ކުޑަކުދިންނަކީ މައުސޫމް ބައެކެވެ. އެންމެ ތުއްތު އިރު ލޯބި ފުއްކޮޅެއްހައި ލޯތްބެވެ. ބޮޑުވަމުން އަންނަ ވަރަކަށް އެކުދިންގެ ހުނުމާ ސަކަރާތްޖެހުން ވެގެންދަނީ މުޅި ގޭތެރޭގެ ދިރުމަށެވެ. ތުއްތު ދަރިފުޅަށް ކަންކަން އުގަންނައި ދިނުމުގައި ގޭގެ އެންމެން އަތުކުރި އޮޅާލައެވެ. 6 މަސް ފުރި ފުރަތަމަ ކާންދޭ ދުވަހު އެއްމެން ވަށާލައި ދަރިފުޅު އަގަޔަށް ހަދާލާގޮތް ބަލަން ތިބެނީ މަޖަލާއި ލޯތްބާއި އެކުގައެވެ. ދަރިފުޅު ފިރުކެން ފަށާއިރަށް ކޮޅަށް ބެހެއްޓޭތޯ ބަލައެވެ. ކޮޅަށް ހުންނަން ފެށުމުން 'ދާއިދޯ' ކިޔަމުން ހިންގުވަން ފަށައެވެ. ދަރިފުޅުގެ ފުރަތަމަ ފިޔަވަޅަކީ އާއިލާގެ ހުރިހާ މެންބަރުންގެ މޫނު މައްޗަށްވެސް ހިނިތުންވުން ގެނެސްދޭ ފިޔަވަޅެކެވެ.
ބޮޑުވަމުން އަންނަ ވަރަކަށް އެކި ކުދިންގެ އުޅުމާއި މިޒާޖު ތަފާތުވެއެވެ. ބައެއް ކުދިން ބަސް މަދުވެފައި މަޑުމައިތިރިއެވެ. ހަލަނި ކުދިންގެ ހަލަނިކަން އިންތިހާއަށް ބައެއްފަހަރު ދެއެވެ. ރުޅި އައިސްގެން އަޑުލަން ޖެހެނީ މަދެއްކޮށް ނޫނެވެ. ފަހަތުން ދުވެ މައިތިރި ކުރަން ޖެހޭވަރުން ދަރިފުޅު ނިންދަވަން އޮށޯންނަ މަންމައަށް ދަރިފުޅަށްވުރެ ކުރިން ނިދޭފަހަރުވެސް އާދެވެ. އެހެންނަމަވެސް ހަލަނި ކުއްޖާ ބަސް ހުއްޓިފައި 5 މިނިޓް ތަނެއްގައި ހުރެއްޖެ ނަމަވެސް ދެން އެޖެހުނީ ބޮޑުތާނގައެވެ. ކަމެއް ވީތޯ އަވަސް އަވަހަށް ސުވާލުތަށް ކުރަންފަށައެވެ. އަނިޔާއެއް ވެފައި ހުރިތޯ އަތްފައި ބަލަން ފަށައެވެ. އަނގަގަދަ ކުއްޖާ ހުރެލާފައި ދައްކާލާ ވަހަކަ އިންނާއި ކޮއްލާ ކޫސަނި މަޖާ ސުވާލުތަކުން އަޑު އަހަން ތިބޭހާ ބަޔަކު ހެއްވާލައެވެ. މިއީ ހަގީގާތުގައިވެސް އުފާވެރިކަމެކެވެ.
ﷲ ސުބްހާނަހޫ ވަތައާލާ އަހަރުމެން އިންސާނުނަށް ދެއްވި އެއްމެބޮޑު އެއް ނިއުމަތަކީ ދަރިންނެވެ. ދަރިންނަކީ މުޅި އާއިލާއަށް އަލިކޮއްދޭ ދަންމަރު ތަކެކެވެ. މައިންބަފައިންގެ ދެލޮލުގެ ނޫރެވެ. އެކުދިންގެ އުފަލާ ހިތްހަމަ ޖެހުމަށްޓަކަައި މައިންބަފައިންގެ ހުރިހައި ވަގުތެއް ހުސްކޮށްލެވިފައި ވަނީ އެކުދިންނަށެވެ. ލޮލު ކުރިމަތިން ދުރަށް ޖެހިލުމަށްވެސް ހިތެއް ނޭދޭނެއެވެ. އެއްވެސް ފަރާތެއްގެ ފުށުން ގޯނާއެއްވާކަށް ނުރުހޭނެއެވެ.
ނަމަވެސް ކަންކަން ވެދާގޮތް ހިތައްގެންނަންވެސް އުނދަގުވާފަދަ ހިތްނޭދޭ އެތައް ކަމެއް ކުރިމަތިވެ ލޯތަކުން ކަރުނަ ހިލުވާލާފައި ވެއެވެ.
އުފާވެރި މާހައިލެއް ހޯދުމަށް ސުކޫލު ބަންދުވުމުން ދަތުރު ދިޔުން މިވަނީ އާންމުކަމަކަށްވެފައެވެ. އާއިލާ އާއި ރަހުމަތްތެރިން ގޮވައިގެންނެވެ. އަދި މިނޫންވެސް ތަފާތު ގައުމުތަކަށް ޗުއްޓީދުވަސްތައް އުފަލުގައި ހޭދަކޮށްލަން ދަތުރުކުރާ އާއިލާތައް ވެސް ނުހަނު ގިނައެވެ. މިކަމަކީ ކޮށްލުން އެދެވޭ އެހާމެ ރަނގަޅުކަންކަމެވެ. ނަމަވެސް ހިތާމައަކީ ގަސްތުގައި ނޫންނަމަވެސް ދަރިންނާއިމެދު އިހުމާލު ވެވުމެވެ. ދަރިން އެކަނި ކޮށްލުމުގެ ސަބަބުން ފޫނުބެއްދޭނެ ބޮޑެތި ހިތާމައާއި ކުރިމަތިލާން ޖެހޭފަހަރު އާދެއެވެ.
ބައެއްފަހަރު މައިންބަފައިންނަށް ވެވޭ އިހްމާލުގެ ސަބަބުން ދަރިންގެ ފުރާނަ އަބަދުގެ އަބަދައް ގެއްލިދާތަން އެބައާދެއެވެ. އަދި އޭގެ އިތުރުންވެސް ނަފްސާނީ ގޮތުންނާ ޖިސްމާނީ ގޮތުންވެސް އެތަށް ދުވަހަކަށް ދެމިގެންދާ ފަދަ ފޫނުބެއްދޭވަރުގެ ބޮޑެތި އަނިޔާ އެކުދިންނަށް އެބަ ލިބިގެން ދެއެވެ. މިއީ ވަރައްވެސް ހިތާމަ ހުރިކަމެކެވެ. މިފަދަ ކަންކަމަށް އިތުރު ސަމާލުކަމެއް ދޭން މިއަދު މިވަނީ ޖެހިފައެވެ. ވަގުތު ފާއިތުވުމުގެ ކުރިން ރައްކައުތެރިވުމަކީ މިކަމަށް އޮތް އެންމެ އެދެވޭ ހައްލެވެ. ދުއާއަކި އާއިލާތަކަށް އުފާ ފާގަތި ދުވަސްތަކެއް މިންވަރު ކޮށްދެއްވާ ތުއްތުކުދިންނަށް އެދެވޭ އަމާން މާހައުލެއް ލިބިގެން ދިއުމެވެ. އެކުދިންނަކީ މާދަމާ މި ގައުމުގެ ހުންގާނުގައި ހިފަން ތިބި 'ނޯޖަވާނުން'ނެވެ.