ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދުގައި މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް ބޭރުގެ މަސްބޯޓަކީ ސްރީލަންކާގެ މަސްބޯޓެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއްޖެއެވެ.
މިއަދު އެމްއެންޑީއެފް ކޯސްޓްގާޑު ބިލްޑިންގް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޯސްޓްގާޑުގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު ވިދާޅުވީ މިމަހު 19 ވަނަ ދުވަހު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވުނު ބޭރުގެ މަސްބޯޓުގައި ސްރީލަންކާގެ ހަ މީހުން ތިބިކަމަށެވެ. އަދި އެމީހުން އަތުގައި ރަސްމީ ލިޔެކިއުންތައް ހުރިކަމަށްވެސް ބުންޏެވެ. އަދި އެ ބޯޓުގައި އެއް ޓަނުގެ މަސް ހުރިކަން ފާހަގަކުރައްވައި އޭގެ ތެރޭގައި މިޔަރާއި އިތުރު ވައްތަރުގެ ކަނޑުމަސް ހުރިކަމަށް ވިދާޅުވި އެވެ. އެ މަސްބޯޓު މިހާރު ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ދޫނިދޫއަށް ގެންގޮސް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައި ކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ކޯސްޓްގާޑް ކޮމާންޑަރ ވިދާޅުވިއެވެ. އެގޮތުން މަސްބޯޓު ފެނިފައިވަނީ އިންޑިއާގެ ނޭވީ އާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޖޮއިންޓް ސަވައިލަންސް ޕެޓްރޯލް ނިންމާލިތާ މާ ގިނަދުވަހެއް ނުވެކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ ބޮޑު ސަރަޙައްދެއްކަން ފާހަގަކުރައްވާ، ކަނޑާއި ވައިގެ މަގުން މި ސަރަޙައްދު ބަލާ ފާސްކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ކޯސްޓްގާޑް ކޮމާންޑަރ ވިދާޅުވިއެވެ.