ދަތުރު ފަތުރު ކުރުމަކީ ކޮންމެހެން ކުރަން މަޖުބޫރު ކަމެއްކަމުގައިވީ ހިނދު، މިކަމަށް ދިވެހިން ކުރާ ހަރަދުވެސް މިވަނީ ބޮޑު ހަރަދެއް ކަމުގައިވެފައެވެ. ކޮންމެދުވަހެއްގައި އެތައް ހާސް ދަތުރެއް ކުރަންޖެހޭކަމީ ހަގީގަތެކެވެ. ކަނޑު މަގުންނާއި ވައިގެ މަގުގެ އިތުރުން އެއްގަމުމަގައިވެސް އަބަދުމެ މިފެންނަނީ ދަތުރު ފަތުރު މުހިންމުވެފައިވާ މިންވަރެވެ.

މިދުވަސްވަރަކީ ސުކޫލު ބަންދުވެފައިވާ ދުވަސްވަރުކަމުން ދަތުރު ފަތުރު އެހެން ދުވަސްވަރުތަކާއި އަޅާބަލާއިރު އެތައް ގުނައެއް އިތުރުވަމުންދެއެވެ. ރަށްފުށުގަ ދިރިއުޅޭ މީހުން މާލެއަށް ދިއުމަކީ އާންމުކަމެކެވެ. އަދި ހަމަ މިއާއި އެކު މާލޭގައި ދިރިއުޅޭ ރައްޔިތުން ރަށްފުށައް ޒިތާރަތް ކުރާކުރުން އާންމު މިދުވަސްވަރުގައި ރާއްޖެއިން ބޭރު އެހެން ގައުމުތަކަށް ދިޔުމަކީ ފޯރުންތެރިކަން ހުރި މިންވަރަކުން ކުރަމުންދާ ކަންކަމެވެ. މިދަތުރު ތަކުގެ ތެރެއިން ޒަރޫރީ ބޭނުންތައް ފުއްދުމުގެ ގޮތުން ކުރާ ދަތުރު ތަކަކީ އެންމެ މުހިންމު ދަތުރުތަކެވެ.

އެތައް ދުވަހެއް ކުރިން ޓިކެޓް ނަގާ، ދަަތުރަށް ތައްޔާރުވުމަކީ އާދަވެގެން ކޮށްއުޅޭ ކަމެކެވެ. ސަބަބުބުތަކެއް ނެތިއެއްވެސްނޫނެވެ. މިވެނި އެވެނީ ދުވަހަކަށް ޓިކެޓް ނުލިބިދާނެ ކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި މިކަން މިގޮތައް ކުރަން މަޖުބޫރުވަނީއެވެ. މިކަމަކީ ކަންމަތީ 'ފިހާރަތަކުން ދަރަންޏަށް' ކުރާ އުސޫލުން ކުރެވޭ ކަމެއް ނޫނެވެ. ވިކުރާގައި ނޯޓުކޮށް ކުރާކަމެއް ކަމުގައި ޓިކެޓް ވިއްކުން ނުވެއެވެ. ދަތުރު ކުރަން ބޭނުންނަމަ ޖެހެނީ ބުނި ކޮންމެ އަގެއް ދީގެން ނަމަވެސް ޓިކެޓް ނަގާށެވެ.

ދަތުރުކޮށްދޭ ފަރާތަށް ފައިސާ މުހިންމުވާގޮތަށް ދަތުރުކުރަން ޓިކެޓް ނަގާފަރާތަށް ވަގުތު މުހިންމުވެއެވެ. ނަމަވެސް މަދުން ނަމަވެސް ފެންނަމުންދާ ހަގީގަތަކީ ގަޑިޔަށް ދަތުރު ނުކުރެވޭ ގޮތްވުމެވެ. ފުރަން ހަމަޖައްސާފައިވާ ގަޑިއަށް ނުފުރޭތަން އާދެއެވެ. ވަގުތު ކޮޅެއް ލަސްވެ ހިނގައިދާނެއެވެ. ނަމަވެސް ދުވަހެއް ލަސްވުމަކީ ނުވަތަ ދަތުރު ކުރެވޭގޮތް ނުވުމަކީ ދަތުރަށް ތައްޔާރުވެ ހުންނަ ފަރުދަކަށް ވަރަށްވެސް ބޮޑު ގެއްލުމެއް ކަމުގައި ވެގެންދާނެ ކަމެކެވެ. މިކަމުގެ ޒިންމާ ނަގާނެ ފަރާތެއް މިޖެހެނީ 'އިއުލާނެއް ކޮށްގެން' ހޯދާށެވެ. މާނައަކީ ނިކަމެތި މީހާ ނިކަމެތިވީއެވެ. ޒިންމާނަގާނެ ފަރާތެއް ނެތި އަތްދަބަސް ހިފައިގެން ޖެހޭނީ އައިތަނަކަށް އެނބުރި ދާށެވެ.

ދެންއޮތީ މިކަމުގެ އިދިކޮޅެވެ. ސަބަބެއް ދިމާވެގެން ނަމަވެސް އާންމު ފަރުދަކަށް ގަޑިއަށް ހާޒިރު ނުވެވިއްޖެނަމަ އަސްތާ އެޖެހުނީ ބޮޑުތާނގައެވެ. މިފަދަ ހާލަތެއް ދިމާވެއްޖެނަމަ، ދޮގުހަދާ މީހަކު ނަމަ ބުނާނީ ދަތުރު ކޮށްދެފަރާތުން ދަތުރުވެރިޔާގެ 'ލޮލަށް ލޭއަރުވަލާނެ' ކަމުގައެވެ. މިހާލަތުގައި ދެއްކޭނެ އުޒުރެއް ނޯވެއެވެ. ޓިކެޓް ނެގުމަށްފަހު ޓިކެޓް ކެންސަލް ކޮށްލަން ބޭނުންވެއްޖެ ނަމަ ވަކި ވަގުތެއްގައި އެކަން ކޮށްދިންނަމަވެސް ޓިކެޓް ނަގަން ހޭދަކުރި ލާރިން ވަކިވަރެއް ދަތުރުކޮށްދޭ ފަރަތުން ނަގައެވެ. މިހެން މިކަން ކުރާނަމަ ދަތުރު ކޮށްދޭ ފަރާތުން ދަތުރު ލަސްވުން ނުވަތަ ކެންސަލް ވުމުގެ ޒިންމާ ނުނެގެންވި ސަބަބަކީ ކޮބައިތޯއެވެ!! މިކަމުގައި ހައްލެއް ނުވަނީތޯއެވެ؟

ޒިންމާއަކީ އެއްފަރާތުން އުފުލަން ޖެހޭކަމެއް ނަމަ، އެއީ ގޯހެކެވެ. ދަތުރު ކުރުމުގައި ދަތުރުގެ ރައްކާތެރިކަން ކަށަވަރުކުރާ އުސޫލުން މިފަދަ ކަންކަމަށްވެސް ދެފަރާތުންވެސް މުހިންމު ސަމާލުކަމެއްދިނުމަކީ ދެފަރާތުގެ ރުހުމާއިއެކު ދަތުރެއް ފުރިހަމަ ކުރެވޭނެ އެންމެ މުހިންމު އެއްކަންތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *