ހަކުރުހުއްޕި ޒަމާން މާޒީވެއްޖެއެވެ. ވަލުތެރޭގައި ދަގެ އަޅައިގެން ކުޅެ އުޅުނު ދުވަސްތައްވެސް ވީ މިހާރު މާޒީތެރޭގައެވެ. ގަނޑުފިއްލާ ކުޅުމާއި ތަވާޅި ކަހަލަ ކުރީގައި އެންމެ ފޯރިގަދަ ކުޅިވަރުތައްވެސް މިހާރު ދަރިންނަށް ކިޔައިދޭ ޔޯލަ ވާހަކަތަކަށް ވެނިމިއްޖެއެވެ. އެހެންނަމަވެސް މިޒަމާނުގައިވެސް ބައެއް ރަށްރަށުގައި ރައްޓެހިން އެއްވެ މަޖާ އަދި ތަފާތު ކަންކަން ކުރެއެވެ. އެގޮތުން ހާލުފޮޅިއަށް މަޝްހޫރު ކުޅުދުއްފުށި ޒުވާނުން ފަހަކަށް އައިސް ކުރަމުން އަންނަ ތަފާތު ދެކަމެއް މިވަނީ ވައިގާ ހިފާފައެވެ.

ވައްލެ ނުއްޑެ

ނަމުން މިއީ ތަމަޅަ ނުވަތަ ފަރަންޖީ ކަހަލަ ނަމެއްހެން ހީވިނަމަވެސް މިއީ ކުޅުދުއްފުށި ޒުވާނުން މިކަމަށް ދީފައިވާ ޚާއްސަ ނަމެކެވެ. ވަލުގައި ނޫޑުލްސް ކައްކާލައިގެން މަޖާކޮށްލުމެވެ. ކުޑަ ބަޖެޓަކުން މަޖާ ވަގުތުތަކެއް ހޭދަކޮށްލުމަށް ޒުވާނުން ގުރޫޕް ހަދާފައި ވަލުގެ އެކި ހިސާބުތަކުގައި ނޫޑުލްސް ތައްޔާރުކޮށްލަނީ އަންހެންވެރިންނަށް ދޫދިނުމެއް ނެތިއެވެ. މިކަން ބައެއް އޮފީސްތަކުގެ މުއައްޒަފުންވެސް ފޯރިއާއެކު ކުރަމުން ދެއެވެ. ގިނަ ރަށްރަށުގައި މިގޮތަށް ވަލުތެރޭގައި ނޫޑްލްސް ނުވަތަ މަސްބަތް ކައްކާ ހެދިނަމަވެސް، ކުޅުދުއްފުށީގައި މިކަން ޚާއްސަވަނީ ނަމުންނެވެ.

ދަޅު ބަންދު

މިއީ އަދި ރާއްޖޭގެ އެހެން ސަރަޙައްދަކުން ނުފެންނަ ޒާތުގެ ކަމެކެވެ. މިކަންވެސް އާންމުކޮށް ކުރަނީ ޒުވާނުންނެވެ. ހުސްކުރި ބޮޑެތި ދަޅުތެރެއަށް ކުކުޅުގެ ހަން ނޮޅާފައި މިރުސްލުމަށްފަހު ފިޔާ، ލޮނުމެދު އަދި ހިކަނދިފަތް އެޅުމަށްފަހު މަތިޖަހާ އަލިފާންގަނޑެއް ރޯކޮށް އޭގެ ތެރެއަށް ލައިގެން ފިހަނީއެވެ. 20 ނުވަތަ 25 މިނެޓް ގަދަ އަލިފާނުގައި ބޭއްވުމަށްފަހު ނަގާއިރު ހުންނާނީ އެންމެ ހެޔޮވަރަށެވެ. އަވަނަކަށް ލައިގެން މިކަން ކުރުމަށްވުރެ އަވަސް އަދި މީރުކަމަށް މިކަން ތަޖުރިބާކުރި ގިނަ މީހުން ބުނެއެވެ. 

މިދެކަންތައް ކުޅުދުއްފުށީގެ ޒުވާނުން ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ސޯޝަލް މީޑިއާގައި މިކަމުގެ ފޮޓޯތައް ދައުރުވާން ފެށުމުން އެހެން ރަށްރަށުގައި މިކަން ކުރަން މިވަނީ ފަށާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *