ދިވެހިރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ބަލި ތަހައްމަލުކުރާ މީހުން ގިނަ ގައުމެކެވެ. ނުވަތަ ލޭ އަޅަން ޖެހޭ މީހުން ގިނަ ގައުމެކެވެ. ތެލަސީމިއާގެ އިތުރުން މާބަނޑުވުމުގެ ސަބަބުން ދިމާވާ ކަމަކުންނާއި އެކްސިޑެންޓް އަދި މާރާމާރީ ކަހަލަ ކަންކަން ދިމާވުމުން ލޭ ހޯދަން ޖެހެއެވެ. އެހެންނަމަވެސް، ލޭ ހޯދުމަކީ އަދި ވަކިން ވޭން ހުރި ކަމެކެވެ. 

އެކި މީހުން މިކަމުގައި ޢަމަލުކުރަނީ އެކި ގޮތަށެވެ. ގާތް ރައްޓެހިންނާއި އާއިލާ ފުށުން ލޭ ދޭ މީހުން ނުވަތަ ބޭނުންވާ ވައްތަރުގެ ލޭ ހުރި މީހުންގެ މަޢުލޫމާތު އެއް ބަޔަކު ހޯދައެވެ. އާންމުކޮށް ލޭ އަޅަންޖެހޭ ކުއްޖެއް ނުވަތަ މީހެއް ހުންނަ އާއިލާއެއް ނަމަ، ގިނަ ފަހަރު ލިސްޓެއް ގެންގުޅޭނެއެވެ. 

އަނެއް ބަޔަކު އެކަން ސޯޝަލް މީޑިޔާގައި ހިއްސާކުރެއެވެ. މިއަދު ގިނަ މީހުންނަކީ ސްމާޓް ފޯނެއް ގެންގުޅޭ އަދި ސޯޝަލް މީޑިއާގެ އެޕްތަކަށް ފަރިތަ ބައެއްކަމުން ގިނަ ބަޔަކަށް އެންމެ އަވަހަށް މަޢުލޫމާތު ފޯރުކޮށްދެވޭނޭ ވަޞީލަތަކީ އެއީ ކަމަށްވާތީއެވެ. އެގޮތުން ވައިބަރ ގުރޫޕްތައް ހަދައިގެންވެސް މިކަން ކުރެއެވެ. އެގޮތުން މޯލްޑިވިއަން ބުލަޑް ޑޯނާސް އެމްވީ މޯލްޑިވްސް ނަމުގައި ޕަބްލިކް ވައިބަރ ގުރޫޕަކީ ފާހަގަ ކޮށްލެވޭ ގުރޫޕެކެވެ.

ބައެއް ފަރާތްތަކުން ހިންގާ ވެބްސައިޓްތަކުގައިވެސް ލޭދޭ މީހުންގެ ދަފްތަރު ހިމަނާފައި ހުރެއެވެ. އެގޮތުން ފަސޭހައިން ލިސްޓް ބަލައިލެވެން ހުރެއެވެ. ހާދާލު އަތޮޅު ކައުންސިލްގެ ވެބްސައިޓްގައިވާ ބުލަޑް ޑޯނާސް އަކީ ފާހަގަ ކޮށްލަން ޖެހޭ މަސައްކަތެކެވެ. އަދި ބުލަޑް ޑޯނާސް ގެ ވެބްސައިޓެއް ވެސް އިނދެއެވެ.

"ވިންދު" އެޕްލިކޭޝަންއަކީވެސް މިފަދަ ފާހަގަކޮށްލަން ޖެހޭ މުހިއްމު މަސައްކަތެކެވެ. ލޭ ހޯދަން ފަސޭހަ އެޕެކެވެ. ރިކުއެސްޓް ކޮށްލުމުން އެ ހޯދާ ގުރޫޕްގެ ލޭ ހުންނަ މީހުންނަށް މެސެޖެއް އާދެއެވެ.

ލޭ ދިނުމާއި އަދި ލޭ ބޭނުންވާ ފަރާތްތަކަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީ މީހުން ހޭލުންތެރި ކުރުވުމަށް އެންމެ ބޮޑު އެއް މަސައްކަތެއް ކުރާތަން ފެންނަ މޯލްޑިވްސް ބުލަޑް ޑޯނާސްއިން ވެސް އެމީހުންގެ ފޭސްބުކް ޕޭޖާއި ގުރޫޕް މެދުވެރިކޮށް ލޭ ހޯދާ މީހުންނަށް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.

އެހެންނަމަވެސް، ލޭ ހޯދަން ޖެހުމުން އުޅެން ޖެހެނީ ހާދަ ހާލެއްގައެވެ. ސަބަބުތައް ބައިވަރެވެ. މިދެންނެވި ކަންތައްތަކަށް މީހުން އަހުލުވެރި ނުވުމަކީ އެންމެ ބޮޑު މައްސަލައެވެ. އެޕް އެއް އިން ނަމަވެސް، އެ ބޭނުން ކުރާނޭ ގޮތް މީހުންނަށް ނޭނގުމެވެ. ވެބްސައިޓް ނުވަތަ އެޕްގައި ލޭދޭމީހުން ރަޖިސްޓަރ ވި ނަމަވެސް، ލޭ ދިނުމުން އަމިއްލައަށް ޕްރޮފައިލް އަޕްޑޭޓް ނުކުރުމުގެ މައްސަލައެވެ. އޭގެ ސަބަބުން ލޭ ހޯދާ މީހުންނަށް އެ ކުރެވެނީ އުނދަގުލެކެވެ. ލޭ ހޯދަން ގުޅައިލުމުން މިވެނި ދުވަހެއްގެ ފަހުންނޭ ލޭ ދެވޭނީ ބުނާއިރު ވެބްސައިޓް ނުވަތަ އެޕްގައި އިންނާނީ ލޭދެވޭ ހާލަތެއްގައި ހުރި މީހެއްގެ ގޮތުގައެވެ.

މިކަންކަން ރަނގަޅު ކުރެވޭނީ ގައުމީ ފެންވަރުގައި ކެމްޕެއިނެއް ކުރެވިގެނެވެ. ގައުމީ ކަމަކަށް މިކަން ހަދައިގެނެވެ. މިހާރު ހެދިފައިވާ އެޕް ނުވަތަ ވެބްސައިޓްތަކަށް އެހީތެރިކަން ދީގެނެވެ. ނުވަތަ ރަސްމީ އެޕް އެއް ނުވަތަ ވެބްސައިޓްއެއް ނުވަތަ މެސެޖް ކޮށްގެން ލޭހޯދަން އެދެވޭނޭ އިންތިޒާމެއް ހަމަ ޖެއްސިގެނެވެ. އަނެއްކަމަކީ، މީހުން ހޭލުންތެރިކުރުވުމެވެ. ކިތަންމެ މޮޅު އެޕް އެއް ހެދިނަމަވެސް، އެކަން މީހުންނަށް ނޭނގޭނަމަ އެކަމުގެ ފޮނިމީރުކަމެއް ނުލިބޭނެއެވެ. އަދި ލޭދޭމީހުންގެ ޕްރޮފައިލް އަޕްޑޭޓް ކުރުމުގެ މުހިއްމުކަން އެންމެނަށް އަންގައިދޭން އެބަ ޖެހެއެވެ.

މި ދެންނެވި ކަންކަން ކުރެވިއްޖެނަމަ، މި ކުޑަކުޑަ އާބާދީގައި ލޭ ހޯދާ ފަރާތްތަކަށް ލުއި ފަސޭހަ ވެގެންދާނެކަން ޔަގީނެވެ. ބޭނުންވަނީ މިކަން އިސް ނަގައިގެން ކުރާނޭ ރަސްމީ ފަރާތެކެވެ. މިއީ މިހިނދުން މިހިނދަށްވެސް ގައުމީ ފެންވަރުގައި ފަށަންވެފައިވާ މުހިއްމު މަސައްކަތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.