ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ގަރާޖު ނޫން އެހެން ތަނެއްގައި ޕާކުކުރާ ނަމަ އެ އުޅަނދެއްގެ ރަޖިސްޓަރީ ބާތިލްކުރުމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީއިން ނިންމައިފިއެވެ.
ކުރީގެ ޓްރާންސްޕޯޓު އޮތޯރިޓީއިން 2017ގެ ޑިސެމްބަރު އެކުލަވާލާފައިވާ ގަރާޖު ރަޖިސްޓަރީ ކުރުމުގައި އަމަލުކުރާނެ އުސޫލު ބާތިލްކޮށް، އަލަށް އެކުލަވާލި އުސޫލަށް އަމަލުކުރަން ފެށެމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަލަށް އެކުލަވާލު އުސޫލުގެ ތެރެއިން ހުއްދަ ބާތިލް ކުރާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރަޖިސްޓްރީ ކުރާ އުޅަނދުތައް، އެ އުޅަނދުތައް ރަޖިސްޓްރީ ކުރެވިފައިވާ ގަރާޖު ނޫން އެހެންތަންތާނގައި ޕާކް ކުރާނަމައެވެ. އަދި މިހާރު ހުރި އުޅަނދުތަކާއި މެދުގައި ގޮތެއް ނިންމުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްްޓްރީގެ އައު އުސޫލުގައި ގަރާޖުގައި ވެހިކަލް ގަރާޖުކުރުން ނޫން އެހެން ބޭނުމެއް ކުރާ ނަމަ އެފަދަ ތަނަކަށް ވެހިކަލް ރަޖިސްޓަރީ ނުކޮށްދޭގޮތަށް ވަނީ ނިންމާފައެވެ.
އަލަށް އެކުލަވާލެވުނު އުސޫލުގައިވާގޮތުން މާލޭގެ އަވަށްތަކުގެ ތެރެއިން ހެންވޭރު، ގަލޮޅު، މައްޗަންގޮޅި، މާފަންނުގައި ރަޖިސްޓަރީ ކުރާ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓަރީކޮށް ރަޖިސްޓަރީ ހަވާލުކުރާއިރު އެ އުޅަނދު މެންދަމު 00:00 އިން ފެށިގެން ހެނދުނު 6:00އާ ދެމެދު އެއް ގަޑިއިރަށް ވުރެ އިތުރަށް ޕާކުކޮށްފައި އޮންނަންވާނީ ރަޖިސްޓަރީ ކޮށްފައިވާ ގަރާޖުގައެވެ.
އޭގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީއަށް ވެހިކަލް ގަރާޖު ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ލިޔުމަކީ ސައްހަ ނޫން ލިޔުމެއް ނަމަ އެކަން ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް ގާނޫނުގެ ތެރެއިން އަޅާނެ ކަމަށްވެސް އަލަށް އެކުލަވާލި އުސޫލުގައިވެއެވެ.
ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ގަރާޖު ނޫން އެހެން ތަނެއްގައި ޕާކުކުރާ ނަމަ އެ އުޅަނދެއްގެ ރަޖިސްޓަރީ ބާތިލްކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ނިންމާފައިވާއިރު ޓްރާންސްޕޯޓު މިނިސްޓްރީއިން އަންނަނީ މާލޭގެ ޕާކިންގްއަށް ހައްލެއް ގެނެސްދީ މާލޭގެ ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ގެނެސްދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.