މި ދުވަސްވަރު ޑެންގޫ ހުމާއި ވައިރަލް ހުން ފެތުރޭތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މިއަދު އިލްތިމާސްކުރައްވައިފިއެވެ.
އެ އެޖެންސީއިން މިއަދު ނެރުުނު ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރު ޑެންގޫ ހުމާއި ވައިރަލް ހުން ޖެހިގެން ރިޕޯޓު ކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އަދި އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަމުގައި އެ އެޖެންސީއިން ބުނެއެވެ.
އެގޮތުން ވޭތުވެދިޔަ ދެހަފްތާގެ ތެރޭގައި 3481 މީހުންނަށް ވައިރަލް ހުން ޖެހިގެން ރިޕޯރޓްކޮށްފައިވާ ކަމަށާއި 4367 މީހުންނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯރޓް ކޮށްފައިވާ ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައިވެއެވެ. މިއީ 2017 ވަނަ އަހަރުގެ މިދުވަސްކޮޅާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.
އެޗްޕީއޭގެ ބަޔާނުގައިވާ ގޮތުން ޑެންގީ ހުން ޖެހިގެން ވޭތުވެ ދިޔަ ދެ ހަފްތާގެ ތެރޭގައި ރިޕޯޓުކޮށްފައިވަނީ 230 މީހުން ނެވެ. އަދި ޑެންގޫ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ'، ހުޅުމާލެ، ރ، ހއ އަދި ބ އަތޮޅުން ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.
ޑެންގޫއާއި ވައިރަލް ހުމުގެ އިތުރުން އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު ބޭރަށް ހިންގުމާއި ހޮޑުލުން ކުރިމަތިވެގެންވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ފަރުވާ ހޯދަމުންނެވެ. އެގޮތުން ފާއިތުވި ދެ ހަފްތާގެ ތެރޭގައި ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިގެން 3621 މީހުން ވަނީ ފަރުވާ ހޯދައިފައެެވެ.