ކުރީގެ ސަރުކާރުން ނަގާފައިވާ ސިޓީ ކައުންސިލްތަކުގެ ބާރުތައް އަލުން އިއާދަކޮށްދެއްވައި، ސިޓީ ކައުންސިލްތަކުން އާންމުންނަށް ދޭ ޚިދުމަތްތައް އަލުން ކަނޑައެޅުއްވުމާ ގުޅިގެން، މާލޭ ސިޓީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

ސިޓީ ކައުންސިލްތައް ބާރުވެރި ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަ ކުރައްވައި ސިޓީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާ ކުރެއްވީ، މާލޭ ސިޓީ ކައުންސިލާ އެކު މިއަދު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، މާލޭ ސިޓީ ކައުންސިލްގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ކައުންސިލްގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. އަދި، މާލެތެރެ ސާފުތާހިރުކޮށް ދެމެހެއްޓުމަށާއި، މާލެއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަރަށް ގިނަ ކަންކަން ރާވާފައިވާ ކަމުގައި ވިދާޅުވެ، އެކަންކަން ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ އެއްބާރުލެއްވުން ބޭނުންވާނެކަން މާލޭ ސިޓީ ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މާލޭގައި އިމާރާތް ކުރަމުންދާ ތަންތަނުގެ ހާލަތު ބައްލަވައި ފިޔަވަޅު އަޅަންޖެހޭ ތަންތަނާ ދޭތެރޭގައި ފިޔަވަޅު އެޅުއްވުމުގެ މަސައްކަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސިޓީ ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. މިގޮތުން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން، ސިޓީ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެދެވޭ ކުރިއެރުންތަކެއް ލިބިފައިވާކަން ސިޓީ ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި މާލެ ސިޓީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިޓީ ކައުންސިލްތަކަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެއްވައި، ހަރުދަނާ ގޮތެއްގައި ސިޓީ ކައުންސިލްތަކުގެ ޒިންމާ އަދާ ކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވައިދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ކައުންސިލްތައް ބާރުވެރިކުރުމުގައި ސަރުކާރުން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.