ޒީނަތްތެރިވުމަކީ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބާރު އަޅާ ކަމެކެވެ. އިސްލާމްދީން އަޅުގަނޑުމެންނަށް ބާރު އަޅަނީ އިސްލާމީ ހުދޫދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޒީނަތްތެރިވުމަށެވެ. ދެއްކުންތެރިކަން ކުޑަކޮށް، އިއްފަތްތެރިކަން ރައްކާތެރިކުމަށެވެ. ހަށިގަނޑުގެ ގުނަވަންތައް ހަރާމްގޮތުގައި ކަޝްފު ނުކުރުމަށެވެ.
ޒީނަތްތެރިކަމުގެ ވާހަކަ ދައްކާއިރު، އަންހެނުންގެ ވާހަކަ ކޮންމެހެން ދައްކަން އެބަޖެހެއެވެ. ގަޔަށް ބާރު ހެދުން ލުމާއި، ނިވާކަން ކުޑަ ހެދުން ލައިގެން މަގުތަކަށް ނުކުންނަ ކިތަންމެ އަންހެނަކު މި މުސްލިމު ޖަޒީރާގައިވެސް އެބައުޅެއެވެ.
އޭ އުހުތާއެވެ. ތިއީ ގޯހެކެވެ. ވަރަށް ބޮޑު ގޯހެވެ. ދުނިޔޭގެ ލައްޒަތާއި ފޮނި މީރުކަމަށްޓަކައި އުޙްރަވީ ހަޔާތް ބަނަކޮށްނުލާށެވެ.ﷲގެ ގޯތީގައި ތިބާއަށް ވޭންދެނިވި އަޒާބު ލިބޭނެ ފަދަ ކަންކަމާއި ދުރުވާށެވެ. އާދެ، އައުރައަށް ރައްކާތެރިވާށެވެ.
އަންހެނާގެ އައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވާ އެހެން ހުރިހާ ތަނެކެވެ. މުޖުތަމައުގައި ބަރުދަން ހުރި ބައެއް އިލްމުވެރިންގެ ނަޒަރުގައި މޫނާއި ދެއަތްތިލަވެސް އަންހެނާގެ އައުރައިގެ ތެރޭގައި ހިމެނެއެވެ.
އައުރަ ނިވާކުރުމަކީ މާނަ ފުން ބަހެކެވެ. އައުރަނިވާކުރުމަކީ އޭގެ ޒާތުގައި މޫނާއި ދެއަތްތިލަ އެކަނި ފޮރުވުމެއް ނޫނެވެ. އައުރަ ނިވާކުރުމުގެ ތެރޭގައި އަންހެނާ ހެދުން އަޅާގޮތާއި ޒީނަތްތެރިވުމަށް އަންހެނާ ބޭނުންކުރާ ތަކެތިވެސް ހިމެނެއެވެ.
އައުރަ ނިވާކުރުމުގައި ފަރުވާކުޑަކުރާ އަންހެނާއާއި ބެހޭ ގޮތުން ރަސޫލު-ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޡް ކުރައްވާފައިވެއެވެ. عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلَاتٌ مَائِلَاتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لَا يَدْخُلْنَ الْجَنَّةَ وَلَا يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا
މާނައަކީ: އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: "ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ދެ ބާވަތެއްގެ ބައެއް ތިމަންކަލޭގެފާނަށް އަދި ފެނިވަޑައިނުގަނެއެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކަކުން މީހުންގެ ގައިގައި ތަޅާ ބަޔަކާއި (ރައްޔިތުން ތަޅާ އަނިޔާކުރާ ވެރިން)، ހެދުން ލައިގެން އެކަމަކުވެސް އޮރިއާމުން ތިބޭ (ޢައުރަ ނިވާނުވާ ހެދުންލާ) އަންހެނުންތަކެކެވެ. އެއަންހެނުންނަކީ ތެދުމަގާއި ޢިއްފަތްތެރި ކަމުގެ ސީދާމަގުން ލެނބިފައި ތިބޭ، އަދި އެހެންމީހުން ކަތިމަގަށް ލަންބުވާ ބައެކެވެ. އެމީހުންގެ ބޯ ހީވާނީ ބުޚްތުއޭ ކިޔޭ (ދެގޮންގަނޑުލީ ޖަމަލެއް) ޖަމަލުގެ އުސްވެ ލެނބިފައިވާ ގޮންގަނޑުހެނެވެ. އަދި އެމީހުންނަށް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސް ވެސް ނުދުވާނެއެވެ. އެތާނގެ ވަހަކީ މިވެނި އެވެނި ރާސްތާއަކަށް ފޯރާ އެއްޗެކެވެ." (ޙަދީޘް ރިވާ ކުރެވިފައި ވަނީ ޞަޙީޙް މުސްލިމްގެ އައްލިބާސް ވައް ޒީނާ، ބާބުގައި)
އިސްވެދިޔަ ހަދީޡުންވެސް އަންހެނުން އައުރަ ނިވާކުރުމުގެ މުހިންމުކަން ހާމަވެއެވެ. ފުރިހަމަ އައުރައަކުން ޒީނަތްތެރިވާ އަންހެނާ ސަމާލުކަން ދޭން ޖެހޭ ވަރަށް ގިނަ ކަންތައްކެއް ވެއެވެ. ނުވަތަ އިސްލާމީ ޒީނަތްތެރިކަމުގެ ކޯރުން ޒީނަތްތެރިވާ އަންހެނެއްގެ ކިބައިން ފެންނާނެ އެތަކެއް ސިފަތަކެއް ވެއެވެ. ޒީނަތްތެރި އަންހެނާއަކީ އޭނާގެ ބެލުންތައް ތިރިކުރާ އަންހެނާވެ. އޭނާއަކީ ހިލޭ ފިރިހެނުންނާއި ގައިގޯޅިވެ ނޫޅޭ އިތްފަތްތެރި އަންހެނާއެވެ. އޭނާއަކީ، ބަނޑިބަނޑި ލައްވަމުން ހިނގުމަށް ނަފްރަތު ކުރާ އަންހެނާއެވެ. އޭނާއަކީ ފިރިހެނުންގެ ސަމާލުކަން ހޯދުމަށާއި ތުއިގޮތްގޮތައް ވާހަކަ ނުދައްކާ އަންހެނާއެވެ.
އެހެންކަމުން، އެފަދަ އަންހެނަކަށް ވުމަށް ދިވެހި ރާއްޖޭގެ ގިނަ އަންހެން ކުދިން މިއަދު އެބަ އަޒުމް ކަނޑައަޅަން ޖެހެއެވެ. ހާއްސަކޮށް ފޯދެމުން ، މުޖުތައަށް ލޯހުޅުވެމުން އަންނަ އަންހެން ކުދިން އެކަމަށް ސަމާލުކަން ދޭން ޖެހެއެވެ. ޒުވާން ހިތްތަކުގައި ދީނީ ލޯބި އަށަގަންނުވާ، ގައުމުގެ އަންހެން ދަރީންނަކީ އިތްފަތްތެރި އަހުލާޤު ރަނގަޅު ބަޔަކަށް ހަދަން އެބަޖެއެވެ. އެނގިތިބެ ނަރަކައިގެ ގަދަ ހޫނުން ފިހެން ބޭނުންވާ ބަޔަކަށް ގައުމުގެ ގަދަފައިކަމުގައިވާ ކަނބަލުން ވެގެން ނުވާނެއެވެ. ހެދުން އަޅައިގެން އޮރިޔާމުން އުޅެ ނަރަކައިން ޖާގައެއް ކަށަވަރުކުރާ ބަޔަކަށް ގައުމުގެ އަންހެންދަރީން ނުވަމާތޯއެވެ!