ހުޅުމާލޭގެ ބީޗުގައި ހިންގާ ކެފޭތައް ނަގައި، ބީޗު ސަރަހައްދު ހުސްކޮށް އެ ތަންތަން އާންމުންނަށް ބޭނުންކުރެވޭ ގޮތް ހަދަން އިކޮނޮމިކް މިނިސްޓްރީން އެޗްޑީސީގައި އެދިއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެ ބީޗް ގައި ހިންގާ ކެފޭތަކުގެ މައްސަލަ ބެލި އިރު އެތަން ތަން ހިންގަނީ އެޗްޑީސީގެ ހުއްދަ ނެތިކަން އެނގިފައިވާ ކަމަށާއި، އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ބީޗު ހުސްކޮށް، އާންމުންނަށް އެ ތަން ފުރިހަމަޔަށް ބޭނުންކުރެވޭނެ ގޮތް ހަދަން ފައްޔާޒް ވަނީ އެދިވަޑައިގެންފަ އެވެ.
މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވެފައި މި ވަނީ ހުޅުމާލެ ގެސްޓްހައުސްތަކުންނާއި ކެފޭތަކުން ވިޔަފާރީގެ ބޭނުންތަކަށް ބީޗު ބޭނުންކުރާ މައްސަލާގައި އާންމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.