ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅުއްވައި، އަދި އެ މައްސަލަ ކާމިޔާބު ވާނޭ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލް އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނުގެ ވަކީލް އާޒިމާ ޝުކޫރު ވިދާޅުވީ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަމުގައި ގާނޫނީ މައްސަލަތަކެއްވެސް ހުރި ކަމަށެވެ. އެހެންކަމުން އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާނެ ކަމަށާއި ރައީސް ޔާމީންގެ ފަރާތުން އެ މައްސަލާގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ހެކިތަކަށް ބަލާއިރު އެ މައްސަލަ ކާމިޔާބު ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރައްވާ ކަމަށް އާޒިމާ ޝުކޫރު ވިދާޅުވި އެވެ. 

އިތުރަށް އާޒިމާ ވިދާޅުވީ ފާހަގަކޮށްފައިވާނީ އެ މައްސަލާގައި ޖިނާއީ އިޖުރާއަތްތަކާ ހިލާފަށް އަމަލުކޮށްފައިވާ ނުކުތާތަކެއް ކަމަށެވެ. އަދި އެ މައްސަލައަކީ ކޯޓުގައި އޮތް މައްސަލައަކަށްވާތީ ފާހަގަކޮށްފައިވާ ގާނޫނީ ނުކުތާތަކުގެ ތަފްސީލެއް ދެވެން ނެތް ކަމަށްވެސް އާޒިމާ ޝުކޫރު ވިދާޅުވިއެވެ.

ފުލުހުން އެދިގެން ކުރިމިނަލް ކޯޓުން ނެރުނު އަމުރުގެ ދަށުން ރައީސް ޔާމީންގެ އެކައުންޓްތަކުން 100 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަނީ ފްރީޒް ކޮށްފައެވެ.
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ ރިޔާސީ ކެމްޕޭނަށް ލިބުނު ފައިސާ އެމަނިކުފާނުގެ ނަމުގައި ހުރި އެކައުންޓަކަށް ޖަމާވެފައިވާތީ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓްތަކަށް ޖަމާވެފައި ވާތީ އެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.