ރައީސް ޔާމީނުގެ ފުރަތަމަ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާނެކަން ހާމަ ކުރައްވައިފިއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރެއްވި، ތަޖުރިބާކާރު ޤާނޫނީ ވަކީލް ޑރ. ޖަމީލް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ވިލިމާލޭގެ ރައްޔިތުންނަށް ޒަމާނީ ތަރައްގީ އިން ހައްގުވާ މިންވަރު ހޯދައިދޭންޖެހޭ ކަމަށާއި، އަދި އެމަސައްކަތް ފެށުން މާބޮޑަށްވެސް ލަސްވެފައިވާ ކަމަށެވެ.

އޮންލައިން ނޫސް 'މިހާރު' އަށް ދެއްވި އިންޓަވިއު އެއްގައި ޖަމީލް ވިދާޅުވެފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވައުދުތައް މަޖިލީހުގެ ތެރެއިން ފުއްދައިދިނުމަށް އެހީތެރިވެ ދިނުމަކީ މުހިންމު ކަމެއް ކަމުގައެވެ. އަދި ރައްޔިތުންނާއި ގާތުން ސިޔާސީ މަސައްކަތްތައް ކުރެވޭނެ އެއް މާހައުލަކީ ރައްޔިތުންގެ މަޖިލީސް ކަމުގައެވެ. އެހެންކަމުން، އެކަން ފުރިހަމަ ކުރެއްވުމަށް މަޖިލީހަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމުގައިވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް ޖަމީލް ވިދާޅުވީ، ކޯލިޝަަން ސަރުކާރެއް އުފަންވުމުގައި ފުރަތަމަ އެޅުނު ބިންގަލަކީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޒަން(އެމްއޯޔޫ) ކަމުގައެވެ. އިދިކޮޅު އިއްތިހާދުގެ ނަމުގައި އުފެއްދި އެމްއޯޔޫ ގެ އެންމެ އިސް ވެރިއެއްގެ ގޮތުގައިވެސް ކުރިން ހުންނެވީ ޑރ.ޖަމީލް އިތުރަށް ވިދާޅުވީ، ގުޅިފައިވާ އިއްތިހާދުގެ ސަރުކާރެއް އުފެދުނީ ވޭތުވެދިއަ ތިން އަހަރެއްހާ ދުވަހު ކުރެވުނު ވަރަށް ބުރަ މަސައްކަތް ތަކުން ކަމުގައެވެ.

"އަޅުގަނޑު ބޭނުންވަނީ ސަރުކާރުގެ ވައުދުތައް ފުއްދައި ދިނުމަށާއި، ރާއްޖެއަށް ތަރައްގީ ހޯދައިދިނުމުގައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާން" ސަރުކާރުގެ ވައުދުތައް ފުއްދުމުގެ މުހިންމުކަން ފާހަގަ ކުރައްވާ ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އަކީ ރައިސް މައުމޫނުގެ ވެރިކަމުގައި ޖަސްޓިސް މިނިސްޓަރ ކަމާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަންވެސް ކުރައްވާފަވާ ބޭފުޅެކެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ ސަރުކާރުގައި ކޮމިއުނިކޭޝަން މިނިސްޓަރ ކަންވެސް ކުރައްވާފައިވެއެވެ. އެއަށްފަހު ރައީސް ވަހީދުގެ ވެރިކަމުގައި ޖަމީލް ވަނީ ހޯމް މިނިސްޓަރުގެ މަގާމުވެސް އަދާ ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *