ރާއްޖޭގައި އުފެދުނު އެއްމެ މޮޅު އެއް ގޯލްކީޕަރ އިމްރާނު މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަކުރުމަށް ކުޅެވޭ ހާއްސަ ފުޓުބޯޅަ މެޗް މިމަހުގެ 30 ވަނަ ދުވަހުގެ ރެއަށް ފަސްކޮށްފިއެވެ.

ކުރިން މި މެޗް ކުޅުމަށް ހަމަޖެހިފައި އޮތީ މިމަހުގެ 29 ވަނަދުވަހުގެ ރޭގައި ކަމަށް ވީނަމަވެސް، މި މެޗް 30 ވަނަދުވަހުގެ ރެއަށް ފަސްކުރެވުނީ، ރަސްމީ އެހެން އިވެންޓް ތަކެއް އޮތުމުން ވީހާވެސް ގިނަ ބަޔަކަށް ދަނޑަށް ވަދެވޭނެ ފުރުސަތު ދެއްވުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މޯލްޑިވްސް ފުޓޮބޯލް ޑޮޓްކޮމް އާއި އެފްއޭއެމް ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ 'މޯލްޑިވްސް ފުޓްބޯލް އެވޯޑްސް'ގެ މިއަހަރުގެ ހަފުލާގެ ބައެއްގެ ގޮތުގައި ރޭވިފައިވާ މި މެޗް 30 ވަނަ ދުވަހުގެ ރެއަށް ފަސް ކުރެވުނަސް، ކުރިންވެސް ރޭވިފައިވާ ގޮތަށް، އެވޯޑް ދިނުމުގެ ހަފުލާ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ ހަވީރު ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ޓިކެޓް ވިއްކައިގެން ގަލޮޅު ދަނޑަށް މީހުން ވައްދައިގެން ކުޅެވޭ މިމެޗުން ލިބޭ ފައިސާގެ ބައެއް، އިމްރާނު ބޭނުންވާ އަމިއްލަ ޖަމުއިއްޔާ އަކަށް ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މެޗްގައި އެއްކޮޅުން ކުޅޭނީ 'އިއްމަ11'ގެ ނަމުގައި ކުޅޭ، ގޯލްކީޕަރ އިމްރާން ގެ ޓީމަކާއި، އެފްއޭއެމް އިން ނަގާފައިވާ 'އެފްއޭއެމް11' އެވެ. އެފްއޭއެމް ގެ ޓީމުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރ ޕީޓަރ ޝުމައިކަލް އާއި ރިއަލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރ މިޝޭލް ސަލްގާޑޯ ކުޅޭއިރު، އިމްރާނުގެ ޓީމުގައި ކުޅޭނީ 2008 ގެ ސާފް ޗެންޕިއަންޝިޕް އިމްރާނާއިއެކު ހޯދި ގައުމީޓީމުގެ ކުޅުންތެރިންނާއި، 2000 ވަނަ އަހަރު ބޭއްވުނު 'ގޯލްޑަން ޖުބިލީ' މުބާރާތުގައި ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ހޮވާލެވޭ ކުޅުންތެރިންގެ ޓީމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *