ހުޅުމާލޭގެ ކެފޭތަކުންނާއި ގެސްޓްހައުސްތަކުން ހުޅުމާލެ އިރުމަތީ ފަރާތު ގޮނޑުދޮށުގައި ހަދާފައި ހުރި ހަޓުތަކާއި، މޭޒާއި ގޮނޑި ފަދަ ތަކެތި ނަގާ ބީޗު ހުސް ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެޗްޑީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑުދޮށާއި ހޭޅިފަށް ސަރަހައްދަކީ ހުޅުމާލޭގައި ދިރިއުޅޭ އެންމެންނަށާއި ހުޅުމާލެއަށް ޒިޔާރާތް ކުރާ އެންމެންގެ ބޭނުންތަކަށް ކަނޑައަޅާފައިވާ އާންމު ސަރަހައްދެއް ކަމަށެވެ.

އެ ސަރަހައްދުގައި ހުރި ގަސްތައް ކޮށައިގެން ހަޓްތައް ހަދައިފައިވާ ކަމަށާއި ގޮނޑި އަދި މޭޒު ފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރި އުސޫލުން އެ ސަރަހައްދު ބޭނުން ކުރަމަކީ އެޗްޑީސީ އިން ހުއްދަ ކުރާ ކެމެއް ނޫން ކަމަށާއި އެއްވެސް ފަރާތަކަށް އެ ހުއްދަ ދޫކޮށްފައި ނުވާނެ ކަމަށް އެ ކޯޕަރޭޝަނުގެ އިއުލާނުގައި ވެއެވެ. އެހެންކަމުން އަންނަ މަހުގެ ނިޔަލަށް އެތަކެތި ނަގާ ބީޗު ހުސް ކުރަން އަންގާ ކަމަށާއި ގަވައިދާ ހިލާފަށް އެތަނުގައި ކުރަމުންދާ އެހެނިހެން އިމާރާތް ކުރުން ހުއްޓާލުމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

"ބީޗު ސަރަހައްދު ތަރައްގީ ކުރާނެ ގޮތުގެ އުސޫލެއް ވަރަށް އަވަހަށް އެކުލަވާލާ އާންމު ކުރާނެ. އެތަން ތަރައްގީ ކުރާނީ ބީޗަށް ދާ އާންމުންނަށް ހުޅުވާލެވިފައިވާ ޕަބްލިކް އޭރިއާއެއް ގޮތުގައި" އެޗްޑީސީ އިން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.