އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވުމަށްޓަކައި އައްޑޫ ކައުންސިލުން ރާވައިގެން އެކުލަވައިލި ޕްލޭނުގެ ދަށުން ފަތުރުވެރިންނަށް ހާއްސަކޮށްގެން ދޮންވެލި ތުނޑިއެއް ހަދަން ނިންމައިފި އެވެ.

އައްޑޫގެ ފަތުރުވެރިކަން ކުރިއެރިވުމަށްޓަކައި އެކުލަވާލާ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދަން ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށް ފަހު އައްޑޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫގައި ފަތުރުވެރިކަން ތަރައްގީކޮށް ކުރިއަރުވުމަށްޓަކައި ރީތީ ދޮންވެލި ތުނޑިއެއްގެ ބޭނުން ވަރަށް ބޮޑު ކަމަށެވެ.

އައްޑޫ ކައުންސިލުން އިތުރަށް ބުނި ގޮތުގައި، ތުނޑިއެއް ހެދުމަށް ކައުންސިލުން މިދިޔަ ހަފުތާގެ ބައްދަލުވުމެއްގައި ނިންމީ، ރާއްޖެ އަށް ފަތުރުވެރިން އަންނަ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ރީތި ހުދު ދޮންވެލި ތުނޑިތަކުގެ ހިތްގައިމުކަން ދެކިލާ އެ ތުނޑިތަކުގައި އަރާމު ކޮށްލުމެވެ. ނަމަވެސް އައްޑު އަތޮޅަކީ ބިމުގެ ގޮތުން ކިތަންމެ ބޮޑު އަތޮޅަކަށް ވީނަމަވެސް، ރާއްޖޭ އެހެން އަތޮޅުތަކުގެ ރަށްތަކާ ހިލާފަށް އައްޑޫގެ ރަށްތަކަކީ ރީތި ދޮންވެލި ތުނޑިތަކެއް ހުރި ތަނެއް ނޫން ކަމަށާއި އައްޑު އަށް އެފަދަ ދޮންވެލި ތުނޑިއެއް ބޭނުންވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ. އެ ސަބަބަށްޓަކައި އައްޑޫގައިވެސް ރީތި ދޮންވެލި ތުނޑިއެއް ހެދުމަށް ނިންމީ ކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.

އިތުރަށް މައުލޫމާތު ދެމުން ކައުންސިލުން ބުނީ، މި ނިންމުމުގައި އައްޑޫގައި ފަތުރުވެރިކަމަށް އަމާޒު ކުރެވިގެން ތުނޑިއެއް ހެދުމަށްޓަކައި ހާއްސަ ކުރެވޭ ސަރަހައްދުތައް ކަނޑައަޅައި އެސަރަހައްދުތައް ޑިޒައިންކޮށް، ތަނުގެ އީއައިއޭ ހަދައި ޓެކްނިކަލް ސާވޭ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަައިކަމަށެވެ. 

އަދި މި ޕްރޮޖެކްޓްގެ މަލީ މައުލޫމާތު ހިއްސާ ކުރަމުން ކައުންސިލުން ބުނީ، މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ކައުންސިލްގެ ދަށުގައި ހުންނަ ޓްރަސްޓް ފަންޑްގައި ޓޫރިޒަމް ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން ފައިސާ ހަރަދު ކުރުމަށް ވަނީ ނިންމައިފައި ކަމަށެވެ.

ޕްލޭނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ކައުންސިލުން ވަނީ މި ހަފުތާގެ ނިޔަލަށް ހުޅުވާލައިފަ އެވެ. އެގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ހިޔާލު ހުށަހެޅޭނެ ކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *