ރައީސް ޔާމީނު އާއިއެކު ނޫނީ ސިޔާސީ މަސައްކަތެއް ނުކުއްވާނެ ކަމަށާއި، ރައީސް ޔާމީނުގެ ސިޔާސީ ހަޔާތް ނިންމަވާ ލައްވައިފިނަމަ، އޭނާވެސް ސިޔާސީ ކަންކަމާއި ދުރަށް ވަޑައިގަންނަވާނެކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.
ކޮންމެ ހުކުރު ދުވަހު 'އަވަސް' އިން ގެނެސްދޭ 'އަވަސް ހުކުރު' ޕްރޮގްރާމަށް ދެއްވި އިންޓަވިއު އެއްގައި އަދުރޭ ވިދާޅުވީ، އޭނާ ސިޔާސީ މަސައްކަތްތައް ކުރައްވަން ފެއްޓެވީ ރައީސް ޔާމީނާއި އެކުގައި ކަމަށާއި، ޔާމީނުގެ ސިޔާސީ ހަޔާތް ނިންމަވާލައްވައިފިނަމަ އޭނާވެސް ސިޔާސީ މައިދާނާއި ދުރަށް ވަޑައިގަންނަވާނޭ ކަމުގައެވެ.
މި ޕްރޮގްރާމުގައި އަދުރޭ ވަނީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދަށްކަވާފައެވެ. އަދުރޭ ވިދާޅުވީ، ރައީސް މައުމޫނުގެ ތާއީދާއިއެކު ރައްޔިތުންގެ މަޖިލީހުގެ އެންމެެ ގޮނޑިއެއްވެސް ކާމިޔާބު ނުކުރެވޭނެ ކަމުގައެވެ. ޕީޕީއެމް ރައީސް މައުމޫނަށް ލިބުނަސް، ލިބޭނީ ހަމައެކަނި ޕީޕީއެމްގެ 'ނަން' ކަމަށެވެ. ޕީޕީއެމް ގައި ތިއްބެވި އާމު މެންބަރުންނަކީ ރައީސް ޔާމީނު އަށް ތާއީދު ކުރައްވައިގެން ތިއްބެވި މެންބަރުން ކަމަށާއި، ރައީސް ޔާމީނު އެހެން ސިޔާސީ ޕާޓީއެއް އުފައްދަވައިފިނަމަ އެ މެންބަރުންތައް ތިއްބަވާނީ އެ ޕާޓީއެއްގައި ކަމަށެވެ.
ރައީސް ޔާމީނު އެހެން ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ގަދަވެފައިވާ މިދަނޑިވަޅުގައި، އަދުރޭ އަކީ ރައީސް ޔާމީނުގެ ދިފާއުގައި ވަކާލާތު ކުރަމުން އަންނަ މަދު މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.