އެއްފުޅައް މަތިން ފުންމާލި ބަކަރި، އަނެއް ފުޅަށް މަތިންވެސް ފުންމާލާނޭ ބުނާ އަޑު އަހަމު ނޫންތޯއެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް މި މަންޒަރު ފެންނަނީ މަދަކުން ނޫނެވެ. 

ރައީސް އަބްދުﷲ ޔާމިނަކީ ދިވެހި ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމުގެ އައު ރިކޯޑެއް މުގުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ސަބަބަކީ ރައީސް ޔާމީން ވަނީ ރާއްޖޭގެ މި ކުރު ޑިމޮކްރަސީ ހަޔާތުގައި އެއް ޕާޓީ އުފެއްދެވުމުގެ އިތުރުން، އަނެއް ޕާޓީ(ޕީޕީއެމް) 'ތެޔޮނާށި ކާޅު ޖަހައިގަންނަ އުސޫލުން' ރައީސް މައުމޫން އަތްޕުޅުން ފޭރިގަނެފައި ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އެންމެ ފުރަތަމަ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ޕީޕަލް އެލަޔަންސް(ޕީއޭ) އުފެއްދެވީ, އޮގަސްޓް 4 2008 ވަނަ ދުވަހުއެެވެ. އޭރުގައި ރައީސް އަބްދުﷲ ޔާމީން އަވަދި ނެތި އުޅުއްވީ މި ދެންނެވި ޕާޓީ އާރޯތާނާކޮށް ދިރުވާ އާލާ ކުރުމަށެވެ. ޕީއޭ ބަރަވެލި ސްޕީޑްގައި މަޑުމަޑުން ކުރިއަށް ދަމުންގޮސް  މަޑުކޮށްލީ އޭރުގެ ރައީސް މައުމޫނުގެ 'ރިޔަލު ސްޕީޑް'ގައި ދަތުރުކުރަމުން ދިޔަ ޑީއާރުޕީ ކައިރީގައެވެ. 

ކަން ދިމާކުރިގޮތުން ޑީއާރުޕީ ދެފެކްޝަނަކަށް ބެހި ޕާޓީ ދެބައިވެ ރައީސް އަބްދުﷲ ޔާމީންގެ ޕީއޭވެސް ބަލިކަށި ވެއްޖެއެވެ. ދުވަސްތައް ފާއިތުވަމުންގޮސް ރައީސް އަބްދުﷲ ޔާމީން ދެން ފެނުނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ނަމަކަށް ކިޔާ ޕާޓީ އުފައްދަވަން ރައީސް މައުމޫނު އާއި އެކު އުޅުއްވި މަންޒަރެވެ. 10މިލިއަން ރުފިޔާގެ ދަރަންޏަކާއި އެކު ޑީއާރުޕީ އޮޑި ދޫކޮށް ޕީޕީއެމް އުފައްދަވަން، ކުރީ ސަފަށް ވަޑަައިގަތީ ކުރިން އުފެއްދެވި ޕީއޭ އޮޔާނުދާނެހެން ކަނދުފައްޗެއްގައި އައްސާފައެވެ. ނަމަވެސް ޕީޕީއެމް އުފެދި ހިނގަން ފެށި ހިސާބުން ފެށިގެން ރައީސް ޔާމީންގެ ޕީއޭވެސް އޮޔާ ގޮސްފިއެވެ. 

ރައީސް އަބްދުﷲ ޔާމީން ދެން މިސްރާބު ޖެއްސެވީ ރައީސް މައުމޫނުގެ ބުރަ މަސައްކަތުން 2011 ސެޕްޓެމްބަރ ގައި، އުފެއްދެވި ޕީޕީއެމް ރައީސް މައުމޫނު އަތް ޕުޅުން އަތުލެއްވުމުގެ މަސައްކަތްޕުޅެވެ. ކޮންމެ އަކަސް ޕާޓީ އަތުލެއްވުމަށްފަހު މުސްތަޝާރުގެ މަގާމު ކޮނޑުފުޅުގައި ޖައްސަވައިގެން ރައީސް ޔާމީން ނިކުމެ ވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ރިޔާސީ ރޭހުގެ ކެމްޕެއިންނަށެވެ. 

ބޮޑު ބައްޔަކުން 2018 ގެ ރިއާސީ އިންތިހާބުން ބަލިވެވަޑައިގެން، އަދި ނުވީތަނަކަށް  އިންތިހާބުގެ ވޯޓުގެ މައްސަލައެއް ކޯޓަށް ހުށަހަޅުއްވައި، ކޯޓުން ވެސް ބަލިވެވަޑައިގެން ރައީސް ޔާމީންގެ ސިޔާސީ ހަޔާތުގައި 'ފުލުސްޓޮޕް' ޖެހުނު ހިސާބަކީ އަނެއްކާވެސް އާ ޕާޓީއެއް އުފައްދަވަން ޖެހިލެއްވި ހިސާބަށް ވެއްޖެއެވެ. ކެމްޕެއިނަށް ކުރި ބިޔަ ބޮޑު ޚަރަދު ތަކާއި ތުހުމަތު ކުރެވޭ ބޮޑެތި ތުހުމަތު ތަކާއިއެކު، ރައީސް މައުމޫނުގެ ޕީޕީއެމް ދޫކޮށްލައްވަން އެ ނިންމެވީ ޕާޓީ ގަނޑު ދަރުވާވެސް ލާފައެވެ. ބޮޑެތި ދަރަނި ތަކާއިއެކު ހިރި ނުލެވި އޮތް ޕީޕީއެމް އަށް ދެންވާނީ ކިހިނެއްތޯއެވެ؟ ޕީޕީއެމްގެ ދަރަނީގެ ޒިންމާ ނަންގަވަން ޖެހޭނީ ކޮންބޭފުޅެއްތޯ އެވެ. 

ރައީސް ޔާމީން ފޮށި ތަންމަތި ބަންދުކުރައްވައި ޕީޕީއެމްގެ އޮޑިން ފައިބައިވަޑައިގަންނަވަން ތައްޔާރުވެފައި ވަނިކޮށް މި ފެންނަނީ އަރާނެ އިތުރު ރަނގަޅު އޮޑިއެއް ފެންނަން ނެތް މަންޒަރެވެ. މިހެންވެ ހަމަގައިމުވެސް ރައީސް ޔާމީން އެޕާޓީވެސް ބޭނުންފުޅެވެ. ހަމައެހެންމެ ޕީޕީއެމް އެއްލާލެވޭކަށެއްވެސް ނެތެވެ. އެއްލާލާފައި އުފައްދަވާ ޕާޓީގެ މާބޮޑު ދިރުމެއް ނެތެވެ. ދެ ޕާޓީ އެކުގައި ލިބޭކަށެއްވެސް ނެތެވެ. ނަމަވެސް ރައީސް ޔާމީންގެ މިސްރާބު ހުރީ ޑީއާރުޕީ އަށް ހެދިގޮތަށް ޕީޕީއެމްވެސް ދަރުވާލުމަށްފަހު، ޕީޕީއެމް އޮޔާވަޔާ އެކު 'ކަނޑުވާން' ދޫކޮށްލާށެވެ. ރައީސް ޔާމީން ހުންނެވީ މިހާރު ލައިފް ޖެކެޓް އަޅުއްވައިގެން އޮޑި ދޫކޮށްލައްވަން ތައްޔާރަށެވެ. ހަމަ ދެންމެ ދެންމެ ފުންމާލައިފާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *