ރަހުމަތްތެރީން އާއެކު ކާލަން އަރާ ކޮންމެ ފަހަރަކު ނުވަތަ ގިނައިން ވާހަކަތައް ހިއްސާ ކޮށްލައިފިނަމަ ކޮންމެ މީހެއްގެ ފަރާތުންވެސް އިވެނީ އެއް ވާހަކަ ތަކެކެވެ. އިތުރު އެއްކަމެއް ނެތަސް ދެނެގަނެވެނީ އެއްކަމެކެވެ. އެއީ ހަޔާތުގެ ދުވަސްތައް ވޭތު ކުރަމުން ދާއިރު ދިރިއުޅުމުގައި ދިމާވާ އުނދަގޫތަކުގެ ވާހަކައެވެ. ނުވަތަ ދިރިއުޅުމަށް ކުރަންޖެހޭ މަސައްކަތުގެ ވާހަކައެވެ. އަދި ކުރިމަތިލާން ޖެހޭ ކަންކަމުގެ ވާހަކައެވެ. ކުުރުކޮށް ބުނާނަމަ ދިރިއުޅުމަށްޓަކައި ކުރިމަތިލާ، އެކިފަންތީގެ ދަތި އުނދަގުލާއި ތަހައްމަލް ކުރާ ވޭނުގެ ވާހަކައެވެ.
މި ކަމަކީ ދެ މީހެއްގެ މެދުގައި އޮންނަ ގުޅުމުން ފެށިގެން، ވަޒީފާގެ މާހައުލާއި ހަމަޔަށްވެސް ކުރިމަތިވާ ކަމެކެވެ. މިކަމެއް އަހަރެމެން ދޫކޮށްލާފައި ގޮސް އަރާމު ކުރާކަށް ނޯންނާނެއެވެ. ނަމަވެސް އަހަރެމެންނަށް ނޭނގޭ ކަމަކީ މި އުނދަގުލާއި ވޭނަކީ ވެސް ބަދަލު ވާނޭ ކަމެއްކަމެވެ. އަބަދު އެއް ހާލެއްގައި އުޅުން ނުޖެހޭނެކަމެވެ. މި ކަންކަމާއި ކެރިހުރެ ކުރިމަތިލައި، އަދި މިކަންކަން މާޒީގެ ސަފްހާގެ ތެރެއަށް ފުރޮޅާލުން ވެގެންދާނީ އަހުރެމެންގެ ވަރުގަދަ ކަމާއި ކެރުންތެރިކަމުގެ ލާމަސީލު ނަމޫނާޔަކަށެވެ. އަދި އުމުރު ދުވަހަށް މެ އިބްރަތް ލިބިދޭނެ ފިލާވަޅަކަށެވެ. 

ހަޔާތުގެ އެކި މަރްހަލާ ގައި ނުވަތަ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި މިފަދަ ކަންކަމާއި ކުރިމަތި ވާ ވަގުތު ހަނދުމަ ކޮށްްލާނެ ކަންތައްތައް،…. 

1. ހުރިހާ ކަމެއް އަބަދަކު ރަނގަޅަށް ވާކަށް ނުޖެހޭނެއެވެ. ލަހެއްނުވެ އެކަން ފާއިތުވެ ހިނގައިދާނެވެ. އަބަދުވެސް އެންމެ އިތުބާރު ކުރެވޭ މީހަކާ ހިއްސާ ކޮށްލާ ވާހަކަ ދައްކާލާށެވެށެވެ. 

2. ކޮންމެ ކަމެއްގައި އަމިއްލަ ނަފްސު ކުއްވެރި ނުކުރާށެވެ. ތިމާޔަށް ލިބޭ ކޮންމެ ނާކާމިޔާބީއެއް އެއީ އަމިއްލަ ކުށުން ވާ ކަމެއް ނޫނެވެ. 

3. އަނެކާއަށް އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ފަހުމް ނުވާ ކަމަށް ހީކޮށް ، އެއްވެސް މީހަކު ދުރުކޮށް ނުލާށެވެ. 

4. މީހުންނާ ވާހަކަ ދައްކާލާ ކަމެއް ހިއްސާ ކޮއްލުން މުހިންމުވާ ފަދައިން ، ބައެއް ވާހަކައާއި ހިޔާލުތަކަކީ އަމިއްލި ނަފްސުގައި ރައްކާކޮށްލުން އެހާމެ މުހިންމު އެއްޗެކެވެ. 

5. ރުޅި އެއްފަރާތް ކޮއްލާށެވެ. ހިތައް އަރާ ހުރިހާ އެއްޗެއް މީހަކާ ދިމާލައް ގޮވާނުލާށެވެ. ކޮންމެ މީހެއްގެވެސް އަމިއްލަ ދިރިއުޅުމުގައި ތަހައްމަލް ކުރަމުން އަންނަ ކަންތައްތަކެއް ހުންނާނެއެވެ. 

6. ކުރިމަތިވާ ދަތި އުނދަގޫތައް ގުނައި އަދަދު ކުރުމުގެ ބަދަލުގައި އެ ކަންކަމާއި ކެރިހުރެ ކުރިމަތިލާ ، ހުރަސްކުރެވޭނެ ގޮތްތައް ވިސްނާށެވެ. 

7. ވަގުތުގެ ބޭނުން ހިފާށެވެ. ހިތްހަމަޖެހުން ހޯދުމަށް އަވަސްވެ ނުގަންނާށެވެ. 

8. ކުދިކުދި ކާމިޔާބީތަކަށް ފަހުރުވެރިވާށެވެ. އެކަންތައްތައް ދެނެގަންނާށެވެ. ބަލައިގަންނާށެވެ. 

9. އަމިއްލަ ނަފްސު އަނބުރާ ލިބޭނެއެވެ. ބޭނުންވާނީ ކުޑަ ކެއްތެރިކަމެކެވެ. ނުވަތަ ކުޑަކޮށް ހިއްވަރު ކޮށްލާށެވެ.

10. ހުރިހާ ކަމެއް އެއްފަހަރާ ހަމަޔަކަށް އަޅުވާކަށް ނުޖުހޭނެއެވެ. ފަހަރަކު ފިޔަވަޅެއް އަޅާލާށެވެ. ހުރިހާކަމެއް ހަމަޔަކަށް އެޅިދާނެއެވެ. 

11. ކޮންމެވެސް ދުވަހަކުން ފަސް އެނބުރި ބަލާލާއިރު ، މިއަދު ދަތި އުނދަގޫތަކުން ސަލާމަތްވިގޮތް ވިސްނާލެވިފައި އަމިއްލަ ނަފްސާއި މެދު ފަހުރުވެރި ވާނެއެވެ.


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.