"އިންޑިއާ ސިފައިން އެތިބެނީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި. އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި އެމީހުން އެ މަސައްކަތް ކުރަމުން ދަނީ. އަޅުގަނޑުމެން ބުނީމާ ބުނާ ކަމެއް ކުރާނީ. އަޅުގަނޑުމެން ހުރިހާ އޮޕްރޭޝަނަލް ކޮންޓްރޯލްތަކެއް މި ގެންގުޅެނީ، " ޒުހައިރު ވިދާޅުވި އެވެ.
ޒުހައިރު އިތުރަށް ވިދާޅުވީ، ބޭރުގެ ފަރާތްތަކުން، އަދި ހާއްސަކޮށް އިންޑިއާ ސިފައިން ޖާސޫސް ކުރާކަމަށް ދެކެވޭ ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަން ބަޔަކު ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ދިވެހި ސިފައިންނަށް އެހީތެރިވުމަށް އިންޑިއާގެ ސިފައިން ތިބޭ ކަމަށާއި އެމީހުންނަކީ ޖާސޫސުން ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަށް ދޮގު ކުރާ ކަމަށެވެ.
ބްރިގޭޑިއާ ޒުހައިރު ވިދާޅުވީ ރާއްޖޭގައި ބޭރު ބަޔަކު ޖާސޫސްކުރުން ފަދަ ކަމެއް ކުރަން އުޅޭ ނަމަ ކޯސްޓްގާޑްގެ ސިފައިން އެކަމެއް ހުއްޓުވާނެ ކަމަށާއި ސަލާމަތާއި ރައްކާތެރިކަމުގެ ކަށަވަރުކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ހުއްޓުވައި، ދެހެލިކޮޕްޓަރު އަނބުރާ ގެންދަން އިންޑިއާއަށް އަންގާފައެވެ. ނަމަވެސް މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެން، ނިންމާފައި ވަނީ ދެ ހެލިކޮޕްޓަރު ރާއްޖޭގައި ބޭއްވުމަށެވެ.