މިދުވަސްކޮޅު އެންމެ ބާރަށް އަޑުއިވޭ އެއް ވާހަކަ އަކީ ރައީސް ސޯލިހްގެ ސަރުކާރުން ވައުދު ވެފައިވާ އެތެރޭގެ އުދުހުން ތަކުގެ އަގު ތިރި ކުރާ ވާހަކަ އެވެ. ފުރަތަމަ ތިރީސް ދުވަސް ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރެއިން މުހިންމު އެއް ކަމެވެ. ތިރީސް ދުވަސް ފާއިތުވެގެން ދިޔައީއެވެ. އަގުތައް އަދިވެސް ހުރީ ކުރިން ވެސް ހުރި ބޮޑެތި އަގު ތަކުގައި އެވެ.

އެތެރޭގެ އުދުހުން ތަކުގެ ކަންކަމާއި ހަވާލު ވެފައި އޮތީ ޓްރާންސް ޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާއި އެވެ. ނަމަވެސް މިހާރު އަޑުއިވޭ ވާހަކަ ތަކުން ފަހުމު ވަނީ، އެވައުދު ފުއްދަން ޖެހޭނީ ރައިސުލް ޖުމްހޫރިއްޔާގެ އޮފީހުން ކަމެވެ. ސީދާ ރައީސް ސޯލިހުގެ ޒިންމާއެއްގެ ގޮތުގައި އެވެ. ޓްރާންޕޯޓް މިނިސްޓްރީ އިން ކުރާނެ އެއްވެސް ކަމެއް ނެތެވެ. ދަތުރުފަތުރު ގެ ކަންކަމާއި ބެހޭވަޒީރު އައިޝަތު ނަހުލާ ކުރައްވަން ހުރި ކަންކަން ނިންމަވާފައި ރައީސް ސޯލިހް ގެ އިސްތަށިފުޅުގައި ޒިންމާ އެޅުވިތަނެވެ.

މިފަދަ ކަމެއްގައި ކަންކަން ވާން ޖެހެނީ އެހެން ތޯއެވެ؟ އެތެރޭގެ އުދުހުން ތަކުގެ އަގު ކަނޑަ އަޅަން ޖެހެނީ ރައީސް ސޯލިހް ތޯއެވެ؟ މިއުސޫލުން އަގު ކަނޑަ އަޅަން ޖެހޭނަމަ، ފިހާރަތަކުގައި ވިއްކަން ހުންނަ ތަކެތީގެ އަގުވެސް ކަނޑައަޅާނީ ސީދާ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުންނެވެ. އެއް މުދަލެއް އެކި ފިހާރަ ތަކުގައި ވިއްކަން ހުންނަ އަގު ވަރަށް ތަފާތެވެ. ބައެއްފިހާރަ ތަކުގައި ވަރަށް އަގު ބޮޑެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުން ތަކުގެ އަގު ބޮޑު ވާހަކަ އަބަދުވެސް ދެކެވެއެވެ. އަގު ބޮޑުވާ ސަބަބަށް ހައްލެއް ހޯދިފައި ނެތެވެ. އަދި ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރާތަނެއްވެސް ނުފެނެއެވެ. އަގު ހެޔޮ ކުރާނަމަ ފުރަތަމަ ކަމަކަށް ވެސް ކުރަންޖެހެނީ އަގުބޮޑުވާން ދިމާވާ ސަބަބު ހޯދައި އެކަމަށް ހައްލެއް ގެނައުމެވެ. އެކަން ކުރާތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި ދައްކަނީ ސަރުކާރުން އެއާލައިން ހިންގާ ކުންފުނިތަކަށް އިނާޔަތާއި އެހީތެރިކަންދޭ ވާހަކަ އެވެ. މިއީ މިގޮތައް އިނާޔަތާއި އެހީތެރިކަން ދީގެން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ކަމެއް ތޯ އެވެ؟

ވީޓީވީގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައި ވަނީ އެތެރޭގެ އުދުހުންތަކުގެ ޓިކެޓް އަގުހެޔޮކުރީމައި އެއާލައިންތަކުގެ ސޭލްސްއަށް ބޮޑު ތަފާތުތަކެއް އަންނަ ކަމަށެވެ. އަދި އެހާ ބޮޑު ބަދަލެއް ސޭލްސްއަށް އަންނަ އިރު މިނިސްޓްރީއިން އަގުތަކެއް ކަނޑައެޅުމުން ސަރުކާރުން ބަލާފައި ސަރުކާރުން އެބަޔަކަށް ސަބްސިޑައިޒް ކޮށްދޭން ޖެހޭވާހަކައެވެ. މިދައްކަނީ މަސްލަހަތު ފުށުއަރާ ވާހަކައެވެ.

ސަރުކާރުގެ އެއާލައިން މޯލްޑިވިއަން ފިޔަވައި ދެން ރާއްޖޭގައި އެންމެ ގިނަދުވަސް ވީއެއާލައިނަކީ ޓްރާންޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މަސްލަހަތު އޮތް އެއާލައިނެކެވެ. ޓްރާންޕޯޓުން އަގުތަކެއް ކަނޑައެޅީމައި ސޭލްސް ދައްވެގެން މަދުވަނީ ޓްރާންޕޯޓް މިނިސްޓަރުގެ ގެއަށް ވަންނަ ފައިސާއެވެ. އެހެން ކަމުން ދައުލަތުން އިނާޔަތްތަކާއި އެހީތެރިކަން އަމިއްލަ އެއާލައިން ތަކަށްވެސް ދެނީ ތޯ އެވެ؟ އެއީ އަދި ސާފު ނުވާ ކަމެކެވެ.

އެތޭރޭގެ އުދުހުން ތަކުގެ އަގު ހެޔޮ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ނުވަތަ މޯލްޑިވްސް ސިވިލް އޭވިއޭޝަންއިން އަގު ކަނޑައަޅާކަށް ނުޖެހޭނެ އެވެ. އެ މުއައްސަސާ ތަކުގެ ޒިންމާ އަކީ އެއާލައިން ތަކުން ކަންކުރަނީ ހެދިފައި ވާ ގާނޫނާއި ގަވާއިދު ތަކާއި އުސޫލުތަކާއި އެއްގޮތައް ތޯ ބެލުމެވެ. އުދުހުން ތަކުގެ އަގު ކަނޑައެޅުމެއް ނޫނެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ހަމަ އަގަށް ގެނައުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސަރުކާރު އެއާލައިންގެ ކަންކަން ރަނގަޅުކޮށް ހަރުދަނާ ކުރުމުވެ. މިވަގުތުވެސް އަމިއްލަ އެއާލައިން ތަކުން ވިއްކާ ޓިކެޓް ސަރުކާރުން ހިންގާ އެއާލައިނަށްވުރެ އަގު ހެޔޮވެއެވެ. މިއީ މިކަން އޮންނަން ޖެހޭ ގޮތެއް ނޫނެވެ. ސަރުކާރުން ވެފައިވާ އެތެރޭގެ އުދުހުން ތަކުގެ އަގު ހެޔޮ ކުރުމުގެ ވައުދުގެ އަމާޒަކީ ސަރުކާރުން ހިންގާ އެއާލައިން މޯލްޑިވިއަންގެ އަގުތައް ތިރި ކުރުމެވެ. މޯލްޑިވިއަން ގެ އަގުތައް ވާދަ ކުރެވޭ އަގުތަކަކަށް ވީމައި އަމިއްލަ އެއާލައިން ތަކުގެ އަގުތައްވެސް އެ މިންގަނޑަށް ފެތިގެން ދާނެއެވެ.

އާސަރުކާރު އައި ފަހުން ސަރުކާރު އެއާލައިން މޯލްޑިވިއަން އާއި އަލަށް ހަވާލުވި އެމްޑީ ގެ ވިސްނުން ހުރީ ފުރަތަމަ ކަމަކަށްވެސް އެކުންފުނީގެ މޫނުމަތި ރީތި ކުރުމަށެވެ. ކުންފުނީގެ އެތެރޭގެ ކަންކަން ކޮންމެ ގޮތަކަށް ހުއްޓަސް، ކުންފުނީގެ މޫނުމަތި ރީތި ވީމައި ފުރިހަމަ ވީއެވެ. ރާއްޖޭގެ އެތެރޭގެ އުދުހުން ތަކުގެ އަގު އިންތިހާ އަށް ބޮޑެވެ. އުދުހުން ތަކުގެ އަގު ބޮޑު ވުމާއި ގުޅިފައި އޮތީ މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަންގެ އެތެރޭގައި ހުރި ބޮޑެތި މައްސަލަތަކާއި އެވެ. މި މައްސަލަތައް ހައްލު ނުކޮށް ދެމެހެއްޓެެނިވި ގޮތެއްގައި އެތެރޭގެ އުދުހުން ތަކުގެ އަގު ކުޑައެއް ނުކުރެވޭނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.