އިސްލާމީ މަރުކަޒުގެ ކައިރިން މިހާރު ބަންދުކޮށްފައި އޮތް އަމީރު އަހުމަދު މަގު, އަންނަ ހަފުތާގެ ތެރޭގައި އާންމުންނަށް ހުޅުވައިލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މިރޭ ވިދާޅުވެއްޖެއެވެ.
ވީޓީވީގެ "އެނގިދާނެތާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވީ، މިހާރު އަމީރު އަހުމަދު މަގުގެ ނުނިމި ވަނީ ހަމަ އެކަނި ގާއެތުރުން ކަމަށެވެ. އަދި އެމަގުގެ ހުރިހާ މަސައްކަތެއް ނިމި އަންނަ ހަފްތާގެ ތެރޭގައި އާންމު ދަތުރުފަތުރުތަކަށް ހުޅުވާލެވޭނެ ކަމަށެވެ. މީގެ އިތުރުން މިމަގު ހުޅުވުމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ކުރަން ޖެހޭ ހުރިހާ މަސައްކަތް ނިމިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ޓްރާންސްޕޯޓު މިނިސްޓްރީއިން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނިންމާފައި ޕްލޭނިންގް މިނިސްޓްރީއާއި ހައުސިންގްގެ ދެއްތޯ، އެބޭފުޅުންގެ ބެލުމުގެ ދަށުންވެސް މަސައްކަތް ފަށްޓާފަ މިހާރު، ހުޅުވަން ޖެހޭ މަގު އެއްކޮށް ހަމަ އެތަނުން އޮތް މާބުލްތަކާއި އެއްޗެހި ނަގާފައި ފަސްގަނޑު އެއްވަރުކޮށްފަ، މިހާރު އެންމެ ފަހު ސްޓޭޖް، މިހާރު ހަމަ އެކަނި ގާއަތުރަންވެފަ މިހުރީ. ކުރިއަށް އޮތް ހަފްތާ ތެރޭގައި ނިމުމަކަށް ދާނެ ކަމަށް އަޅުގަނޑުމެން މި އުންމީދު ކުރަނީ" ޓްރާންސްޕޯޓު މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރު ނަހުލާ އިތުރަށް ވިދާޅުވީ މާލޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވީ ވައުދުގެ 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައިކަމަށެވެ.
"މިހާރު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ އެނަލައިޒްކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ހުޅުވަން ޖެހޭ މަގުތައް ހުޅުވާލުމަށް ވީ ވައުދުގައިވެސް އަޅުގަނޑުމެން ހަޤީގަތުގައި، މިހާރު އަޅުގަނޑު ދަންނަވާނީ 90 ޕަސަންޓް ނިމިފަ" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
އަމީރު އަހުމަދު މަގު އަންނަ ހަފްތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މިރޭ ވިދާޅުވެފައި ވާއިރު، މާލޭގެ މަގުތަކުގެ ހާލަތު ބަލައި، ހުޅުވާލަން ޖެހޭ މަގުތައް 90 ދުވަހުގެ ތެރޭގައި އަލުން ހުޅުވައިލާނެ ކަމަށް ސަރުކާރުން ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އިއުލާނުކޮށްފައި ވެއެވެ.