އިންޑޮނޭޝިއާ ކައިރީގައި އުފެދުނު ސުނާމީއެއް އެގައުމުގެ ތިން ސިޓީއަކަށް އަރާ 62 މީހުން މަރުވެ 600 އަށް ވުރެންގިނަ މީހުން ޒަޚަމް ވެއްޖެއެވެ.

ސުނާމީގައި އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު ސުނާމީ އަރާފައި ވަނީ އިންޑޮނޭޝިއާގެ ޕެންޑެގްރަންގް، ސެރަންގް އަދި ދެކުނު ލަމްޕަންގް އަށެވެ.

ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ އިންޑޮނޭޝިއާގެ އިދާރާ އިން ބުނީ ސުނާމީގެ ސަބަބުން  މިހާތަނަށް 430 ގެއާއި ނުވަ ހޮޓަލަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސުނާމީ އުފެދުނީ އަލިފާން ފަރުބަދައެއް ކައިރިން ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ.

އިންޑޮނޭޝިއާގެ މޫސުމާއި ބެހޭ އިދާރާއިން ބުނީ ސުނާމީއެއް އުފެދުނު ކަމުގެ ރިޕޯޓް ލިބިފައި ވަނީ ރޭ އިންޑޮނޭޝިއާގެ ގަޑިން 21:03 ގައި ކަމަށާއި އޭގެ 24 މިނެޓް ފަހުން ސުނާމީ އަރާފައިވާކަމަށެވެ. 

ރިޕޯޓުތައް ބުނާ ގޮތުން  އިންޑިނޭޝިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް 10 ފޫޓް އުސް މިނުގައި ސުނާމީ އަރާފައިވެއެވެެ.

ސުނާމީގައި މިހާތަނަށް ދެމީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، ގެއްލުނު މީހުންނާއި މަރުވި މީހުންގެ އަދަދު އިތުރުވުން  އެކަށީގެންވާ ކަމަށް އިންޑޮނޭޝިއާއިން ބުނެއެވެ.

އިންޑޮނޭޝިއާ އަކީ އާންމުކޮށް ސުނާމީ އާއި ބިންހެލުން ވަރަށް ގިނައިން އަންނަ ގައުމެކެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އިންޑޮނޭޝިއާ އަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގައި  1900 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބައެއް ހާލުގައި ޖެހިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.