ކޮންމެ ހަފްތާ ބަންދަކު ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ހަފްތާ ރެސް" ގައި މިއުޒިކް ޝޯވތައް ބާއްވާނީ ހައްދުން ނުނެއްޓިކަމަށް ޒުވާނުންގެ މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވުމުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު އެކަމަށް ރައްދު ދެއްވައިފިއެވެ.

އެގޮތުން ޝައިހް ޒައިދު އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ހަރާމް ކަމަކީވެސް އޭގެ ޒާތުގައި ހައްދުން ނެއްޓިފައިވާ ކަމެއް ކަމަށެވެ. އަދި ހަރާމް ކަމެއް ކުރުމުގައި ހައްދުން ނުނެއްޓި އެކަމެއް ކުރާނެ ގޮތެއް ނުވިސްނޭ ކަމަށްވެސް ޝައިހް ވިދާޅުވިއެވެ.

"ހަރާމް ކަމެއް ކުރުމުގައި ހައްދުން ނުނެއްޓި އެކަމެއް ކުރާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ" ޝައިހް ޒައިދުގެ ޕޯސްޓްގައިވެއެވެ.

ޝައިހް ޒައިދު އިތުރަށް ވިދާޅުވީ ﷲ ގެ ހަސްރަތުން ކަނޑައެޅިފައިވާ މިންގަނޑުތައް ފަހަނަ އަޅައިދާ ނަމަ އެއީ ހައްދުން ނެއްޓުން ކަމަށެވެ.

ހަފްތާ ރެސް ނަމުގައި ރޭގަނޑު 12 ޖަހަން ދެން މިއުޒިކް ޝޯ ބޭއްވުން ބަލައިނުގަނެވޭ ކަމަށް ބުނެ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓްވީޓަކާއި ވިދިގެން  މިނިސްޓަރު މަހުލޫފު ވިދާޅުވީ "ހަފްތާ ރެސް" އަކީ ހަފްތާ ބަންދުގައި ބާއްވާ މަގުމަތީ ބާޒާރެއް ކަމަށާއި މަޤުޞަދަކީ ޒުވާނުންނަށް ވިޔަފާރީގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި އެ ހަރަކާތް ކުރިއަށް ދާނީ ހައްދުން ނުނެއްޓި ކަމަށްވެސް މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *