކޮންމެ ކަމަކުން އަބަދަށް އުފާގެނުވައެވެ. ގިނަފަހަރު ކުދިންނަކީ އެހެންމީހުންގެ ސަމާލުކަން ހޯދަން މަސައްކަތްކުރާ ބައެކެވެ. މިލިޔުމުގައި މިބަލާލަނީ ހިނިތުންވުން ގެނުވާނެފަދަ، ތުއްތު ކުދިން ކޮށްފައިވާ މަޖާ 10 ކަމެއްގެ ވާހަކައެވެ.
1- ފުރަތަމަ ފަހަރު މިސްކިތަކަށް ފަތިސް ނަމަދަށް 6 އަހަރުގެ ދަރިފުޅު ދިޔަރެއެވެ. އިމާމް އަލްހަމްދު ކިޔާފައި ފެށީ ދިގު ސޫރަތެކެވެ. ދަރިފުޅު އެންމެ ކުރުސޫރަތް ކިޔާލާފައި ރުކޫއަށް ހިގައްޖެއެވެ. އިމާމް މީހާ ސަލާމް ދިންއިރު ދަރިފުޅު ނަމާދުކޮށް ނިމުނުތާ ކިތަންމެ އިރެކެވެ.
2- ކުޅެން އުޅުމުގެ ތެރޭން ވެއްޓި ވަރަށް ބޮޑަށް 7 އަހަރުގެ ދަރިފުޅު ފައި ހަލާކުވެ އޮޕަރޭޝަން ކޮށްފިއެވެ. ކޮންމެ ފަހަރަކު ބޭސް ބަދަލު ކުރާއިރު ތަދުވެގެން ރޮއިހަދާ ރުޅިއައިސްގެން އުޅެއެވެ. ބޭސް ބަދަލު ކުރަން މަރުކަޒަށް ދިޔަ ދުވަހެކެވެ. ނަރުސް ކުއްޖާ ފެނުމުންވެސް ދަރިފުޅު އައީ ރުޅިއެވެ.
ދަރިފުޅު: މީ މިހުރިހާ ތަދެއް ކުރާ މީހަކީ. މީނަ ނެރޭ މިތަނުން.
3- ގުރޭޑް 1 ގެ ކުލާހެވެ. އަޑުގަދަ ކަމުން އެއީ ކިޔަވައިދޭ ކުލަހެކޭ ނުބުނާނެއެވެ. ޕްރިންސިޕަލް ކުލާސްތައް ކައިރިން ހިނގަމުން އައިސް އަޑުގަދަކަމުން އެ ކުލާހަށް ވަދެއްޖެއެވެ. އަދި އަޑުހަރުކޮށް ރުޅިގަދަ ކޮއްލާފައި
ޕްރިންސިޕަލް: މީ މަސްމާރުކޭޓެއްތަ؟
ފަސްޖެހުމެއް ނެތި 6 އަހަރުގެ ދަރިފުޅު އަތް ދިއްކޮއްލީ ޕުރިންސިޕަލާއި ދިމާއަށް ބުނެލިއެވެ.
ދަރިފުޅު: ދީބަލަ މަހެއް.
4- ރެޑްވޭވް ފިހާރައަށް މަންމައާއެކު ވަދެ 5 އަހަރުގެ ދަރިފުޅު ޗީސްބޯލްސް ޕެކެޓެއް ނަގައިގެން ކައުންޓަރު ކައިރިއަށް ހިގައްޖެއެވެ.
ސޭޓް : 13 ރުފިޔާ
ދަރިފުޅު: 13 ރުފިޔާއެއް ނެތް.
5- ކޮޓަރި ހޫނު ކަމުން އެގްޒޯސްޓް ހަރުކުރި ދުވަހެވެ. ހަރުކޮށްލާފައި ކަރަންޓް ނުދެވި އުޅެނިކޮށް 6 އަހަރުގެ ދަރިފުޅު އައިސް ވަދެއްޖެއެވެ. އެގްޒޯސްޓް ފެނި އުފަލުން ހިތްހަމަ ޖެހިފައި
ދަރިފުޅު: އާ ތިހަރުކުރީ ރަގަޅު އެއްޗެއް މިހާރު ވަރަށް ފިނިވޭ.
6- ގޭގެ ވަޅު ކައިރީ ކުޑަކުދިންތައް އުޅުނުތަން ފެނިގެންގޮސް ވަޅު ބަލާލީމެވެ. ކޮޓަރީގައި އޮތް ޖެލީޕެކެޓްް އޮއްސާލާފައި އޮތީ ވަޅުތެރެއަށެވެ. ރުޅިއައިސްގެން
އަހަރެން: ކީއްވެ ކުރިކަމެއް އެއީ؟
ސުވާލު ކުރާއިރަށް 7 އަހަރުގެ ދަރިފުޅު
ދަރިފުޅު: އެވަޅަށް އަޅާލިޔަސް އެއްވެސް ކަމެއް ނުވާނެ. އެކަހަލަ ޖެލީ އަޅުގަނޑު ކާތާ ކިތަންމެ ދުވަހެއް. ނުވެއެއްނު އެއްވެސް ކަމެއް. އޭގެއިން އެއްވެސް ވަހެއްވެސް ނުދުވާނެ.
7- ބަދިގެ މަސައްކަތް ނިންމާލާފައި ކޮޓަރިއަށް ވަތްއިރު އަހަރެން ހުރީ ވަރުބަލި ވެފައެވެ. އެހެންނަމަވެސް 1 އަހަރުގެ އަންހެން ދަރިފުޅު އޭނަ ގެންގުޅޭ ބުދުގެ އެއްފައި ނައްޓާލާ ޗާޖަށް ޖަހާފައި އޮތްތަން ފެނުމުން އަހަރެންގެ ހިނިގަނޑު ދިޔައީ ފަޅައިގެނެވެ.
8- އަހަރެންގެ 5 އަހަރުގެ ދަރިފުޅު ކަންފަތް ސާފު ކުރަން ޖެހެނީ ހިފައިގަނެގެން ގަދަކަމުންނެވެ. ފިހާރައަށް އައު މުދާ ގެނައި ދުވަހު ކުޅޭ އެއްޗެހިތައް ފެނި އައިސް ސިއްރު ސިއްރުން އެއެއްޗެހީގައި އަތްލާފައި ވަރަށް ނޫން ގޮތަކަށް އަހަރެންނަށް ބަލަން ފަށައިފިއެވެ. ނުފެންނަ ކަމަށް ހަދައިގެން އަހަރެން އިނީމެވެ.
ދަރިފުޅު: މަންމާ އާދެބަލަ ކަންފަތް ހަޑިތޯ ބަލާލަން. ސާފުކުރަން ދޭނަން ކުޅޭ އެއްޗެއް ދޭމަތިން.
9- ދެކުދިން ނިންދާފައި އަހަރެންނަށް ގަދަޔަށް ނިދުނު ރެއެކެވެ. ކުދިންގެ ބައްޕަ އައިސް ދޮރުގައި ތެޅުމުންވެސް ހޭނުލެވުނެވެ. ބާރަށް ވަރަށް ގިނައިރު ދޮރުގަތަޅައި ހަބަރެއް ނުވެގެން އެއްމެ ފަހުން ކޮޓަރި ހުޅުވީ ޑަބަލް ތަޅުދަނޑި ހޯދައިގެނެވެ. ޖެހިގެން އައި ދުވަހު 4 އަހަރުގެ
ދަރިފުޅު: މަންމާ ރޭ ހާދަ ބާރަކަށް ހަންޑި ދޮރުގަ ތެޅިއޭ.
އެވަރަށް ތެޅިއިރު ހަންޑި ކަމަށްހީކޮށް ގޮވައިވެސް ނުލާ ދަރިފުޅު އޮތުންވީ ބޮޑު މަޖާ ގަޑަކަށެވެ.
10- ދޮށީ ދަރިފުޅު އަވަސް އަރުވާލާފައި ފާހަނައަށް ފެން ނާޅާ ދިޔަ ދުވަހެކެވެ. ކުޑަ ދަރިފުޅު ކޮޓަރިތެރޭ އުޅެއެވެ. ބަދިގެ މަސައްކަތް ނިންމާލާފައި އަހަރެން ކޮޓަރިއަށް ވަތްއިރު ފާހާނަ ތަަށިން ޕުއްޕު ނަގައި މުޅިގައިގައި ދަރިފުޅު އުގުޅަނީއެވެ. އެމަންޒަރު ފެނުމުން ހުރެވުނު ތަންވެސް އަހަރެންނަށް ނޭގުނެވެ.
މިއީ ހަގީގަތުގައިވެސް ތުއްތު ކުދިން ކޮށްފައިވާ ކަންކަމެވެ. ހިއްސާ ކުރެވުނު ކަންކަމުން ތިޔަ އެންމެ ކިޔުން ތެރިންނަށް އުފާ ގެނުވާނެ ކަމަށް އުންމީދުކުރަމެވެ.