ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރުންގެ ނައިބުގެ މަޤާމަށް 8 ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ.

މިގޮތުން، ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބުގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ އދ. މާމިގިލީ ކީރަންމާގެ، އަސްޢަދު ރިޟާއެވެ. އަސްޢަދު ރިޟާއަކީ މީގެ ކުރީގައި ގިނަ އަހަރުތަކެއްވަންދެން ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަސްޢަދު ރިޟާއަކީ ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް އިން މާސްޓާސް ފެންވަރަށް ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ .

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ނައިބުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި ލ. ގަން، މަތިމަރަދޫ، ފަޒާ، ފާޠިމަތު ޝަހީދާއަކީ، ބެޗެލަރ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަޤާމަށް އައްޔަން ކުރެއްވި ބ. ތުޅާދޫ، ނީސް، ޢަބްދުﷲ އަނީސަކީ، ވިޔަފާރީގެ ދާއިރާއިން ތަފާތު އެކި ކުންފުނިތަކާއެކު މަސައްކަތް ކުރައްވާފައިވާ، މިހާރުވެސް އެކައުންޓިންގްގެ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓުގެ ނައިބުގެ މަޤާމަށް އައްޔަންކުރެއްވި ގަލޮޅު ހަނިމާދޫއާގެ، އަޙްމަދު ޒިޔާން ޢަބްދުއްރަޙްމާނަކީ، ނެޝަނަލް ޑިޕްލޮމާ އިން ހޮޓެލް ކޭޓަރިންގް އެންޑް އިންސްޓިޓިއުޝަނަލް އޮފަރޭޝަންސް ދާއިރާއިން ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ ނ. ޅޮހި، އޯކިޑުމާގެ، އަޙްމަދު އިބްރާހީމެވެ. އަޙްމަދު އިބްރާހީމަކީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ގެ އެގްޒެކެޓިވް ކޯޑިނޭޓަރުކަން ކުރައްވައިފައިވާ ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ނައިބުގެ މަޤާމަށް ޢައްޔަން ކުރައްވާފައިވާ ވ. ކެއްކުރި، ވަލީދާ ވަލީދަކީ ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ބޭފުޅެކެވެ.

މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ ގއ. ދާންދޫ، ހަނދުވަރީވާދީ، ނިޝާމާ މުޙައްމަދެވެ. ނިޝާމާ މުޙައްމަދަކީ ރާއްޖޭގެ ޞިއްޚީ ދާއިރާގައި ޚިދުމަތްކުރެއްވި ބޭފުޅެކެވެ.

މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓުގެ ނައިބުގެ މަޤާމަށް ޢައްޔަން ކުރެއްވި އއ. ތޮއްޑޫ، ފިނިވާގެ، ޢަލީ ސާމިންއަކީ ބެޗެލަރ އޮފް އާރޓްސް ގެ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވާފައިވާ ނޫސްވެރިކަމުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.