ބަންގްލާދޭޝް ރައްޔިތުންގެ ތެރެއިން ރާއްޖޭގައި ވަޒީފާ އަދާކުރަން އައިސް އުޅޭ އަޚުންގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން ދިރިއުޅެމުން އަންނަނީ ވަރަށް ހިތްދަތި، ބުރަ ދިރިއުޅުމެކެވެ. އެމީހުންނާއިމެދު ވަޒީފާދޭ ބައެއް ފަރާތުން ޢަމަލުކުރަނީ ލާއިންސާނީ ދަށުދަރަޖައިގެ، ދެރަވަރު ގޮތްތަކަށެވެ. މިއީ ބަންގްލާދޭޝް ރައްޔިތެއްގެ ހިތްދަތި ދިރިއުޅުމުން ޞަފްޙާއެކެވެ.

“ދިވެހިރާއްޖޭގައި އަހަރެން މަސައްކަތް ކުރަމުން އަންނަތާ މިހާރުމީ ތިން އަހަރެވެ. އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލުވަމުންނެވެ. ބައެއް ފަހަރަށް އަހަރެންގެ މުސާރަ ނުލިބި ހަތަރު ވަރަކަށް މަސްދުވަހުވެސް ހޭދަކުރަން ޖެހެއެވެ. އަހަރުމެންގެ ތެރެއިން ބައެއް މީހުންނަށް އެއްގޮތަކަށްވެސް މުސާރައެއް ނުލިބެއެވެ. އަހަރެންގެ ޝަކުވާތައް ހިއްސާކުރާނެ ރައްޓެހިންނެއް މިތާކު (ދިވެހިރާއްޖެއަކު) ނެތެވެ.

ދިވެހިރާއްޖެއަށް އައުމަށްޓަކައި އަހަރެންގެ ހުރިހައި މުދަލެއް ވިއްކައިލީމެވެ. އަހަރެން ހޯދާފައިވާ ހުރިހައި ފައިސާއެއް ހޭދަކުރީމެވެ. ނަމަވެސް މިތަނަށް އައިސް މިއުޅޭ އަހަރުމެންގެ އެންމެނާމެދު އަމަލުކުރަމުން ދަނީ ޖަނަވާރުންނާއިމެދު ކަންތައްކުރާ ގޮތަށެވެ. އަހަރުމެން ބުރަކޮށް މަސައްކަތްކޮށް އަހަރުމެންނަށް ޙައްޤުވެގެންވާ މިންވަރުވެސް ނުލިބެއެވެ.

އަހަރެންގެ ހުންނަނީ އެންމެ ދަރިފުޅެކެވެ. ދަރިފުޅު އުފަންވިފަހުން އަހަރެން އެ ދަރިފުޅެއް ނުދެކެމެވެ. މިހާރު ދަރިފުޅުގެ އުމުރުން މިއީ ދެ އަހަރެވެ. ކޮންމެ ހިނދުކޮޅެއް އަހަރެން ހޭދަކުރަމުން މިގެންދަނީ އެދަރިފުޅު ދެކިލުމުގެ އުއްމީދުގައެވެ. މައިންބަފައިންނާއި އަހަރެންގެ ކުޑަކުޑަ ޢާއިލާއާއިމެދު ފިކުރު ކުރުމުގައެވެ. މިހާރު އަހަރެން އެއްވެސް މަސައްކަތެއް ކުރުމުގެ ޝައުޤެއް ނެތެވެ. ނަމަވެސް އަހަރެން މިތަނަށް އައުމަށް ފައިސާ ހޯދުމަށް އަހަރެންގެ ބައްޕަ ނަގާފައިވާ ބޮޑު ލޯނެއް އޮތުމުން މިތާނގައި މަސައްކަތް ކުރުމަށް މަޖުބޫރެވެ. ނެގި ލޯނަށްވާ ފައިސާ އެއްކޮށް ދައްކައި ޚަލާޞް ނުކޮށް އަހަންނަށް އެނބުރި ދެވޭކަށްވެސް ނެތެވެ. މިއީ އަހަރުމެންގެ ގިނަ މީހުންގެ ޙާލަތެވެ. ނުވަތަ ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ ހުރިހައި ބަންގްލާދޭޝް ރަޢްޔިތުންގެ ހާލަތެވެ.

މި އަނިޔާވެރި މާހައުލުގައި އަހަރުމެންގެ މީހުންނަށް ކިރިޔަކިރިޔާ ދިރިއުޅެވެނީއެވެ. ކޮންމެ މީހަކުވެސް އެމީހުންގެ އަމިއްލަ ސާފުތާހިރުކަމާއި ޞިއްޙަތަށް ވިސްނަމުންދާއިރު، އަހަރުމެން ގެންގުޅެމުން އަންނަނީ ވަލުޖަނަވާރުން ގެންގުޅޭ ކޮށްޓަކަށްވުރެންވެސް ދެރަ މާހައުލެއްގައެވެ. ދިހަވަރަކަށް ފޫޓުގެ ކުޑަކޮޓަރިއެއްގައި 60 މީހުން ނުވަތަ 70 ވަރަކަށް މީހުން، އެންމެ ފާޚާނާއެއް ބޭނުންކޮށްގެން ދިރިއުޅެމުން ގެންދެއެވެ.

އަހަރުމެންގެ ޙާލަތު ހުންނާނެ ދަށު ދަރަޖައާއިމެދު ގިނަ ދިވެހީން ދެކެނީ ކިހިނެތްހެއްޔެވެ؟ މުޑުދާރު ތަންތަނުގައި ނިދަމުން، އެކަށީގެންވާ މުސާރައެއް ނުލިބި ނުވަތަ އެއްވެސް ގޮތަކަށް މުސާރައެއް ނުލިބި، ބަނޑުފުރާނަ މުއްތިކޮށްލާނެ ކާއެތިކޮޅެއް ނުލިބި، އަމިއްލަ ވަޠަން، ބަންގްލާދޭޝް ގައި ތިބި އަހަރެމެންގެ އާއިލާތަކަށް އަޅައިނުލެވި، އަހަރުމެން މިއުޅޭ ހިތްދަތި ހާލާއިމެދު ހަމްދަރުދީވަނީ ކިތައް ދިވެހީންބާވައެވެ؟”

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.