ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކުޅުދުއްފުށްޓަށް އިއްޔެ ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުޅުދުއްފުށްޓަށް ފައިބާވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ވަޑައިގެން ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ ހުޅުއްވައިދެއްވިއެވެ. އަދި، އެމަނިކުފާނު ވަނީ ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ މުޢައްސަސާގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި، އެތަނުގެ ޙާލަތު ބައްލަވައިލައްވައި، މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވައިލައްވާފައެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ކުޅުދުއްފުށީ ޒުވާނުންނާ ބައްދަލުކުރައްވައި ޒުވާނުންނަށް ދިމާވާ އެކި އެކި ގޮންޖެހުންތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި ކުޅުދުއްފުށީގެ އިތުރުން ނޮޅިވަރަމާއި ހަނިމާދޫއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.