އަހަރެންނަކީ އުމުރުން އެންމެ 15 އަހަރުގެ ކުއްޖަކީމުއެވެ. ހިތްދަތި ދިރިއުޅުމެއް އުޅުމަށް މަޖުބޫރުވެފައިވީ ހިނދު، މިކިޔާދެނީ އަހަރެންގެ ހަޔާތުގެ ސަފުހާތައް ކުރުގޮތަކަށެވެ.
އަހަރެންގެ އާއިލާގައި މަންމަ އާއި ބައްޕަގެ އިތުރަށް އަހަރެންގެ ހަގަށް ފިރިހެން ކޮއްކޮއެއް ހުރެއެވެ. ނިކަމެތި ހާލުގައި އުޅެން މަޖުބޫރު ވެފައިވަނީ ބަފައިމީހާގެ ސަބަބުންކަމަށް ބުނަން އަހަރެން ލަދުވެސް ގަނެއެވެ. ބަފައިމީހާއަށް ބައްޕަ ކިޔަން އަހަރެން ހަގީގަތުގައި ޖެހިލުންވެސް ވެއެވެ. އެއްފަހަރު ކައިފިނަމަ އަނެއްފަހަރު ތިބެންޖެހެނީ ހައިހޫނުކަންމަތިގައެވެ. ރީތިވާނެ އެއްޗެއް ހޯދައި ނުދޭތާ އުނު އޮރިޔާން ނިވާކޮށްލާނެ ފަދަވެސް ފޯރުކޮށްދެނި މަދުފަހަރަކުއެވެ.
ނަފްސާނީ ބިރުވެރި ކަމެއްގެ ތެރޭގައި ހަޔާތުގެ ދުވަސްތަށް ގުނަމުން މިދަނީ ހިތާއި ދެކޮޅަށެވެ. ފުރަތަމަ އަހަރެން ސިފަކޮށްދޭން ބޭނުންވަނީ ގައިގަ ވަރުހުރި ބަފައި މީހާ ބޯހިޔާވަހިކަން އަހަރެންނާއި ހަގަށް ހުރި ކޮށްކޮއާއި މަންމައަށް ހޯދަދީފައި ހުރިގޮތެވެ. ގެޔަކީ ޖިފުޓިއެކޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ. 5 ވޯޓުގެ ބޮތްކަކާއި ބަތްކައްކާ އަވަނެއް ފިޔަވާ ކަރަންޓުން ބޭނުންކުރާނެ އިތުރު އެއްވެސް ވަސީލަތެއް ގޭގައި ނުހުންނާނެއެވެ. ވާރޭވެހިއްޖެ ނަމަ ފުރާޅުން ގޭތެރެއަށް ފެންފައިބާނެއެވެ. 2 ކޮޓަރިއަކަށް ވާގޮތަށް ހުރި ކޮޓަރިންކުރެ ކޮޓަރިއެއްގައި ދޮރެއް ނުހުންނާނެއެވެ. ވައްޓާލައިފައިވާ ފޮތިގަނޑަކުން ނިވާކަމެއް ނުވެއެވެ. ތަންދޮރު ވަކި ކުރަން ނުދަންނައިރުވެސް ފެންނަން ނުވާނޭ މަންޒަރުތައް ލޮލަށް ފެންނަމުން ދިޔައެވެ.
ދުނިޔެއަށް ހޭލެވެމުން ދިޔައީ ސުކޫލުން ދިމާވާ ބައެއް ރައްޓެހިންނާއި ކަންކަން ހިއްސާ ކުރަމުން ދިޔަކަމުންނެވެ. ތުއްތު އުމުރު ފަހަނައަޅައި ގޮސް ފުރާވަރުގެ އުމުރުތައް ފެށުމާއިއެކު، އުމުރުން އެންމެ 13 އަހަރުގައި އަހަރެންގެ އިއްފަތްތެރިކަން ނިގުޅައިގަތީ އަހަރެންގެ ނުރުހުމުގައެވެ. އެނުލަފާ މިހާއަކީ ކާކުކަން ހުދު އަހަރެންނަކަށް އަދި އަދައްވެސް ނޭނގެއެވެ. އެހީއަކަށް އެދޭނެ މަގެއް އަހަންނަކަށް ތަނަވަހެއްނުވިއެވެ. އެވޭނުގައި ހަފްތާ ވޭތުވެ ދިޔައީއެވެ.
އާދަވެގެން މަންމައާއި ބައްޕަ ޒުވާބުކޮށް އުޅެއެވެ. އޭގެ ދުވަސް ކޮޅެއް ފަހުން މަންމައާއި ބައްޕަ ކުރި ޒުވާބެއްގެ ތެރެއިން އަހަރެންގެ އިއްފަތް ފޭރުމުގައި ބައްޕަގެ އަތެއްވާކަން އެނގުނެވެ. ހަގީގަތަކަށްވީ އަހަރެންގެ ކުށެއްނެތް ޖިސްމު އަގެއްނެތި ހުތުރުކަން ބޮޑު ގޮތުގައި ނީލަމުގައި ވިއްކާލީއެވެ. އެދުވަހައްފަހު އަހަރެންގެ އުފަން ބައްޕައަށް ބައްޕަކިޔާ މުހާތަބު ކޮށްފައެއް ނޯންނާނެއެވެ.
އިތުރަށް ކިޔެވޭނެ މަގެއް އަހަރެންނަކަށް ނުލިބުނެވެ. މިއަދު އަހަރެންނަށް އިތުބާރުކުރެވޭނެ އެއްވެސް ފިރިހެނަކުނެތެވެ. ރަށުތެރެއަށް ފަލީހަތްވެ އަގެއްނެތި މުޑުދާރުވެފައިވަނީ އަހަރެންގެ ކުށެއްނެތް ނަމެވެ. މަގެއްގެ މައްޗަށް ނިކުމެވޭނީ ކޮންމެވެސް ފިރިހެނެއްގެ ބަހުގެ ތުރާއެއް ލިބިގެނެވެ. އަހަރެންނަކީ ހަށިވިއްކަމުން ދުވާ ކުއްޖަކީމުއެއް ނޫނެވެ. އަހަރެން މިހާރު އިންތިޒާރު ކުރަމުން މިދަނީ 18 އަހަރު ފުރޭނެ ދުވަހަކަށެވެ. މިހަޔަތާއި ދުރަށް ދާންބޭނުމީ އަބަދުގެ އަބަދަށެވެ. ބައްޕައަށް ދުވަހަކުވެސް މާފު ނުކުރާ ހާލުގައި އަހަރެން ލޯބިވާ މަންމައާއި ކޮއްކޮއާއި ދުރަށްދާން މަޖުބޫރުވަނީ އަހަރެންނަކީ އަންހެނަކަށް ވާތިއެވެ.
މިއީ އަހަރެންގެ ހަޔާތް އެންމެ ކުރޮކޮށް ބުނެދެވޭނެ މިންވަރެވެ.