ކަނޑައެޅިފައިވާ އަގަށް ވުރެއް އިތުރަށް ޓްކްސީ ޑްރައިވަރުން ފަސެންޖަރުންގެ އަތުން ފައިސާ ނަގާނަމަ އެ ފައިސާ އަކީ ހަރާމް ފައިސާ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިހް ޒައިދު މިހެން ވިދާޅުވެފައިވަނީ އޭނާގެ ފޭސްބުކް ޕޭޖުން މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ޕޯސްޓްގައި ޝައިހް ޒައިދު ބުނެފައިވަނީ ޓެކްސީ ޑްރައިވަރު ގާތުން ފުލުހުން ސުވާލު ކުރުމުން ދަތުރުކޮށްދެނީ ކަނޑައެޅިފައިވާ އަގުގައި ކަމަށް ބުނެ ފަހުން ބޮޑު އަގު ނެގުމަކީ ހުއްދަކަމެއް ނޫން ކަމަށެވެ. އަދި އެފައިސާ ހަރާމްވެގެންވާ ކަމުގައިވެސް ޝައިހް ޒައިދު ބުނެފައިވެއެވެ.
"ޓެކްސީ ކައިރިން ޕޮލިސް އެހީމާ މިވެނި އަގެއްގައޭ ދަތުރުކޮށްދެނީ ބުނެފައި، ފަހުން ބޮޑު އަގު ކިޔުމަކީ ހުއްދަކަމެއް ނޫން" ޝައިހް ޒައިދުގެ ޕޯސްޓްގައިވެއެވެ.
މީގެ އިތުރުން ދޮގު ހަދައިގެން ލިބޭ އާންދަނީ ހުއްދަ ނޫން ކަމަށްވެސް ޝައިހް ޒައިދު ވަނީ ވިދާޅުވެފައެވެ.
ޝައިހް ޒައިދު މިހެން ވިދާޅުވެފައިވާއިރު ޓްރާންސްޕޯޓު މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ދަނީ ބޮޑު އަގު ނަގަމުންދާ ޓެކްސީތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބޮޑު އަގު ނަގާ ޓެކްސީތަކާއި މެދުގައި ފިޔަވަޅު އަޅާނެ ކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓްރީއިން ވަނީ ބުނެފައެވެ.