މާލޭ ޓެކްސީތަކުގެ ޑްރައިވަރުން ހުޅުލެ އާއި ހުޅުމާލެއަށް ދަތުރު ކުރުން ހުއްޓާލައިފި އެވެ.
ދަތުރުކުރުން ހުއްޓާލާފައިވަނީ ހުޅުލެ އާއި ހުޅުމާލެއަށް ޓެކްސީތަކުން ދަތުރުކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކުގެ މައްސަލައިގައި މާލެ ސިޓީގެ ޓެކްސީތަކުގެ ޑްރައިވަރުން ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ.
މާލެއިން ހުޅުލެއަށް ދަތުރު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސާފައި ވަނީ ޓެކްސީ ދަތުރަކަށް 35ރ. އެވެ. އަދި ހުޅުމާލެ އާއި މާލެއާ ދެމެދު ޓެކްސީ ދަތުރު ކުރާ އަގެއްގެ ގޮތުގައި ހަމަޖެއްސީ 40ރ. އެވެ.
"ޖަޒީރާ" އަށް މައުލޫމާތު ދެމުން ރަސަލް ޓެކްސީގެ ޑްރައިވަރަކު ބުނީ، ވަގުތު ގެއްލޭ ވަރާ، ޕެޓްރޯލް ހަރަދުވާވަރާ ބަލާފައި ޓްރާންސްޕޯޓް މިނިސްޓްރީން ދީފައިވާ އަގުތަށް މާ ކުޑަ ކަމަށެވެ. އަދި އެ އަގުގައި ދަތުރު ނުކުރެވޭނެތީ ސިނަމާލެ ބްރިޖް ހުރަސްކޮށް ދަތުރުކުރުން ހުއްޓާލާފައިވާ ކަމަށެވެ.
ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ޓެކްސީތައް ދަތުރު ކުރުން ހުއްޓާލާފައި މި ވަނީ ޓްރާންސްޕޯޓުން ކަނޑައެޅި އަގުތަކާ ހިލާފަށް ދަތުރު ކުރާ ޓެކްސީތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިއްޔެ އިއުލާން ކުރުމުންނެވެ.
"ޖަޒީރާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުލެ އާއި ހުޅުމާލެއަށް ޓެކްސީ ދަތުރުކުރާނެ އަގުތަކާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާ މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.