ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލް ބައިވެރިވެވަޑައިގެންނެވި އެވެ. މި ދަތުރުފުޅަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފަރާތުން އިރުމަތީ އޭޝިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ޖަޕާނުގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފިނޭންސް، ތާރޯ އާސޯގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. ހަމައެއާއެކު، މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ޖަޕާނުގެ ޚާރިޖީ ވަޒީރު، ތާރޯ ކޯނޯއާ ވެސް ބައްދަލުކުރައްވާފައެވެ. ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ މި ބައްދަލުކުރެއްވުމަކީ ފާއިތުވި އަހަރު ދުވަސްތެރޭގައި ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބޭއްވުނު ހަތަރު ވަނަ ބައްދަލުކުރެއްވުމެވެ.
މި ބައްދަލުކުރެއްވުންތަކުގައި މަޝްވަރާކުރައްވާފައިވަނީ ޖަޕާނާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ޒަމާންވީ، އެކުވެރި، ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް، ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.
މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޖަޕާނުގެ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ޔޮޝިއާކީ ހަރާޑާއާއި މިނިސްޓަރ އޮފް އިކޮނޮމީ، ޓްރޭޑް އެންޑް އިންޑަސްޓްރީ، ހިރޮޝިގޭ ސޭކޯ އާއި ޖަޕާން ބޭންކް ފޯ އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖޭބިކް)ގެ ގަވަރުނަރާއި ޖަޕާން އެކްސްޓަރނަލް ޓްރޭޑް އޯގަނައިޒޭޝަންގެ ރައީސާއި ޖަޕާނުގެ ވިޔަފާރީގެ ދާއިރާގެ އިސް ފަރާތްތަކާވެސް ބައްދަލުކުރައްވާފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، ޖަޕާނަށް ވަޑައިގެންނެވި ވަފުދުން ވަނީ ޖަޕާން ނޭޝަނަލް ޕްރެސް ކްލަބުގައި އޮތް ޕްރެސް ކޮންފަރެންސެއްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.