ދިވެހިރާއްޖޭގައި ބޭނުންކުރާ ސިމްކާޑުގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް އަރާ ކަމުގައި ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
ސައިރިކްސް ކޮލެޖުން ހިންގި ތަމްރީނު ޕްރޮގްރާމެއްގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައި މަލީހް ވިދާޅުވީ، ރާއްޖޭގެ އާބާދީގައި 450،000 އެއްހާ މީހުން ދިރިއުޅެމުން އަންނައިރު، މިއިން ކޮންމެ މީހަކަށް ދެ ސިމްކާޑުގެ މަގުން ބޭނުންކުރަމުން އަންނަ ކަމުގައެވެ.
މަލީހް އިތުރަށް ވިދާޅުވީ، ދުނިޔެ ތަރައްގީ ވަމުންދާ މިންވަރުން ޓެކްނޮލޮޖީ އާއި ނުލާ ދިރިއުޅެވެން ނެތް ކަމުގައެވެ. މިކަމުގެ ސަބަބުން މިދާއިރާ އިތުރަށް ތަރައްޤީ ކުރުމަށްޓަކައި އެންމެ މުހިއްމު ކަމަކީ މިދާއިރާއިން އިތުރު ޒުވާނުން ތަމްރީނު ކުރުން ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޓެކްނޮލޮޖީގެ ދާއިރާގެ ގައުމީ މާސްޓަރ ޕްލޭނެއް އެކަށައެޅުމުގެއ މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި އެއް 'ޕޯޓެލް' އެއްގެ ދަށުން ސަރުކާރުގެ ހުރިހާ ހިދުމަތެއް ބޭނުންކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް މިނިސްޓަރ މަލީހް ވިދާޅުވިއެވެ.
އިންޓަނެޓްގެ އަގުތައް ބޮޑުވުމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށާއި، މިކަމަށް އެކަށޭނަ ހައްލެއް ގެނެސްދިނުމުގެ ގޮތުން، އެކަން 'އެނަލައިޒް' ކޮށް ، އަދި ބަދަލު ގެނެވޭނެ ގިނަ ކަންތައްތަކެއް ހުރިކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވެވިއެވެ.