އިންޑިޔާގެ ބޮޑުވަޒީރުގެ ޚާއްޞަ ދަޢުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް އިންޑިޔާއަށް ކުރެއްވި ޒިޔާރަތުގައި ދެ ޤައުމުގެ ރައީސުން މީޑިއާއާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅަކީ ދުނިޔޭގެ ކަޅިތައް އެއަށް އަމާޒުވެގެންދިޔަ ވާހަކަފުޅަކަށް ވާނެއެވެ. ވަކިން ޚާއްޞަކޮށް އެ ބައްދަލުވުމުގައި އިންޑިޔާގެ ބޮޑުވަޒީރު މޯދީ ހިންދީބަހުން ވާހަކަދެއްކެވުން ފާހަގަކޮށްލެވެއެވެ. ދިވެއްސެއްގެ ހައިސިއްޔަތުން ޚުދު އަޅުގަނޑުވެސް އުއްމީދުކޮށްގެން ހުރީ ރައީސް ސާލިހް ވެސް ވާހަކަފުޅު ދައްކަވާނީ އަމިއްލަ ޤައުމުގެ މާދަރީ ބަހުންކަމަށެވެ. ނަމަވެސް ރައީސް ސާލިހް ވާހަކަފުޅު ދެއްކެވީ އިނގިރޭސި ބަހުންނެވެ.

އިނގިރޭސި ބަހުން ރައީސް ސާލިހު ވާހަކަފުޅު ދެއްކެވުމުން އެކަމުގެ ފާޑުކިޔުންތައް ފެންމަތިވާނެކަން އޭރުވެސް އެނގެއެވެ. ރާއްޖޭގެ މީޑިއާތަކުގެ ފަލަ ސުރުޚީތަކަށް އަރާނެކަންވެސް އެނގެއެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ރައީސް އިނގިރޭސިބަހުން ވާހަކަފުޅު ދެއްކެވުން އެއީ އެހައިބޮޑު މައްސަލައެއް ކަމަކަށް އަޅުގަނޑެއް ނުދެކެމެވެ. މީގެ ކުރިންވެސް މި ޤައުމުގެ ވެރީން ބޭރުގެ ކަރަކަރައަށް ކުރައްވަވާ ޒިޔާރަތްތަކުގައި އާއްމުކޮށް ވާހަކަފުޅު ދައްކަވާފައި ވަނީ އިނގިރޭސި ބަހުންނެވެ.

މިސާލަކަށް އެ ބައްދަލުވުމުގައި ރައީސް ސާލިހު ދިވެހިބަހުން ވާހަކަފުޅު ދެއްކެވީއެވެ. ވަގުތުން ފާޑުކިޔުންތަކާއި ފުރައްސާރަކުރުންތައް އޮހެން ފަށާނެއެވެ. ރިޔާސީ ކެމްޕޭނު ދުވަސްވަރު އިބްރާހިމް މުޙައްމަދު ސާލިހު ވެރިކަމަށް އައުމަށް ދެކޮޅުހަދަމުންދިޔަ މީހުން ގޮވަމުންދިޔަ ގޮވެލިފަތި ގޮވަން ފަށާނެއެވެ. 

'ނުކިޔަވާ އިބޫ އަށް އިނގިރޭސިބަހުން ވާހަކަދައްކަން ނޭނގޭތީ ވާހަކަ އެދެއްކީ ދިވެހިބަހުންނެވެ. މިވެސް ދެން ޤައުމެއްގެ ވެރިއެއް ވިއްޔާއެވެ. ލަދުން ބޯހަލާކެވެ.' މިފަދަ މޭރުމަކުން ސިޔާސީ ގަނާކުރުމުގެ ތީރުތައް އުކަން ފަށާނެއެވެ.

އާނއެކެވެ. ދިވެއްސެއްގެ ހައިސިއްޔަތުން އަޅުގަނޑުވެސް އެދެނީ ދިވެހި ޤައުމުގެ ވެރީން ބޭރުގެ ކަރަކަރައަށް ކުރައްވާ ޒިޔާރަތްތަކުގައި އާއްމުކޮށް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކާއި އެކިއެކި ފޯރަމްތައް ނުވަތަ ޖަލްސާތަކުގައި އަޅުގަނޑުމެންގެ މާދަރީ ދިވެހިބަހުން ވާހަކަފުޅު ދެއްކެވުމަށެވެ. 

ރައީސް ސާލިހުގެ އިންޑިޔާ ދަތުރުފުޅުގައި ދިވެހިބަހުން ވާހަކަފުޅު ދެއްކެވިނަމަ ތަފާތު މަންޒަރެއް ފެނިގެން ދިޔައީހެވެ. ސިޔާސީ ގަނާކުރުމުގެ ބަސްތަކަށްވުރެން ބޮޑަށް ތަޢުރީފުލިބުން މާބޮޑަށްވެސް އިތުރުވެގެން ދިޔައީހެވެ. ދިވެހިންގެ ހިތްތަކަށް ލިބޭނެ ހިތްހަމެޖެހުން ބޮޑުވީހެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *