މާލެ، ހުޅުމާލެ އަދި ހުޅުލެއަށް ކުރާ ބަސްދަތުރު ތަކަށް އަންނަ މަހުން ފެށިގެން 10 ރުފިޔާ ނަގަން ނިންމާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން އެކަން މިއަދު އިއުލާނު ކޮށްފިއެވެ.
މާލެ އައި ހުޅުމާލެ ބްރިޖަކުން ގުޅާލައި ދަތުރުތައް ފެށިފަހުން މިހާތަނަށް އެމްޕީއެލް އިން ދަތުރުތައް ކޮށްދެމުން އައީ އެއްވެސް ފީއެއް ނުނަގައެވެ. ނަމަވެސް މިއަދު އެކުންފުނިން ކޮށްފައިވާ އިއުލާނުގައި ވާގޮތުން އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެކުންފުނިން ކުރާ ބަސް ދަތުރުތަކަށް އަގު ނަގާނެއެވެ.
އެމްޕީއެލް އިން ބުނެފައިވާ ގޮތުގައި ބަހުގެ ހިދުމަތުން އަގުނަގަނީ އެކުންފުނިން އެކަމަށް ތައްޔާރު ކޮށްފައިވާ 'ޓަޗްލިންކް' ކާޑަކުންނެވެ. މާލޭގެ ބަސް ސްޓޭޝަނުންނާއި، ހުޅުމާލޭގެ ބަސް ސްޓޭޝަނުން މިކާޑު ވިއްކާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ. އަދި ކާޑެއްގެ އަގަކީ 20 ރުފިޔާ ކަމާއި، ބޭނުން ވަރަކަށް ކާޑަށް ރިލޯޑް ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
ސިނަމާލެ ބްރިޖްގައި ބަހުގެ ހިދުމަތް ދިނުމަށް ރައީސް ޔާމީނުގެ ސަރުކާރުން އެމްޕީއެލް އާއި ހަވާލުކުރެއްވުމުން، އެ ކުންފުނިން ވަނީ އެކަމަށް މުޅިން އާ ބަސްތަކެއް ގެނެސް، އެ މަސައްކަތަށް 100 މިލިއަނެއްހާ ރުފިޔާ ހޭދަ ކޮށްފައެވެ.