ސިއްހީ ގޮތުން ކުރިއަރާފައިވާ މިޒަމާނަކީ އުފަން ވުމާއިއެކު ތުއްތުދަރިފުޅަށް ދެވޭ ވެކްސިން ތަކުގެ މުހިންމު ކަމާއިމެދު ހޭލުންތެރި ޒަމާނެކެވެ. ނުރައްކާތެރި އެތައް ބައްޔަކުން ދިފާއުވުމަށް ދެވޭ ވެކްސިން ތަކަކީ މިހާރު މިދެކޭ ސިއްހީ ދުޅަހެޔޮކަމުގެ އަސްލެވެ.
ހިމަބިހީގެ ވަބާ ރާއްޖޭގައި ފެތުރިގަތީ ޑަކުޓަރީ ބޭސްވެރިކަމުގެ ތަދު ދުވަސްވަރެއްގައެވެ. މި ބައްޔަކީ ފަސޭހަ ކަމާއިއެކު އެކަކު ގައިން އަނެކާގެ ގަޔަށް ފެތުރޭ ބައްޔެކެވެ. ގަދަ ހުމާއިއެކު ފެތުރޭ މިބަލި ޖެހުމުން ގައިގެ ހަމުގައި ގިނަ އަދަދަކަށް ބިހިތަކެއް ނަގާ ބައްޔެކެވެ. އާންމުގޮތެއްގައި މިބަލި ޖެހެނީ ކުޑަކުދިންނަށެވެ.
އެއީ 1980ގެ އަހަރުތަކެވެ. ކުއްޖަކަށްފަހު ކުއްޖެއް މަރުވަމުން ދިޔައީ ފަރުވާ ލިބުމުގެ ދަތިކަމާއި އެކުގައެވެ. ލޮލުގެ ކުރިމަތީ ތުއްތު ޅަދަރިން ނިމިދިޔައީ ކުރާނެ ކަމެއްނެތް ހާލު ރޯލަރޯލާ ތިއްބައެވެ. ރޭ ދުވާ ނިމިދިޔައިރު ދެކުދިން ތިންކުދިން ރަށްރަށުން މަރުވަމުން ދިޔަ މަންޒަރު ދެކެން ހިތް ފަޅައިގެންދާހާވިއެވެ. ރަށުތެރެއަށް ވެރިވެފައިވާ ބިރުވެރިކަމާ ނުރައްކާތެރި ބަލިމަޑުކަމުން ސަލާމަތްވޭތޯ ނުވިސްނުމުގައި ނަމަވެސް އޭރު ދަމުހިގައި އެމީހަކަށް ހަދަން އެގުނު ފަންޑިތައެއްހަދާ މަތުރަމުން ދިޔައެވެ. އެހެން ނަމަވެސް ހާލަތު ދިޔައީ ހައްތަހާ ގޯސްވަމުން ކަމަށް އެކަން ތަހައްމަލުކުރި އާއިލާތަކުން ސިފަކުރެއެވެ.
" ހަތަރު ދަރިން އޭރު ތިބޭނީ. އެކުދިން އެ ބަލިން ދުރުކުރެވޭތޯ ގެއިން ނިކުތަ ނުދީ ހިފެހެއްޓޭތޯ ބެލީ. އެކަމަކު ކުޑަކުއްޖާއަށް ޖެހިއްޖެ. 2 އަހަރު އޭރު. ކުރެވެން އޮތްހާ ކަމެއް ކުރިން އެކުއްޖާ ސަލާމަތް ކުރެވޭތޯ. އެކަމަކު ސަލާމަތެއް ނުކުރެވުނު. އެކުއްޖާ ވަޅުލާފަ ގެއަށް އާދެވުނު އިރު 9 އަހަރު ކުއްޖާ އަށްވެސް ހުރީ ޖެހިފަ."
މިއީ އެދުވަހު މަޔަކު ކުރި ހިތްދަތި ތަޖުރިބާއެވެ. މިއަދު އަސަރެއް ނެތި އެވާހަކަ ކިޔައިދިން ނަމަވެސް އެދުވަހު އެ މައިލަގޮޑިއަށް ހާދަހާވާ އަސަރެއް ކުރާނެއެވެ. އެހިތި ތަޖުރިބާ ނުކުރާ ދެމަފިރިއެއް އެދުވަހު ރަށުގައި މަދެވެ.
"އަހަރެންގެ ދެކުދިންނަށް އެކުގަ ޖެހުނީ. އެއްކުއްޖަކު ނިޔާވީ ހެދުނު. އަނެއް ކުއްޖާ އެރޭ. ފަސް ކުދިން މަރުވި އެދުވަހު" އެހެން މަންމަ އަކު ކިޔައިދިނެވެ. ތިމާގެ ލޮލުގެ ނޫރު ފަދަ ދަރިންކޮޅު އަތުން ބީވެދާން އެދޭނީ ކާކު ހެއްޔެވެ. ފަރުވާއަކަށް އެދި ދުއާ ކުރަމުން ދަރިންކޮޅު އަތްމައްޗަށް ލައިގެން ރެއާއި ދުވާ ކެއުމެއް ބުއިމެއްނެތި އެދުވަސްވަރު އުޅުން މަޖުބޫރުވި ނިކަމެތި ހާލު ހިތުން ފިލާ ދިޔަ އެކަކުވެސް ނެތެވެ.
"އެއްމެ އަންހެން ކުއްޖެއް އަހަރެންނަށް ލިބުނީ. ދެން ތިބީ 4 ފިރިހެން ކުދިން. ކުދިންކޮޅު ފޮރުވައިގެން އުޅެނިކޮށް އަންހެން ކުއްޖާއަށް އެބަލި ޖެހުނީ. އޭރު 2 އަހަރު ކުއްޖާއަށް ވާނީ. އަތްމަތީ ބާއްވައިގެން އުޅެއުޅެ ހުއްޓާ ހިގައްޖެ ނިމިގެން. އެނޫން އަންހެން ކުއްޖަކު މިއަދާ ހަމައަށްވެސް ނުލިބޭ" އެދުވަސް ހަދާންވެ ދެރަވެފައިހުރެ އެހެން މަޔަކު ކިޔައިދިނެވެ.
މިފަދަ ބަލިތަކުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއް އެއިރު ސަރުކާރުގެ އެހީ އާއިއެކު އަމަލީގޮތުން ކޮށްދެއްވި އެއްބަޔަކީ، އެބައެއްގެ މަސައްކަތް ތަކަކަށްޓަކައި ފަހުރުވެރިވުން ހައްގުވާ ހެލްތު ވޯކަރުންގެ މިންނެތް މަސައްކަތެވެ. ދަތި އުނދަގޫ ހާލުގައި އެއްރަށުން އަނެއްރަށަށް ދަތުރުކުރައްވާ ފަރުވާ ދިނުމާއި އެކު މުޖުތަމައު ހޭލުންތެރި ކުރެއްވުމުގެ ޒިންމާ ނެންގެވީ ވާޖިބެއް ކަމުގައި ދެކިގެންނެވެ.
ﷲ ސުބްހާނަހު ވަތައާލާގެ ހެޔޮ ރަހްމަތާއި، ހެޔޮ މަގުސަދެއްގައި ބަޔަކު ކޮށްދެއްވި މިންނަތް މަސައްކަތުގެ ސަބަބެއް ކަމުގައިވީ މިރާއްޖެއިން ހިމަބިހި، ހޯއްގޮއްވާ ކެއްސުން، ކޮލެރާ، ޖުޒާމްބަލި، ރުބެއްލާ، މެލޭރިއާ، ފައިލޭރިއާ، ކަރު ފޮޅުފަދަ ނުރައްކާތެރި އެތައް ބައްޔަކުން މިމުޖުތަމައު މިންޖުވުމެވެ. ހަގީގަތުގައިވެސް ހެލްތް ވޯކަރުންނަކީ އެބައެއްގެ ފުރިހަމަ ގާބިލްކަން ދިވެހި ވަތަނަށް ދައްކުވައިދިން ނަމޫނާ، ޝަރަފުވެރި ތާޖުގެ ހައްގުވެރީންނެވެ.