ސ. ހުޅުދޫގައި އެކަނިވެރި ދިރިއުޅެމުން އައި އުމުރުން 82 އަހަރުގެ އަންހެނަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮޮސް ފަރުވާ ދެމުން ދަނިކޮށް، ނިޔާވެއްޖެއެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު އޮންލައިން ނޫހެއްކަމަށްވާ "އަވަސް" އަށް މިރޭ ވިދާޅުވީ ހާލު ދެރަ، އަޅައިލާނެ ފަރާތެއް ނެތް އުމުރުން ދުވަސްވީ އަންހެނަކު އައްޑޫ ސިޓީގައި ދިރިއުޅެމުން އަންނަ ކަމުގެ މައުލޫމާތު ލިބިގެން މިދިޔަ ހޮނިހިރު ދުވަހު އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އޭނާގެ ސިއްހީ ހާލަތު ގޯސް ކަމުން އޭނާއަށް ފަރުވާ ދެމުން ދިޔަ ކަމަށާއި ނަމަވެސް ހާލަތު ގޯސް ކަަމުން މާލެ ގެނެވޭ ވަރެ ނުވި ކަމަށެވެ. އަދި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.
"އާއިލާގެ ފަރާތުން ވެސް ހަވާލުވާނެ ފަރާތެއް ނެތި އެކަނި އުޅެމުން އައި ދުވަސްވީ އަންހެނެއް އެއީ، އެކަން އާންމު ފަރާތަކުން އަޅުގަނޑުމެންނަށް ރިޕޯޓު ކުރި ހިސާބުން އަޅުގަނޑުމެންގެ ސޯޝަލް ސާވިސް ވޯކަރުން ހަރަކާތްތެރިވަމުން ދިޔައީ، އޭނާއަށް ސިއްހީ ފަރުވާ ދެމުން ދިޔައީ، މާލެ ގެނައުމުގެ މަސައްކަތް ވެސް ކުރި ނަމަވެސް ހާލަތު ހުރި ގޮތުން ވައިގެ މަގުން ވެސް ގެނައުން ފަސޭހަ ކަމަކަށް ނުވި،" އޮފިޝަލް ވިދާޅުވި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެކަނިވެރި ދިރިއުޅުމެއް އުޅެނިކޮށް މަރުވި އަންހެން މީހާއަށް ކިޔަނީ ސަމީހާ ހަސަން އެވެ. ސަމީހާ އެކަނި ހަޔާތެއް އުޅޭތާ 22 އަހަރުވެފައިވާއިރު އޭނާއަށް އެހީތެރިވަނީ އަވަށްޓެރި ގޭގޭގައި ތިބޭ އާއިލާތަކެވެ. އަދި ހުޅުދޫގެ ބައެއް މީހުން "ޖަޒީރާ"އަށް ބުނި ގޮތުގައި ސަމީހާގެ ފިރިމީހާ އަލިފުތު ނިޔާވި ފަހުން އޭނާ ދިރިއުޅެމުން އަންނަނީ އެކަނިވެރި ދިރިއުޅުމެކެވެ.