ކޮންމެ ދުވަހަކަށް އިރުއަރާ އިރު އޮއްސޭއިރު ކުރިއަށް އޮތް ދުވަހު ކުރާނޭ ކަންކަން ރާވާ ނިންމާލައެވެ. ގަޑިތައް ކަނޑައަޅާ އިރު ހީވަނީ އެހެން ކަމެއް ހެންނެވެ. މިއީ ދުނިޔޭގެ އާދައެވެ. އިންސާނީ ތަބީއަތެވެ.

މިހެން ރާވާރޭވުންތަކާއި ކުރަން ނިންމާ ކަންކަމުގެ ލިސްޓުގެ ކުރިއަށް މަރާއި މެދު ތައްޔާރު ވުމަށްވުރެ މުހިންމުކަމެއް އޮވެގެން ނުވާނެކަމެވެ.

ތައްޔާރުވެ ތިބެންވީ މަރު އައިސް ބައްދަލު ކުރާނެ ވަގުތަކަށްޓަކައެވެ.

މަރު ތިބާ އުންމީދުކުރާ ވަގުތެއްގައި ހާޒިރު ވާނެއޭ ހީކޮށް ހުރުމަށްވުރެ ތާކުންތާކު ނުޖެހޭ ކަމަކަށް ތިމާއަށް އިންތިޒާރެއް ނުކުރެވޭނެއެވެ. މިކަމަކަށް ޅަފުރާ، ނޫކަށި ޒުވާން، ނުވަތަ މުސްކުޅި އުމުރެއް ބެލުމެއް ނުވެއެވެ. މިކަމަކީ އެމީހަކަށް މިންވަރު ކުރެވިފައިވާ ކަމެވެ. އިންސާނުންނަށް އޮތީ އާހިރަތަށް ތައްޔާރުވެ ތިބުމެވެ.

ދީނުގައި ފަރުޞު ކުރައްވާފައިވާ ކަންކަން ކުރުމުގައި އިހްލާސްތެރިވުމެވެ. އަދި ކަނޑައެޅި ބަޔާންވެގެންވާ ހަރާމް ކަންކަމުން ދުރުވެ ބަރީއަވުމެވެ. އެހެނީ މަރުވުމަށްފަހު ތިމާގެ އަމަލުތައް އިސްލާހު ކުރުމަށް ދެވެނަ ފުރުސަތެއް ނެތެވެ. ކަށްވަޅުގެ އަޒާބާއި މެދު ވިސްނާލި ނަމަވެސް ފުދެއެވެ. އެއްވެސް ފަރާތެއްގެ މަދަދެއް އެހީއެއް ލިބުމެއްނުވާ އެބިރުވެރި ދުވަހަށް ތައްޔާރުވުމަށް މިދުނިޔޭގެ ދިރިއުޅުމަކީ މަދު ސިކުންތު ކޮޅެއް ފަދަ ވަގުތު ކޮޅެކެވެ. ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔާއިރު އަމަލުން އެކަން ނުދެއްކެންވީ އުޒުރެއް ނެތެވެ. އުޒުރު ދެއްކޭނެއޭ ހީވަނިހެއްޔެވެ!!

ދުނިޔަވީ ގޮތުން ބޭކާރު ކިތަންމެ ކަމެއްގައި އަގުހުރި ވަގުތުތައް ހޭދަ ކޮށްލަނީ ވަގުތީ އުފަލަކަށްޓަކައެވެ. ހުނުމާއި މަޖަލުގައި ކުޅިވަރާއި ﷲ ނަހީކުރަށްވާފައިވާ މިއުޒިކުގައި މަސްއޫލުވެ ތިބޭތިބުން މިވަނީ އާންމުވެފައެވެ. ބަންގީގެ އަޑަށް އިޖާބަ ނުދޭނަމަ ތިމާއަށްވުރެ އަބާއްޖަވެރިޔަކު ވޭހެއްޔެވެ؟. ނަމާދަކީ މުންކަރާތްތަކުން އިންސާނާ އެއްކިބާކޮށްދޭ މަސްދަރުކަމުގައި ވީހިނދު މިކަމާއި މެދު ފިކުރުކުރަން ވަގުތު ނުވާކަމީ ހިތާމަހުރި ކަމެކެވެ. ދުނިޔެއަށް އިންސާނާ ފޮނުވުމުގެ މަގުސަދަކީ ﷲ ސުބްހާނަހޫ ވަތައާލާ އެއްކައުވަންތަކޮށް އެއިލާހަށް އަޅުކަން ކުރުން ކަމުގައިވީ ހިނދު، ތިމާ ދުނިޔެއަށް ފޮނުއްވެވުމުގެ މަގުސަދު ހަނދާން ނެތެންވީ ސަބަބެއް ކޮބައިތޯއެވެ!!

ނަމާދަކީ އެއަޅުކަމަކާއި ނުލާ އިސްލާމްކަން ފުރިހަމަ ނުވާ އަޅުކަން ކަމުގައި ވީއިރު ފަރުޟު ފަސް ނަމާދަށް ރައްކައުތެރި ވުމަށްވުރެ އިސްކަންދޭން ޖެހޭނެ އެއްވެސް ކަމެއް ނުވެއެވެ. ލޮލު ކުރިމަތީގައި ތިމާގެ އަހާ، ނިމިދިޔަތަން ނުފެންނަނީހެއްޔެވެ. އިބްރަތް ހާސިލް ކުރަންވީ ދުނިޔެ ދައްކަމުންދާ ހަގީގަތުންނެވެ. ތިމާގެ މަށްޗަށް ބަންގި ދިނުމެއް ނެތި ނަމާދު ކުރެވޭނެ ދުވަހެއްވެއެވެ.

އެދުވަހުން ތިމާވާހުށީ ކަފުނަކުން ބަނދެލެވިފައިވާ ހާލުގައެވެ. ތިމާގެ އުމުރުގެ ދިގުމިނަކީ އުފަން ވުމާއިއެކު ކަންފަތް ދޮށުގަ ގޮވާލެވުނު ބަންގިއާއި ކަފުނުން ބަނދެލެވުމަށްފަހު ކުރާނެ ކަށުނަމާދާއި ދެމެދެވެ. މާނައަކީ ބަންގިއާއި ގަމަތާއި ދެމެދުގެ ކުޑަ ވަގުތުކޮޅެކެވެ. ގަދަފަދަ ވެގެންވާ އަޒާބުގެ ބިރުވެރިކަމާއި މެދު ވިސްނާ ނަފްސު އިސްލާހުކުރަން ލިބޭނީ މަދު ފުރުސަތެކެވެ. މުސްކުޅިވާނެ ދުވަހަކަށް ތިމާ އިންތިޒާރު ނުކުރާށެވެ. އެހެނީ އެއީ އެއްވެސް ޔަގީން ކަމެއް އޮތްކަމެއް ނޫނެވެ. ޔަގީންވަކަމަކީ މަރުވާނެ ކަމެވެ. ވަގުތުވަނީ ސިއްރުވެގެނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *