އަމިއްލައަށް މަރުވުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ދެދުނިޔެ ގެއްލިގެންދާ ކަމެކެވެ. މި މަޒުމޫނުގެ މަޤްޞަދަކީ އަމިއްލައަށް މަރުވާ މީހުންގެ ނިސްބަތް، އަންހެނުންނަށްވުރެން ގިނަކަން، އޮސްޓްރޭލިޔާގައި ކޮށްފައިވާ ދިރާސާއެއްގެ އަލީގައި ގެނެސްދިނުމެވެ.

ފިރިހެނުން، ފިރިން ނުވަތަ ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާގެ މައްސަލަތައް ޖައްސައި އެމީހުންނާއި މެދު ޝަކުވާކޮށް، ނެތިމޮށި ހެދުމަކީ އާއްމު ކަމެކެވެ. އެކަމުގެ ސަބަބުން ފިރިހެނުންނަށް ނުތަނަވަސް ކަމާއި ފޫހިކަމެއް ގެނުވައެވެ. ފިރިހެނުންނާއި ދިމާއަށް ގަދައަށް އަޑުލައި ޒުވާބުކޮށް، ފިރިހެނުންނަށް ގެވެށި އަނިޔާ ދެމުން އަންނަކަމީ ވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ. ނަމަވެސް މީގެ އިދިކޮޅުވެސް އެބައޮތެވެ. ފިރިހެނުންގެ ފަރާތުން ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވުމުން، އެކަމުގެ ގޯސްކަން ވިސްނައިދީ ފިރިހެންވެރިންނަށް ހިތްވަރުދީ ކުޑަކުއްޖަކު ލޮއްސާހެން ލޮއްސުމަކީވެސް ހަމަ ކޮންމެ މުޖުތަމަޢަކުން ވެސް ފެންނަމުންދާ ކަންތައްތަކެވެ. ބާރަށް އަޑުލައި، ހޫނު ޒުވާބެއް ކުރިޔަސް، ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ ފިރިންނަކީ އަންހެންވެރިން ނުހަނު ލޯބިވާ ބައެއްކަމެވެ. އެމީހުންނާއި ނުލައި ނުކުރެވޭނެ އެތައް ކަމެއް ހުންނަކަންވެސް، ހޫނު ޒުވާބެއްކޮށް ނިންމާލައި، ހިހޫ ސިކުނޑި އަކުން ވިސްނައިލުމުން އަންހެންވެރިންނަށް އެނގޭނެއެވެ.

އޮސްޓްރޭލިޔާ ގައި އުމުރުން 15-44 އަހަރާއި ދެމެދުގެ ފިރިހެނުން މަރުވާ މައިގަނޑު ސަބަބަކީ އަމިއްލައަށް މަރުވުމެވެ. މިއީ މަގުމަތީގައި ހިނގާ އެކްސިޑެންޓް ތަކުން މީހުން މަރުވާ ނިސްބަތާއި އަޅައި ބަލާއިރު އޭގެ ދެގުނަ އިތުރު މިންވަރެކެވެ. 2017 ވަނަ އަހަރު 3128 މީހުން އަމިއްލައަށް މަރުވެފައި ވެއެވެ. އޭގެ ތެރެއިން ތިންގުނަ މީހުންނަކީ ފިރިހެނުންނެވެ. މީގެ މާނައަކީ 2017 ވަނަ އަހަރު އެކަނިވެސް، 2346 ފިރިހެނުން އަމިއްލައަށް މަރުވެފައި ވެއެވެ.

ރެއާއިދުވާލެއްގެ ތެރެއިން އަމިއްލައަށް މަރުވާ ކޮންމެ އަށް (8) މީހުންގެ ތެރެއިން ހަ (6) މީހުންނަކީ ފިރިހެނުންނެވެ. މި އަދަދަކީ ދުވަހެއް ދުވަހަކަށް މަތިވަމުން އަންނަ އަދަދެކެވެ. މިއީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހިފައިވާ ހިތި ޙަޤީޤަތެކެވެ. މިއީ މިކަމުގެ ނޭދެވޭ އަސަރުތައް މުޅި މުޖުތަމަޢަށް ފޯރަމުންދާ ކަމެކެވެ. އަމިއްލައަށް މަރުވެގެން ދުނިޔެ ދޫކޮށްލާ ހަމަ ކޮންމެ ފިރިހެނަކީވެސް ކޮންމެވެސް މީހެއްގެ ބަފައެއް، ފިރިއެއް، ފިރިހެން ދަރިއެއް، ބޭބެއެއް ނުވަތަ ރައްޓެއްސެކެވެ. އަމިއްލައަށް މަރުވުމަކީ އެކަމުގެ ނޭދެވޭ އަސަރުތައް ހުރިހައި އެންމެނަށްވެސް ފޯރާ ކަމެކެވެ. އެހެންކަމުން މިއީ އަހަރެމެން މިކަމާމެދު ތެދުވެ، ހޭލުންތެރި ކުރުވަން ޖެހިފައިވާ މައްސަލައެކެވެ. ދިވެހިރާއްޖޭގައި މިފަދަ ދިރާސާއެއް ހެދިފައި ނެތްނަމަވެސް، ޚަބަރުފަތުރާ ވަޞީލަތްތަކަށް ބަލައިލާއިރު، އޮސްޓްރޭލިޔާގައި ކޮށްފައިވާ ދިރާސާއިން އެ ދައްކާ ބޮޑު މަންޒަރު މި ރާއްޖެއިންވެސް އަންނަނީ ފެންނަމުންނެވެ.

'މެންޓަލް ހެލްތު އިޝޫސް' ނުވަތަ ނަފްސާނީ ދުޅަހެޔޮ ކަމަކީ އަމިއްލައަށް މީހުން މަރުވުމުގެ މައި މުގޫ ކަމުގައެވެ. މީގެ އިތުރުން އިސްލާމީ ޢަޤީދާގެ ބަލިކަށިކަމަކީވެސް މިކަމުގެ މައި މުގުލެއް ކަމެވެ. ނަމަވެސް އަމިއްލައަށް މަރުވާ ފިރިހެނުންގެ ތެރެއިން 80 އިންސައްތަ މީހުން މަރުވަނީ އެމީހުންނަކީ ނަފުސާނީގޮތުން ދުޅަހެޔޮ ބަޔަކަށް ނުވެގެން ނޫންކަން އޮސްޓްރޭލިޔާގައި ކޮށްފައިވާ ދިރާސާއަކުން ހާމަވެއެވެ. އެހެންކަމުން މިކަމަކީ ޢަޤީދާގެ ބަލިކަށިކަމުން ކުރިމަތިވާ ކަމެއްކަމަށް ބޮޑަށް ބުރަވުމުގެ ފުރުޞަތު އެބައޮތެވެ.

ނަފުސާނީ ދުޅަހެޔޮކަމާއި އަމިއްލައަށް މަރުވުމާއި ގުޅިފައިވަނީ ކޮންކޮން ކަންތައްތަކަކަށްތޯ ބަލައިލާއިރު ފާހަގަކޮށްލެވޭ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން؛ ފިރިހެނުންނަކީ ދިރިއުޅުމުގައި ކުރިމަތިވާ ގިނަ މައްސަލަތަކަކާއި ސީދާގޮތުން ގުޅިލާމެހިފައިވާ މީހުންނެވެ. ކޮންމެ ކަމެއްހެން އަމާޒުވަނީ އެމީހުންނަށެވެ. ދެމަފިރިންގެ ގުޅުން ހީނަރުވެ މައްސަލަޖެހުން ނުވަތަ ވަކިވުން، މަސައްކަތުގެ މާހައުލުން ކުރިމަތިވާ މައްސަލަތައް، ފައިސާގެ މައްސަލަތައް، ސިއްޙީ މައްސަލަތައް ފަދަ ކަންކަން ފާހަގަކޮށްލެވެއެވެ. އެފަދަ ކަންމާއި ގުޅިގެން ކުރިމަތިވާ ހާސްކަމާއި ކަންބޮޑުވުންތައް ހިފަހައްޓައިގެން ތިބުމަކީ ގިނަ ފިރިހެނުން ކޮށްއުޅޭ ކަމެކެވެ. އެންމެ ފަހުން، ޕްރެޝަރު ބޮޑުވެގެންގޮސް، ކަންތައްތައް ގޯހުން ގޯހަށް ގޮސް، އަމިއްލައަށް ގޯސް ހެދެނީއެވެ. ކުރިން އިޝާރާތްކުރި ފަދައިން އީމާންތެރިކަން ކުޑަވުމުގެ ސަބަބުންނެވެ. މިފަދަ ކަންކަން ކުރިމަތިވުމުން އެކަންކަން ބަރުދާސްތުކުރުމުގެ ހިތްވަރާއި އީމާންތެރިކަންކުޑަ މީހުންގެ ތެރެއިން ބައެއް މީހުންނަކީ ގޮތް ހުސްވެ، އަމިއްލައަށް މަރުވުން ފަދަ ކަންތައްތައް ކުރާ މީހުންނެވެ.

އެހެންކަމުން، ފިރިހެނުންނަކީ މާގަދަފަދަ ބައެއްކަމަށް ހެދިގެން، ޙަޔާތުގައި ކުރިމަތިވާ 'ބަނަކަން' އެއީ އެހެން މީހަކާއި ހިއްސާކުރުން 'ކަޑަ ކަމެއް' ކަމަށް ދެކިގެން ތިބޭ ތިބުން ދޫކޮށްލާން އެބަޖެހެއެވެ. ކޮންމެވެސް މީހަކާއި ވާހަކަ ދައްކާލައި ކުރިމަތިވެގެން އުޅޭ މައްސަލަ އާއިމެދު އަނެކާ ދެކޭ ގޮތާއި މެދު ޚިޔާލު ހޯދާށެވެ. 'ގޮއްޗާ4ލައިފް' (Gothcha4Life) ގެ އިސް މަސްޢޫލުވެރިޔާ ގަސް ވޯރލޭންޑް ބުނެފައިވާހެން؛ "ކޮންމެ މީހެއްގެ ހަޔާތުގައިވެސް ތިމާއާއި ކުރިމަތިވާ ކަންތައްތަކާމެދު މަޝްވަރާ ކޮށްލާނެ މީހަކު ހުންނަން ވާނެ. ކޮންމެ ކަމަކާމެދުވެސް ވާހަކަދައްކާލައި ރަނގަޅު މަޝްވަރާއެއް ދެވޭނެ ފަދަ މީހަކު ހުންނަން ވާނެ."

ގަސް ވޯރލޭންޑް ބުނެފައިވާހެން ކަންކަމާމެދު ވާހަކަދައްކައި މަޝްވަރާ ހޯދުމަކީ މުހިންމު ކަމެކެވެ. ފިރިހެނުންނަކީ 'ގަޓް ހުރި' ބަޔަކަށްވަނީ ރޯންޖެހޭ ވަގުތު ނުރޮއެ ތުންފިއްތައިގެން އަދި އެކަން ފޮރުވައިގެން ތިބެގެނެއްނޫނެވެ. 'ގަޓް ހުރި' ބަޔަކަށްވާނީ ކުރިމަތިވާ ގޮންޖެހުންތަކާއި ކެރިގެން ކުރިމަތިލައި އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތްކުރާ ބަޔަކަށް ވެގެންނެވެ. އަމިއްލައަށް މަރުވުމަކީ މައްސަލަތައް ހައްލުވުމެއް ނޫނެވެ. އެއީ ތިބާގެ ސަބަބުން އެހެން ބަޔަކަށް އެތަކެއް މައްސަލަތަކެއް ކުރިމަތި ކުރުވުމަށްފަހު، ފިނޑިއަކު ފަދައިން ތިބާއަށް ދިމާވި މައްސަލައިން އަތްދޮވެލުން ފަދަ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.