ޗާބޫކު ނުވަތަ ހަންމުއްޓަކީ ނައާމްސޫފި ކިޔަމަން ކުރުމަށް ބޭނުންކުރާ އާލާތެކެވެ. އަދި ހަމަ މިއާއި އެކު ޗާބޫކަކީ އަޅު އިންސާނުންނަށް އަދަބުދިނުމުގެ ގޮތުން ވިޔާނުދާ ގޮތެއްގައި ބޭނުން ކުރި އެއްޗެއްކަން އެނގެއެވެ. މިޒަމާނުގެ ހާލަތު ބަދަލުވެ ދާދިއުމުގައި ޗާބޫކު ފެންނަން ނެތްކަމުގައިވީނަމަވެސް، ޗާބޫކުން ދިން އަނިޔާ އާއި އެއްފަދަ އަނިޔާ ދަނީ ރަހުމެއްނެތް ގޮތުގައި އިންސާނުންނަށް ދެމުންނެވެ. އެގޮތުން އަޅުން ގެންގުޅޭ ހާލު ބިދޭސީން ލައްވައި ރާއްޖޭގައި މަސައްކަތް ކުރުވެނީ މިފަދަ ބީދައަކުންނެވެ. އަމިއްލަ ވަޒަން ދޫކޮށް ފޮނި އުއްމީދެއްގައި ރާއްޖެ އަންނަ ބިދޭސީން، ލޮލަށް ނުފެއްނަ ޗާބޫކެއްގެ ދަށު ކޮށްލަނީ އޭ ބުންޏަކަސް މުޅިއަކުން ދޮގަކަށް ނުވާނެއެވެ.
ނިކަމެތި އާއިލާތަށް ދޫކޮށް، ފޮނި އުންމީދެއްގައި ހައިހޫނުކަން ފިލުވޭވަރުގެ ފައިސާއެއް ލިބޭތޯ ބިދޭސީން މިރާއްޖޭގައި ނުކުރަނީ ކޮން މަސައްކަތެއްތޯ؟
ނުފޯރާ ހާލުގަ ކޮންމެވެސް ދަތިގޮތަކަކުން ބޮޑެތި ލޯނުތައް ނަގައިގެން މިރާއްޖެއަށް ކޮންމެވެސް ވަޒީފާއެއް އަދާކުރުމުގެ ފޮނި އުންމީދުގައި އަންނަ ބިދޭސީން ވެފައި މިވަނީ ދިވެހީންގެ އަޅުންނަށެވެ. މިއީ ގިނަ ބިދޭސީންނަށް މަޖުބޫރުވެފައިވާ ގޮތެވެ.
ކުޑަ ކޮޓަރި ގަނޑެއްގައި 10 ، 12 މީހުން ފިތި ބާރުވެފައި ތިބޭތިބުން މިވަނީ ދިވެހިންނަށް މައްސަލައަކަށް ނުވެފައެވެ. ޝަކުވާއެއް ކޮށްފިނަމަ އެހާލުގަވެސް އުޅުމުގެ ފުރުސަތު ނުދޭނެކަމަށްބަލާ ކެއްތެރި ކަމާއި އެކު އެތިބީވެސް އިންސާނުންނެވެ. ވަލު ޖަނަވާރުންނަށް ކަންކަން ނުކުރާ ބީދައިން ބިދޭސީންނާއިމެދު އަމަލު ކުރާކަމީ އެންމެންވެސް ދަންނަ ހަގީގަތެކެވެ. މިކަމަށް ފިޔަވަޅެއް އެޅޭނެ ގޮތެއްހަމަ ނެތީބާއެވެ.

މަސައްކަތުގެ މާހައުލަށް ނިކުތްނަމަވެސް ފެންނަނީ މިފަދަ ގޮތަކަށެވެ. ދިވެހީންގެ ބޯހިޔާވަހިކަމަށް މަތިމަށްޗަށް އިމާރާތްތަށް ނަގަމުންދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުނެތި މަސައްކަތުގައި ބިދޭސީން އުޅެމުންދާތަން ފެންނަނީ މަދަކުން ނޫނެވެ. މަސައްކަތް ނިންމާލުމަށްފަހު އާއިލާގެ ހާލުބަލާލެވޭނެ ކަމުގެ ޔަގީންކަމެއް ނެތްހާލުގަވެސް އެބަލަނީ ދިވެހިންގެ އަޅު މަސައްކަތް ކުރުމަށެވެ. އެވެސް އިންސާނުންނެވެ. ދިވެހިންގެ ފުރާނައެކޭ ނިކަމެތި ބިދޭސީ މީހާގެ ފުރާނައެކޭ ވަކި ތަފާތެއްނުވެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅުމުގެ ސަބަބުން މިރާއްޖޭގައި މަރުވީ ކިތައް ބިދޭސީންތޯ މިއީ ވިސްނާލުން މުހިއްމުކަމެކެވެ.
މިފަދައިން ބިދޭސީންނާއިމެދު އަމަލުތައް ކުރަމުންދާއިރު މުސާރަ ފިއްތުމާއި ނުދީ ހިފެހެއްތުމަކީވެސް ކުރަމުންދާ ލާއިންސާނީ އަމަލެކެވެ. މިކަމުގެ ސަބަބުން އުސޫލުންބޭރުން ނަމަވެސް މިރާއްޖޭގައި ތިބޭތިބުމުގައި ލާރި ހޯދުމަށް ކުރެވުނު މަސައްކަތެއް ކުރެއެވެ. ބިދޭސީއަކު ފިލީމަ ފިލާވާހަކަ ވައިގަހިފާ ހިނގައިދާނެއެވެ. ނަމަވެސް ފިލަނީ ކޮން ސަބަބަކާއި ހުރެތޯ މިއީ ގިނަފަހަރު ބަލަންބޭނުން ނުވާކަމެކެވެ. ބިދޭސީންނާއި މެދު އިހްމާލުވެފަވާ މިންވަރު ކޮންމެ ދިވެއްސަކަށްވެސް ވިސްނޭނެއެވެ. މިކަންކަމަށް އެދެވޭ ހައްލެއް ހޯދައި ދިނުމަކީ އިންސާނިއްޔަތައްޓާކައި ކޮންމެހެން ކޮށްދޭން މަޖުބޫރުކަމެކެވެ. އިހުމާލުވެފައިވާ އެހާމެ ބޮޑު ލާއިންސާނީ އަމަލެކެވެ. މިކަމަށް އެދެވޭ އަވަސް ހައްލެއް ހޯދައި ދިނުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް ކަމުގައި ދެކެމާތޯއެވެ. ރަހުމެއް ކުލުނެއް ނެތި ނުފެންްނަ ޗާބުކުން ތިދޭ އަނިޔާ ހަގީގަތުގައިވެސް މާބޮޑެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.