ލަންޑަންގެ ގެޓްވިކް އެއަރޕޯޓް ރަންވޭ ކައިރިން ޑްރޯން އުދުއްސަނިކޮށް ފެނިގެން ދެމީހަކު ހައްޔަރުކޮށް އެއަރޕޯޓް ގެ މަސައްކަތް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ކްރޯލޭ އަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ފިރިހެނަކާއި 54 އަހަރުގެ އަންހެނެއް މިދިޔަ ހުކުރުދުވަހު ޖީއެމްޓީ ގަޑިން 22:00 ގައި ވަނީ ހައްޔަރުކޮށްފައެވެ.
މި ހާދިސާއާއި ގުޅިގެން ފްލައިޓްތަކުގެ އުދުހުން ހުއްޓާލައި އެއަރޕޯޓް ހުއްޓުމަކަށް ގެނެސްފައި އެއްދުވަސް ވާންދެން ބާއްވަން ޖެހުނެވެ. ރަންވޭ ކައިރިން ޑްރޯން ފެނުނު މި ހާދިސާގެ ސަބަބުން 140،000 ފަސިންޖަރުންނަށް ދަތިތަކަކާއި ކުރިމަތިލާން ޖެހުނެވެ. އެއްދުވަހުގެ ހުއްޓުމަކަށްފަހު މިހާރުވަނީ ގެޓްވިކް އެއަރޕޯޓް އަލުން ހުޅުވައި ޝެޑިއުލްތަކާއި އެއްގޮތަށް ފްލައިޓްތައް އުދުހެން ފަށާފައެވެ.
ސަސެކްސް ގެ ފުލުހުން އަންނަނީ މި މައްސަލަ ތަހްޤީޤް ކުރަމުންނެވެ. އެއަރޕޯޓުން ބުނީ މިއަދު ޝެޑިއުލް ފްލައިޓްތައް ފުލްކޮށް ދަތުރުކުރާނެކަމަށާއި 124،482 ފަސިންޖަރުން އެމީހުން ދާންބޭނުންވާ މަންޒިލްތަކަށް އުފުލައިދޭނެ ކަމަށެވެ.
އެއަރޕޯޓުން މިހެން ބުނިނަމަވެސް އަރާގިމަތަ ސަރަހައްދުން ފެންނަނީ ތަފާތު މަންޒަރެކެވެ. ތޮއްޖެހިފައިވާ ފަސިންޖަރުންތައް ތިބީ ރުންކުރުވެފައެވެ. ފްލައިޓްތައް ލަސްވެގެން އެކަމުގެ ޝަކުވާ އާއި ހިތްހަމަނުޖެހުމުގެ އަޑުތަކުން މާހައުލުވަނީ ގުގުމާލާފައެވެ.
ޑްރޯން އެރުވުމުގެ މި ހާދިސާއާއި ގުޅިގެން އެއަރޕޯޓްގެ މަސައްކަތް ހުއްޓިފައި އޮތް 36 ގަޑިއެއްހާއިރު 1،000 އަށްވުރެން ގިނަ ފްލައިޓް ކެންސަލްކުރެވި ނުވަތަ ޑައިވަރޓްކުރެވިގެން ދިޔައެވެ.
ގެޓްވިކް އެއަރޕޯޓް ބަންދުކޮށްފައި ބޭއްވުމަށްފު ހުކުރުދުވަހު ހަވީރު ހުޅުވިނަމަވެސް އޭގެފަހުންވެސް އެއަރޕޯޓް ސަރަހައްދުގައި ޑްރޯން އުދުއްސާތަން ފެނިގެން ހަވީރު 17:10 ގައި އިރުކޮޅެއް ވާންދެން އެއަރޕޯޓް ބަންދުކުރަން ޖެހުނެވެ.
އެއަރޕޯޓް ހިމެނޭ ސަރަހައްދު ތަކުގައި ޑްރޯން އެރުވުމަކީ ނުރައްކާތެރިކަމެއް ނަމަވެސް އިނގިރޭސި ވިލާތުގައި މިއީ ޤައުމީފެންވަރުގައި ހައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ.
މީގެ އިތުރުން ޔޫއޭއީގައި އުދުއްސާ ޑްރޯންތައް ގިނަވެ، އެއާޕޯޓްތަކަށް މުޞީބާތަކަށްވެ ގަޑިއަކު އެތައް މިލިއަން ޑޮލަރަކުން ގެންލުންވަމުން އަންނާތީ އެތަނުގެ ސިވިލްއެވިއޭޝަން އޮތޯރިޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.